ކޮވިޑް-19 އަށް ޕޮޒިޓިވްވެ އައިސޮލޭޝަން ފެސިލިޓީއެއްގައި ބަހައްޓާފައި ހުރި މީހަކު ކޮޓަރީގެ ބާތު ޓަބު ތެރޭ މަރުވެފައި އޮތް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަ އަކީ ދޮގެއް ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފި އެވެ.
އަހްމަދު މުއާޒް ކިޔާ މީހަކު އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި، ބާތުޓަބެއްގެ ތެރޭގައި އޮތް މީހެއްގެ ފޮޓޯއާ އެކު ލިޔެފައިވަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ ފާތިހު އީސާ އޮޅުވެލި އައިސޮލޭޝަންގެ ކޮޓަރިއެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ ކަމަށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ޓެގްކޮށް އޭނާ ވަނީ އެކުވެރިޔާ އަށް ހެޔޮ ދުއާ ވެސް ކޮށްފަ އެވެ.
ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މަރުވެފައި އޮއްވައި ފެނުނު ކަމަށް ބުނާ މީހާއާ ގުޅައިގެން ވާހަކަ ދެއްކުމުން އެއީ އޭނާއާ އެއް ކޮޓަރީގައި ހުރި އޭނާގެ ކޮއްކޮ ލައްވައި މަޖަލަކަށް ނަގައި ފެމިލީ ވައިބަ ގްރޫޕަކަށް ލީ ފޮޓޯއެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ފުލުހުން ވެސް ބުނީ މަރުވެފައި އޮތް މީހެއް ކަމަށް ބުނެ ދައުރުކުރާ ފޮޓޯގައި ހަގީގަތެއް ނެތް ކަމަށެވެ، ކޮވިޑް-19 އާ ބެހޭ ގޮތުން ދޮގު ވާހަކަ ފަރުތާ މައްސަލަތައް ބަލައި ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން މި މައްސަލަ ވެސް ބަލާނެ ކަމަށް ބުންޏެވެ.
މިކަމުގެ ހަގީގަތް އެނގޭ ބައެއް މީހުން، މި ޕޯސްޓާ ގުޅިގެން ފާޑު ކިޔައި، މަޖަލަކަށް ވެސް މިއީ ކުރަންވާ ވަރުގެ ކަންކަން ނޫން ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭން މިހާތަނަށް ކޮވިޑް-19 އަށް 1،513 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މަރުވެފައި ވަނީ ފަސް މީހެކެވެ. މި ބަލި ޖެހޭ މީހުންގެ އަދަދާއި ހާލު ބޮޑުވާ މީހުންނާއި މަރުވާ މީހުންގެ ހުރިހާ މައުލޫމާތެއް އެންއީއޯސީ އިން އަންނަނީ ކޮންމެ ދުވަހަކު ވެސް އާންމުކުރަމުންނެވެ.