ޕީޕީއެމްގެ ކައުންސިލް ބައްދަލުކުރެއްވުމަށް ފަހު ސަޕޯޓަރުންނަށް މައުމޫން އަތްޕުޅުން އިޝަރާތްކުރައްވަނީ. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
16 އޮކްޓޯބަރ 2016 - 19:17
ޕީޕީއެމް ރޫޅި ކުދިކުދި ވެގެން ގޮސްގެން ނުވާނެ ކަމަށާއި ޕާޓީ އާއި ދިވެހި ރައްޔިތުންގެ ދިފާއުގައި ހުންނަވާނެ ކަމަށް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ހިންގުމާ އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމަށް ފަހު މައުމޫން މިއަދު ވަނީ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވަވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެ ޕާޓީ ދޫކުރައްވައި އެހެން ޕާޓީއަކާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ.
އަޅުގަނޑު މިހިރީ ކޮންމެ ކަމަކާ ވެސް ކުރިމަތިލާން ތައްޔާރަށް. އަޅުގަނޑަކީ އެހާ ހިތްވަރު ބަލި މީހެއް ނޫން. އަޅުގަނޑަކީ ޒުވާން ދުވަސްވަރު 52 ދުވަހު ކުޑަ ގޮޅީގައި އޮތް މީހެއް -މައުމޫން
"އަޅުގަނޑު ޑީއާރުޕީއަކަށް ނުދާނަން. އަޅުގަނޑު ހުންނާނީ ޕީޕީއެމްގައި. ޕީޕީއެމްގެ ލޮބުވެތި މެމްބަރުން އެދިވަޑައިގަންނަވާ ކަމަށްވަންޏާ ޕީޕީއެމްގެ ރިޔާސަތުގައި [ހުންނަވާނީ]. އެ ބޭފުޅުން އެހެން ގޮތަކަށް ބޭނުންފުޅުވެއްޖިއްޔާ އެ ދިޔައީ،" މައުމޫން ވިދާޅުވި އެވެ.
ރާއްޖޭގައި 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޕީޕީއެމް އުފެއްދެވީ އެތައް ބަޔަކު އެގޮތަށް ބޭނުންވެގެން ކަމަށާއި އެމަނިކުފާނާ އެކީ އެ އެންމެން ތިބޭނެކަމުގެ ޔަގީންކަމާ ވެސް އެކު ކަމަށެވެ.
"އެހެން ވިދާޅުވީމަ އަޅުގަނޑުގެ ހިތާ ދެކޮޅަށް ޕާޓީ އުފެއްދީ. އެހެން ދެންނެވީ ޑީއާރުޕީގެ ތަޖުރިބާ އަޅުގަނޑު އަލުން ކުރަން ބޭނުންނުވާތީ،" ޑީއާރުޕީގެ ތެރޭގައި އުފެދުނު މައްސަލަތަކަށް އިޝާރަތްކުރައްވާ މައުމޫން ވިދާޅުވި އެވެ.
މައުމޫން ގޮވާލެއްވީ ޕީޕީއެމްގެ މެމްބަރުން އެމަނިކުފާނާ އެކު ތިބުމަށެވެ.
"މިހާރު މިދާ ގޮތުން ޕާޓީ މުޅިން ރޫޅި ހަލާކުވެގެން ހިނގައިދާނެ. މިއީ ދިވެހި ރައްޔިތުންގެ ހައްގެއް. މިއީ 60،000 މެމްބަރުންގެ ހައްގެއް. އެ މީހުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކުރިއެރުމާއި ތަރައްގީއާ ގުޅިފައިވާ ބޮޑު ޕާޓީއެއް. މި ޕާޓީ މިހެން ކުދިކުދިވެގެން ގޮސްގެން ނުވާނެ،" މައުމޫން ވިދާޅުވި އެވެ.
