އިންޑިއާ އަކީ އިސްލާމްދީނާއި މުސްލިމުންނާ ދެކޮޅު ގައުމެއް ކަމަށް ޕާކިސްތާނުން ސިފަކުރުމުން އިންޑިއާގެ ދިފާއުގައި ރާއްޖެއިން ތެދުވެއްޖެ އެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކައުންސިލް (އޯއައިސީ) ގެ އޮންލައިން ބައްދަލުވުމެއްގައި ރާއްޖެއިން އިންޑިއާގެ ދިފާއުގައި ވާހަކަ ދެއްކީ އިންޑިއާ އިން މުސްލިމުންނާ ދެކޮޅު އެޖެންޑާ ޕްރޮމޯޓް ކުރަމުންދާ ކަމަށް އެ ގައުމާ ވާދަވެރި ޕާކިސްތާނުން އެ ބައްދަލުވުމުގައި ބުނުމުންނެވެ.

އިންޑިއާގެ މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން 200 މިލިއަން މުސްލިމުން ދިރިއުޅޭ އިންޑިއާގެ މަައްޗަށް އެފަދަ ތުހުމަތެއް ކުރުން ރަނގަޅު ނޫން ކަމަށް އެ ބައްދަލުވުމުގައި ރާއްޖެއިން ބުންޏެވެ. އަދި ސޯޝަލް މީޑިއާގައި ފެތުރޭ މައުލޫމާތުތަކަށް ބިނާކޮށް އެފަދަ ތުހުމަތު ކުރުން ރަނގަޅު ނޫން ކަމަށާއި އޭގެ ސަބަބުން ދެކުނު އޭޝިއާގައި ހަމަޖެހުން ގެއްލިގެން ހިނގައިދާނެ ކަމަށް ވެސް ރާއްޖެއިން ބުނި ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެ އެވެ.

މީގެ އިތުރުން އިސްލާމީ ގިނަ ގައުމުތަކާ އިންޑިއާ އިން މިހާރު ގުޅުން ބަދަހިކޮށްފައިވާ ކަން ވެސް ރާއްޖެއިން އެ ބައްދަލުވުމުގައި ފާހަގަކުރި ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެ އެވެ.

އިންޑިއާގެ ދިފާއުގައި ރާއްޖެއިން ވާހަކަ ދެއްކިއިރު، ރާއްޖެއިން އެންމެ ބޮޑަށް ގުޅުން ބަދަހިކޮށްފައިވާ ގައުމަކީ ވެސް އެއީ އެވެ. ކުރީގެ ސަރުކާރުގައި ޗައިނާ އާއި ރާއްޖެއާ ގުޅުން ބަދަހި ކުރުމުން އިންޑިއާއާ އެކު އޮތް ގުޅުން ހީނަރު ވިޔަސް، މި ސަރުކާރުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކުރީ އިންޑިއާއާ އެކު އެވެ.

މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގަތްއިރު، އޭގެ ފަހުން މިދިޔަ އަހަރު ވެސް ރަސްމީ ދަތުރުފުޅެއްގައި އޭނާ ރާއްޖެ ވަޑައިގެން އެކި ދާއިރާތަކުން އެހީ ދިނުމުގެ އެއްބަސްވުންތަކުގައި ދެ ގައުމުން ސޮއި ކޮށްފައިވެ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އިން ވެސް އަންނަނީ ރާއްޖެއަށް އެހީތައް ވަމުންނެވެ.