ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސް ފަހުން، އަންނަ ޖުލައި މަހުގެ ތެރޭގައި ސްކޫލުތައް ހުޅުވާނެ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން މިރޭ ބުނެފި އެވެ.
އެ ސެންޓަރުން ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތައް ދީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފަ އާއި އިރުޝާދާ އެކު އަންނަ މަހުގެ ތެރޭގައި ސްކޫލުތަކާއި މަތީ ތައުލީމް ފޯރުކޮށްދޭ މަރުކަޒުތައް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް އެކަން ކުރާނެ ތާރީހެއް އަދި ހާމައެއް ނުކުރެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މާޗު 12 ވަނަ ދުވަހުން ފެށިގެން ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. މި މުއްދަތުގެ ތެރޭގައި އެކި ވަސީލަތްތައް މެދުވެރިކޮށް ކިޔަވައިދީފައިވެ އެވެ. ކޮލެޖު އަދި ޔުނިވާސިޓީތައް ވެސް، މާޗު މަހުގެ މެދެއްހާ ހިސާބުން ފެށިގެން ވަނީ ބަންދުކޮށްފަ އެެވެ.
އަންނަ މަހުގެ ތެރޭގައި ސްކޫލުތައް ހުޅުވާލާނެ ކަމަށް އެންއީއޯސީން ބުނިއިރު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިއު ނޯމަލްގައި ސްކޫލުތަކުގައި ކިޔަވައިދިނުމަށް ވާންޖެހޭ ތައްޔާރީތައް ވާން ފެށުމަށް ސްކޫލުތަކަށް އަންގައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވައި ސްކޫލުތަކަށް ފޮނުވި ސާކިއުލާގައި ބުނީ ސްކޫލުތަކުގެ ދަންފަޅިތަކުގެ އަދަދާއި ހާޒިރުވާންޖެހޭ ގްރޭޑުތައް ކަނޑައަޅާނީ ސްކޫލުގެ އާބާދީ އާއި ރަށުގެ ބަލިމަޑުކަމުގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށެވެ. ސްކޫލުގެ އިދާރީ ހިންގުމާއި ކިޔަވައިދިނުމުގެ އިންތިޒާމްތަކާއި ދަރިވަރުންނާއި މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރަން މި ހާލަތުގައި ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި އެކަމަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފަސޭހަކަމާ އެކު ފޯރުކޮށްދޭން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ބުންޏެވެ.
ސްކޫލުތައް ހުޅުވައި ހަތަރު ދަންފަޅިއަށް ވެސް ކިޔަވައިދޭން ޖެހިދާނެ ކަމަށް މީގެ ކުރިން މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ސްކޫލުތަކަށް މިނިސްޓްރީން އެންގި ބައެއް ކަންތައްތައް
- ދަރިވަރުން ސްކޫލަށް ހާޒިރުވުމުގެ 15 މިނެޓު ކުރިން މުވައްޒަފުން ސްކޫލަށް ރިޕޯޓުކުރުން
- ސްކޫލު ގޭޓުން ދަރިވަރުންނާއި މުވައްޒަފުންގެ ހުން ހުރި މިންވަރު ބެލުން. އެގޮތަށް ބަލާއިރު 37 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ ހުން ގަދަވެ ބަލީގެ އަލާމާތްތައް ހުރި ނަމަ ކަމާ ބެހޭ އިދާރާތަކުގެ ލަފައަށް އެދުން
- ދަރިވަރުން އަތް ދޮންނާނެ ގޮތް ހަމަޖެއްސުން
- ކިޔަވައިދޭއިރު ފޭސް މާސްކް ބޭނުންކުރުން. ދެ އަހަރުން ދަށުގެ ކުދިން އަދި ނޭވާލުމުގައި ދަތިތައް ހުންނަ ދަރިވަރުން އެ މާސްކް ބޭނުންކުރާކަށް ނުޖެހޭނެ
- ގައިދުރުކޮށް ތިބުމަށް މާކްކޮށްފައި ބެހެއްޓުން. ދަރިވަރުންނާއި މުވައްޒަފުން އިށީނދެ ތިބުމަށް ތިން ފޫޓުގެ ދުރުމިން ބެހެއްޓުން