ޕާޓީގެ ހާލަތު މިހާ ހިސާބަށް ދިޔައިރު ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ނުގެންދަވަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން މައުމޫން ވިދާޅުވީ ކޮންމެ ކަމެއް ވެސް ކުރަންވާނީ އެ ހިސާބަށް ދިއުމުން ކަމަށެވެ.
މައުމޫން މިއަދު ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅުދައްކަވަނީ --ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
"އަޅުގަނޑު ކުރަން ޖެހޭ ކަމެއް ވިއްޔާ އެކަމެއްގެ ވަގުތު އައިމަ ކުރާނަން،" މައުމޫން ވިދާޅުވި އެވެ.
މައުމޫންގެ ތާއީދާ ނުލައި ކައުންސިލް އިންތިހާބު އަދި 2018ގެ ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކުރެއްވިދާނެތޯ "މިހާރު"ން ދެންނެވުމުން ވިދާޅުވީ "އަޅުގަނޑަށް ތިޔާ ދޭތެރޭ އެއްވެސް އެއްޗެއް ދެންނެވެން ނެތް" ކަމަށެވެ. އަދި އިންތިހާބުގެ ނަތީޖާ އަކީ އެނގޭ އެއްޗެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
"ތެދުފުޅެއް ވޭތުވެދިޔަ ތާނގައި ވަރަށް ގިނަ ބޭފުޅުން އިންތިހާބު ކާމިޔާބުކުރައްވާފައި ތިއްބެވީ އަޅުގަނޑު ވެސް މަސައްކަތްކޮށްދީގެން. އެ ބޭފުޅުންނާ އެކީ ތަންތަނަށް ގޮސް ކެމްޕޭންކޮށްދީގެން. މިތަނަށް ވަޑައިގެން އެ ބޭފުޅުންނާ އެކީ ފޮޓޯ ނަގައި ސެލްފީ ނަގައި، އެ ބޭފުޅުންނަށް ތާއީދުކޮށް މެސެޖް ރެކޯޑްކޮށް، މިހުރިހާ ކަމެއް ކޮށްގެން އެ ބޭފުޅުން އިންތިހާބުވީ. މިއަދު އެކަމެއް ދެނެވަޑައެއް ނުގަންނަވާ،" މައުމޫން ވިދާޅުވި އެވެ.
"އެއީ އިންސާނީ ތޮބީއަތް، އެކަމުގައި އެއްވެސް މައްސަލައެއް ނެތް."
މައުމޫން ވިދާޅުވީ މިހާރު ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެ ޕާޓީގެ ގިނަ މެމްބަރުން އިންތިހާބުވެވަޑައިގަތީ ވެސް އެމަނިކުފާނު ކޮށްދެއްވި މަސައްކަތުން ކަމަށެވެ.
"ވަރަށް މައާފާއެކީ ދަންނަވާނީ އަޅުގަނޑު ކޮށްދިން މަސައްކަތުންނޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް [އިންތިހާބު ކާމިޔާބުކުރެއްވީ]. މިއީ ހަގީގަތެއް. އަޅުގަނޑު އެމަނިކުފާނުގެ އަރިހުގައި އެތަން މިތަނަށް ދަތުރުކޮށް ކެމްޕޭންކޮށްދިނީ. މާލޭގައި ވެސް ކެމްޕޭންކޮށްދިނީ،" މައުމޫން ވިދާޅުވި އެވެ.
ވަރަށް މައާފާއެކީ ދަންނަވާނީ އަޅުގަނޑު ކޮށްދިން މަސައްކަތުންނޭ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވެސް [އިންތިހާބު ކާމިޔާބުކުރެއްވީ]. މިއީ ހަގީގަތެއް. އަޅުގަނޑު އެމަނިކުފާނުގެ އަރިހުގައި އެތަން މިތަނަށް ދަތުރުކޮށް ކެމްޕޭންކޮށްދިނީ. މާލޭގައި ވެސް ކެމްޕޭންކޮށްދިނިން --މައުމޫން
މައުމޫން ވިދާޅުވީ ރައީސް ޔާމީނަށް ފުރަތަމަ ބުރުގައި 25 ޕަސެންޓް ވޯޓު ލިބިވަޑައިގަތުމުން ދެވަނަ ބުރު ކާމިޔާބުކުރެއްވުނީ ސީދާ އެމަނިކުފާނު މަސައްކަތްކުރައްވައިގެން އެހެން ޕާޓީތަކުގެ އެހީގައި ކަމަށެވެ.
