މާދަމާ އިން ފެށިގެން ވަކި ހުއްދައެއް ނެތި ރޭގަނޑު 11 ޖަހަންދެން ބޭރުގައި އުޅެވޭނެ

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ދިން ލުއިތަކާ އެކު މާދަމާ އިން ފެށިގެން ރޭގަނޑު 11 ޖަހަންދެން ހުއްދަ ނެތި ބޭރުގައި އުޅެވޭ ގޮތަށް ހަމަޖައްސައިފި އެވެ.


ކޮވިޑް-19 މާލެ އިން ފެނުމާ އެކު މުޅި މާލެ ސަރަހައްދު ވަނީ ލޮކްޑައުންކޮށްފަ އެވެ. ދެ މަސް ދުވަހަށް ފަހު ލޮކްޑައުން އަށް ބޮޑެތި ލުއިތަކެއްދީ ހުޅުވައިލީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެ ލުއިތަކާ އެކު ބޭރުގައި އުޅުމުގެ ހުއްދަ އޮތީ ފަތިހު 5 އިން ރޭގަނޑު 10 އަކާ ހަމައަށެވެ. އޭގެ ފަހުން ބޭރުގައި އުޅެވެނީ އެންއީއޯސީން ހާއްސަ ހުއްދައެއް ދީފައިވާ މީހުންނަށް އެކަންޏެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 އަށް ހާއްސަ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ލޮކްޑައުންއަށް ދޭން ނިންމާފައިވާ ލުއިތަކާ އެކު ރޭގަނޑު 11 އާ ހަމައަށް ހުއްދަ ނެތި ބޭރުގައި އުޅެވޭނެ ކަމަށެވެ. މަބްރޫކް ވިދާޅުވީ މި ގަޑިތަކުގައި ކޮންމެ މީހަކަށް ވެސް ނުކުމެ އުޅެވޭނެ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މާދަމާ އިން ފެށިގެން 30 މީހުންނަށް އެއްކޮށް އެއްތަނެއްގައި އުޅެވިދާނެ ކަމަށެވެ. އެހެން އުޅޭ އިރު ވެސް އެޗްޕީއޭ އިން އަންގާފައިވާ ގައިދުރުކުރުމާއި މާސް އެޅުން ފަދަ ނިއުނޯމަލްގެ ގަވާއިދުތަކަށް އަމަލުކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ބަންދު އަދި ބަންދު ނޫން ތަންތަނުގައި ވެސް މިގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމާއި ޓީމް ސްޕޯޓްސްތަކަށް ވެސް ހުއްދަދީފައިވާ ކަމަށެވެ. ނަމަވެސް ކުޑަކުދިންގެ ސްޕޯޓްސް އެކަޑަމީތަކުން ބާއްވަ ހަރަކާތްތަކަށް އަދި ހުއްދަ ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ. ކުޅިވަރުތަކަށް ހުއްދަ ދީފައިވާއިރު އެކަމުގައި އަމަލުކުރަން ޖެހޭނެ ވަކި ހާއްސަ އުސޫލުތަކެއް ޔޫތު މިނިސްޓްރީން އާންމުކުރާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ. މީގެ އިތުރަށް ޖިމްތަކާއި ފިޓްނަސް ސެންޓަރުތައް ވެސް އެތަނަށް ގަޑިއަކު ވަދެވޭނެ މީހުންގެ އަދަދު ފެންނަން ހުންނާނެހެން ބެހެއްޓުމަށް ފަހު، އާންމުކޮށް ހުޅުވުމަށް ހުއްދަ ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެ އިތުރަށް މާދަމާ އިން ފެށިގެން މިސްކިތްތައްކުގައި ޖަމާއަތުގައި ނަމާދުކުރަން ފެށުމާއި އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19ގެ 2،361 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން މިހާރު ފަރުވާދެމުން އަންނަނީ 403 މީހުންނަށެވެ. އަދި 1،944 މީހުން ރަނގަޅުވެފައި ވާއިރު ނުވަ މީހުން ވަނީ މަރުވެފަ އެވެ.