ބޮޑުފިނޮޅުގެ ބިދޭސީންނަށް ތަރުޖަމާނެއް ހަމަޖައްސައެއް ނުދިން، މައްސަލަ ޖޭއެސްސީއަށް

އެތައް މަހަކު މުސާރަ ނުދީ ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި ބިދޭސީން ހިންގި ހަމަނުޖެހުމުގައި ފުލުހުންނާ ކުރިމަތިލުމުން ހައްޔަރުކުރި 19 ބިދޭސީންނަށް މުއްދަތު މަޖިލީހުގައި ތަރުޖަމާނެއް ހަަމަޖައްސައިދީފައި ނުވާ ކަމަށް ބުނެ އެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅަން ނިންމައިފި އެވެ.


ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބޮޑުފިނޮޅުން ހައްޔަރުކުރި ބިދޭސީން ބަންދުގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދަން އޭދަފުށީ މެޖިސްޓްރޭޓް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ. އެއީ އެ މީހުން ހިންގި ހަމަނުޖެހުންތަކުގައި، ނުރުހުން ފާޅުކޮށް، 13 ދިވެއްސަކު ރަހީނުކޮށް، ފުލުހުންނާ ކުރިމަތިލި މައްސަލައިގަ އެވެ.

ހައްޔަރުކުރި ބިދޭސީއަކާ ހަވާލާދީ، އޭނާގެ ވަކީލް އާމިނަތު ނަޝްއާ އާދިލް ރޭ ނެރުއްވި ބަޔާނުގައި ވަނީ އެ ހަމަނުޖެހުމާ ގުޅޭ މުޅިން އާ ވާހަކަތަކެއް އާއްމުކޮށްފަ އެވެ. އެ ބަޔާނުގައި ފުލުހުންނާއި ސީލް މޯލްޑިވްސް އަށް ބޮޑެތި ތުހުމަތުތަކެއް ކޮށްކޮށްފައިވެ އެވެ.

ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުގައި ގެންދިޔަ ބިދޭސީންނަށް ތަރުޖަމާނެއް ހަމަޖައްސައިނުދިން މައްސަލަ ވަކީލް ކުށްވެރިކޮށްފައިވެ އެވެ. އަދި މި މައްސަލަ ބ. އަތޮޅު ޖުޑީޝަލް ދާއިރާ އިން އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމާ މެދު ވެސް ސުވާލު އުފެއްދި އެވެ.

"އެހެނީ، ސީލް މޯލްޑިވްސްގެ ހިއްސާދާރުންނަކީ ބ. އަތޮޅަށް ނިސްބަތްވާ ވިޔަފާރިވެރިން ކަމުގައި ވެފައި ބިރުދައްކާ ހަމަނުޖެހުން ހިންގާނެ ކަމަށް މީގެ ކުރިން ވެސް ރިޕޯޓްކުރެވިފައިވާއިރު، ބ. އަތޮޅު ޕޮލިސް ސްޓޭޝަންގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވުމެވެ،" ބަޔާނުގައިވެ އެވެ.

ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސީލް މޯލްޑިވްސްގެ ހިއްސާދާރުންގެ ރަޖިސްޓަރީ މިހާރު އޮންނަނީ މާލޭގަ އެވެ.

ބަޔާނުގައިވާ ގޮތުން ބޮޑުފިނޮޅުގެ ހަމަނުޖެހުން ހިނގީ ސީ މޯލްޑިވްސްގެ މުހައްމަދު އިދުރީސް ނަމަކަށް ކިޔާ މީހަކު ބިދޭސީންނަށް ބިރު ދެއްކުމުންނެވެ. އޭނާ ބިދޭސީންނާ ދިމާލަށް، "ކަލޭމެންގެ ބޮޑު މީހާ (ރިޒް ކުންފުނީގެ ނައްޓު) ރަށުން ގޮސްފިއޭ، މިހާރު ރަށުގައި ކަލޭމެންގެ އެއްވެސް ބާރެއް ނެތޭ، ކަލޭމެން މުސާރަނުދީ ޑީޕޯޓްކޮށް ރަށަށް ފޮނުވާލާނަމޭ" ބުނި ކަމަށް ބަޔާނުގައިވެ އެވެ. މި އިންޒާރާ އެކު ގޭންގް ބަޔަކު ރަށަށް އަރަން މަސައްކަތް ކުރުމުން އަމިއްލަ ސަލާމަތަށް އެ މީހުން ހުއްޓުވި ކަމަށް ބިދޭސީންނާ ހަވާލާދީ ބަޔާނުގައިވެ އެވެ.

ބަޔާނުގައިވާ ގޮތުން، ފަހުން ފުލުހުންނާ ކުރިމަތިލީ އެ މީހުން ކަމަށް ހީކޮށް ކަމަށް ވެސް މުވައްކިލް ބުނެ އެވެ.

ހަމަނުޖެހުމާ ގުޅޭ ވާހަކަތައް މި ބިދޭސީމީހާ އެހެން ގޮތަކަށް ކިޔައިދީފައި އޮތް ނަމަވެސް 200 އެއްހާ ބިދޭސީންނަށް މުސާރަ ނުދީ ގަދަކަމުން މަސައްކަތް ކުރުވައި ރަށުން ފޭބިޔަ ނުދިން މައްސަލައިގައި ތުހުމަތު ކުރަނީ ރިޒް މޯލްޑިވްސް އަށެވެ. މި މައްސަލައިގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކެއްކޮށް، ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލަތަކާ ގުޅިގެން ފުލުހުން ބުނެފައިވަނީ ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް، ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން ރިޒް ކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީ އާއި ފައިސާ ނުދައްކައި، މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.