"ހާއްސަކޮށް ޖުމްހޫރީ ޕާޓީ، ގާސިމް އިބްރާޙިމް ގެއަށް އަޅުގަނޑު ގޮސް ވާހަކަދައްކައިގެން ޖުމްހޫރީ ޕާޓީގެ އެހީ ހޯދައިގެން، އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން، ދެވަނަ ބުރުން އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކާމިޔާބުވެވަޑައިގެން ރައީސްކަމަށް ވެވަޑައިގަތީ. މިހިރީ ތާރީހު. މިއީ އޮޅުވާލެވޭނެ ކަންތައްތަކެއް ނޫން،" މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންތިހާބު ކާމިޔާބުކުރެވޭނީ އެމަނިކުފާނު މަސައްކަތްކޮށްދީގެން ކަމަށް ވިދާޅުވާން ބޭނުންފުޅުނުވާ ކަމަށެވެ.
"އެކަމަކު ދަންނަވާލަން އޮތް ވާހަކައަކީ މިއުޅޭ މައްސަލައަކީ މައުމޫން އަބްދުލް ގައްޔޫމާއި އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާ ދެ މީހުންގެ މައްސަލައެއް ނޫނޭ. އަޅުގަނޑުމެންގެ ތެރޭގައި އެކަހަލަ އަމިއްލަ މައްސަލައެއް ނެތް،" މައުމޫން ވިދާޅުވި އެވެ.
ޕާޓީއަށް ދިމާވެގެން އުޅޭ މައްސަލައަކީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޕާޓީގެ ވިސްނުމާ ފިކުރާއި އަސާސީ ގަވައިދާ ހިލާފަށް ބަޔަކު މަސައްކަތްކުރަމުން ދިއުމުގެ ނަތީޖާ އެވެ.
ސިޔާސީ މަސްރަހު އޮތް ގޮތުން ޖަލަށް ވަޑައިގަންނަވަން ޖެހިދާނެތޯ ދެންނެވުމުން މައުމޫން ވިދާޅުވީ އެމަނިކުފާނަކީ އެހާ ހިތްވަރު ދެރަ ބޭފުޅެއް ނޫން ކަމަށެވެ.
