ރިޝްވަތު ނެގުމާއި ޖިންސީ ފުރައްސާރަ ފަދަ ސީރިއަސް ތުހުމަތުތަކާ އެކު، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް މިއަދު ސަސްޕެންޑުކޮށްފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބޭއްވި ބައްދަލުމަށް ފަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މައުސޫމް ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ މައްސަލަތަކާއި ޖިންސީ ފުރައްސާރައިގެ އިތުރުން އޭނައާ ގުޅޭ އެ ނޫން ވެސް މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބަށް ބެލުމަށް ފަހު 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރަން އަންގަން ނިންމާފައިވާ ކަމަށެވެ.
އެ ކޮމިޝަނުން ވަނީ، ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ވެސް މިދިޔަ މަހު ބަލަން ފަށައިފަ އެވެ. އޭނައާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ގާޒީ އިބްރާހިމް ކޯޓު އަމުރު ނެރުމުގައި ގާނޫނުއަސާސީއާ ހިލާފުވި ކަމަށް ބުނާ މައްސަލައެއް ހިމެނެ އެވެ.
އޭނާގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބްގެ ސުލޫކީ މައްސަލައެއް ވެސް ބަލަން ފަށައި ޖޭއެސްސީން ވަނީ މިދިޔަ މަހު އޭނާ ސަސްޕެންޑް ކޮށްފަ އެވެ.
ސުލޫކީ މައްސަލަތަކުގައި މީގެ ކުރިން ބައެއް ފަނޑިޔާރުން މަގާމުން ވެސް ވަކިކޮށްފައި ވެ އެވެ.