"އަޅުގަނޑު މިހިރީ ކޮންމެ ކަމަކާ ވެސް ކުރިމަތިލާން ތައްޔާރަށް. އަޅުގަނޑަކީ އެހާ ހިތްވަރު ބަލި މީހެއް ނޫން. އަޅުގަނޑަކީ ޒުވާން ދުވަސްވަރު 52 ދުވަހު ކުޑަ ގޮޅީގައި އޮތް މީހެއް،" ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ޖަލަށް ލީ ހާދިސާ އަށް އިޝާރަތްކުރައްވާ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހިތްވަރު އެބަހުރި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙައްވަ
17 October 2016
އަޅެ އަހަރެންއަތުގައި ހާދަގިނަ ފިޔާތޮށި ހެދުން އެބަހުއްޓޭ ދެންކިހިނެއް އެހެންކުލައަކުން އެހާގިނަހެދުންފަހާނީ ވަރަށް ދެރަވޭ
ޚުތު
17 October 2016
މަނިކު ފާނާ ނުލާ ލާހިކެ ނުން ޔާމީން ވެރިކަމަ އަންނާކަށް މަނިކު ފާނަށް ޓަކާ ޔާމީން ލިބުނު 75% ވޯޓަކީ ޔާމީން 25% ވޯޓު ލިބި ދާނެ އެކަމު 100% ގެޓެންޓީ މަނިކުފަނު ނުލާ އެނަޔަކަ ވެރިކަން ނުލިބޭނެ ކަން
ޖޖ
17 October 2016
"އަޅުގަނޑު މިހިރީ ކޮންމެ ކަމަކާ ވެސް ކުރިމަތިލާން ތައްޔާރަށް. އަޅުގަނޑަކީ އެހާ ހިތްވަރު ބަލި މީހެއް ނޫން. އަޅުގަނޑަކީ ޒުވާން ދުވަސްވަރު 52 ދުވަހު ކުޑަ ގޮޅީގައި އޮތް މީހެއް،"
ޔަން
17 October 2016
މަނިކުފާނު ތިއުޅުއްވަނީ ޤައުމު ހަލާކުކުރަން. ރައީސް ޔާމީނަށް ކެއްތެރިކަން ދެއްވާށި. އަހރެމެން މިތިބީ ރައީސް ޔާމީނާއެކު
ޙުސޭނުބެ
17 October 2016
ސާބަސް ރައީސް މައުމޫން ވަރެއް އަދިވެސް ނެތް. ބަޔަކު މައުމޫންގެ ޚިދުމަތްތައް ފަނޑުކޮްށްލަން އުޅުނަސް އެކަމެއް އެގޮތަކަށް ނުވާނެ.
ފިޔާތޮށި ރީދޫ އަސުރުމާ
17 October 2016
ކިތަންމެ ފިއްތުމެއް ފިއްތިއަސް އަހަރުމެން މިތިބީ މައުމޫނާއެކު
ޒެޑްސް
17 October 2016
މައުމޫނު ކިޔާ އެއްޗެއް ދޭހަވޭތަ. ޢެބުނަނީ 2018 އަށް އިރާދަކުރެއްވިއްާ ޔާމީނާއެކުއޭ
ފަލަކު
17 October 2016
ސާބަހޭ ރައީސް މައުމޫނު. އަޅުގަނޑުމެން ދިވެހިރައްޔިތުން އަދި ޕީޕީއެމްގެ ޢާންމު ގިނަ މެންބަރުން މިތިބީ މަނިކުފާނާއެކު. ޔާމީނަށް މިފަހަރު ކުޅިސަމާ ދައްކާލަންވާނެ. ބަޔަކު ބުރަމަސައްކަތުން ޕާޓީއެއް ހަދައި ދިރުވީމާ މާދުރުގައިހުރެފައި ވަޑައިގެން ޔާމީން ޕާޓީ ހައިޖެކް ކުރިޔަ ނުދެއްވާތި. ޖުޑީޝިއަރީއަށް ދޭން އޮތް ނަޞޭހަތަކީ މިހާރުވެސް އެބޭފުޅުންނަށް ލައިނަށްވުރެ ދުރަށް ފިޔަވަޅެއް އެޅިއްޖެޔޭ. ކާނަލް ނާޒިމާއި އަދީބާއި ރައީސް ނަޝީދުގެ މައްޗަށް ފުލުފުލުގައި އެތައް ހުކުމެއް ކުރިގޮތަށް ކަންގެންދަވަން ނުވިސްނައްޗޭ. ދުނިޔެއޮތީ ތިޔަކުރާ ކަންތައް ބަލާށޭ. ރިހައިގެ ކުޅިކަން އަދި ފެންނާނޭ.
އިބޫ
16 October 2016
ވަރަށް އުފާ ވެއްޖެ
ތޯޙިރް
16 October 2016
ނަގޫގޮއްޖެހިފިތުނީމާ ދެންވާގޮތެއްބަލަން ބޭނުމެށްނޫން ލަނޑަޔާވާނީ ހަމަ ލަޑަޔާ