ރިޒާގެ ކުންފުނީގެ ނަމާ މެދު ސުވާލު އުފައްދައި ކޯޓު އަމުރު ތަންފީޒު ނުކުރާނެ ކަމަށް ބުނެފި

ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ރިޒާގެ ކުންފުންޏަކުން ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރުވި މީހުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުން އެ މީހުން ބާލައި އެ މީހުންގެ މުދާތައް ވަގުތުން ގެންދިއުމަށް ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ވަގުތީ އަމުރު ތަންފީޒު ނުކުރެވޭނެ ކަމަށް އެ ކުންފުނިން ފުލުހުންނަށް އަންގައިފި އެވެ.


ރިޒާގެ ކުންފުނީގެ ނަމަކީ "ރިޒް" ކަމަށް މިހާތަނަށް ކިޔަމުން އައި ނަމަވެސް އެ ކުންފުނީގެ ވަކީލުން މިހާރު ވިދާޅުވަނީ ކުންފުނީގެ ނަމަކީ އާރްއައިއެކްސް ކަމަށާއި އަމުރު ރައްދުވަނީ "ރިޒް" އަށް ކަމަށެވެ. ތުޅާދޫ ކޯޓުގައި ހިނގަމުންދާ މައްސަލާގައި ވެސް އެ ކުންފުނިން އެންމެ ބޮޑަށް ދައްކަނީ ނަމުގެ ވާހަކަ އެވެ. އެގޮތުން "ރިޒް" އަކީ ވުޖޫދުގައި ނެތް ކުންފުންޏެއް ކަމަށް ވަނީ ބުނެފަ އެވެ.

ކުންފުނީގެ ނަމަކީ އާރްއައިއެކްސް ކަމަށާއި "ރިޒް" ގެ ނަމުގައި ކުންފުނީގެ ޝަހުސު އޮޅޭ ގޮތަށް އަމަލުކުރަމުންދާ ކަމަށް ބުންޏަސް ބޮޑުފިނޮޅުގެ މަސައްކަތާ ހަވާލުވެ ސޮއިކުރި އެއްބަސްވުމުގައި ވެސް "ރިޒް ޕްރައިވެޓް ލިމިޓެޑް" ގެ އެމްޑީގެ ހައިސިއްޔަތުން ރިޒާ ސޮއިކުރައްވާފައި އޮވެ އެވެ. އަދި ދައުވާ ރައްދުވަނީ "ރިޒް" ކުންފުންޏަށް ބުނާ ދައުވާގައި ކުންފުނީގެ ރަޖިސްޓްރީ ނަންބަރު ވެސް އޮވެ އެވެ.

ރިޒް ކުންފުނިން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި ބަދަލު ހޯދަން ސީލް މޯލްޑިވްސް އިން ކުރި ދައުވާގައި އެދުނު ވަގުތީ އަމުރު ރިޒް ކުންފުންޏާއި ފުލުހުންނަށް ރައްދުވެ އެވެ.

ރިޒް ކުންފުނި ތަމްސީލްކުރާ ލޯ ކްރާޓުން، ވަގުތީ އަމުރާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވަގުތީ އަމުރު ނެރުމަށް ބޭއްވި ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިޔައީ ވީޑިއޯ ކޮންފަރެންސްކޮށް ކަމަށާއި ޝަރީއަތް ކުރިއަށް ދަނިކޮށް ޓެކްނިކަލް މައްސަލައެއް ދިމާވެ ގުޅުން ކެނޑުނު ކަމަށެވެ. އަދި ވަގުތީ އަމުރު ނެރުނީ ރިޒް ކުންފުނިން ހުށަހެޅި އިޖުރާއީ ހަ ނުކުތާއާ މެދު ވާހަކަ ދައްކަން ފުރުސަތު ނުދީ، އެންމެ ނުކުތާއަކާ މެދު ގޮތް ނިންމާފައި ކަމަށް ވެސް ބަޔާނުގައިވެ އެވެ. ގޮތެއް ނިންމީ ކޮން ނުކުތާއަކަށް ކަމެއް ބަޔާނަކު ނެތެވެ.

ނަމަވެސް އެއީ ކުންފުނީގެ ނަމާ މެދު ހުށަހެޅި ނުކުތާ އެވެ. އިޖުރާއީ ގޮތުން ތުޅާދޫ ކޯޓުން މި މައްސަލާގައި ވަނީ ގޮތެއް ކަނޑައަޅައިފަ އެވެ.

"ލޯ ކްރާފްޓް މޯލްޑިވްސްގެ ފަރާތުން ސ. ފޭދޫ، ވެލިދޫގެ، އަލީ ސައީދު އަދި ނ.މާފަރު، އީޓުޖެހިގެ، އަބްދުއްސަލާމް އާރިފް ކަމަށް ބަޔާންކުރައްވައި ޖުލައި 8، 2020 ގައި މި ކޯޓަށް ފޮނުއްވި ސިޓީއާ އެކު ހުށަހަޅުއްވާފައިވާ ރިޒް ޕްރައިވެޓް ލިމިޓެޑްގެ ކުންފުނީގެ ޑައިރެކްޓަރުންގެ ބޯޑުގެ ގަރާރުގެ 1 ވަނަ ނަންބަރުގައި ކުންފުނީގެ ނަމުގެ ގޮތުގައި 'ރިޒް ޕްރައިވެޓް ލިމިޓެޑް' ސާފު ދިވެހި ބަހުން ލިޔުއްވާފައި އޮންނަ އޮތުމުން" ކުންފުނީގެ ނަމާ މެދު ސުވާލު އުފައްދާ ނުކުތާ ޝަރީއަތަށް ސާބިތު ނުވާ ކަމަށް ނިންމުމުގައިވެ އެވެ. މީގެ އިތުރުން މި މަހުގެ 8 ވަނަ ދުވަހު ބޭއްވި ޝަރީއަތުގައި އިޖުރާއީ ނުކުތާތަކާ މެދު ވާހަކަ ދައްކަން ދިން ފުރުސަތުގައި މި ވާހަކަ އެއްވެސް ވަރަކަށް ދައްކާފައި ނުވާތީ، އާ ކަންތައްތަކެއް ބަލައިގަނެވޭނެ ތަނެއް ނެތް ކަމަށް އިސް މެޖިސްޓްރޭޓް އަހްމަދު ލަތީފްގެ ނިންމެވުމުގައިވެ އެވެ.

ލޯ ކްރާފްޓްގެ ބަޔާނުގައި ތުހުމަތުކޮށްފައިވަނީ ރިޒްގެ ފަރާތުން ހުށަހެޅި އިޖުރާއީ ނުކުތާތައް ބަލައިނުގަތީ ކޯޓުން މައްސަލަ ބޭރުކޮށްލަން ޖެހިދާނެތީ ކަމަށެވެ. އަދި ސީލްއާ އެއްކޮޅަށް އަމުރު ނެރުމުގައި "ފޮރުވިފައިވާ ސަބަބުތަކެއް" އެބަހުރި ކަމަށް ވަނީ ބުނެފަ އެވެ. އަދި މި ނޫނަސް އެކި ތުހުމަތުތައް ތިން ސަފުހާގެ ބަޔާނުގައި ކޮށްފައިވެ އެވެ.

ރިޒުން ބޮޑުފިނޮޅަށް އެރުވި މީހުން ބާލަން ނެރުނު އަމުރުގައިވަނީ ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން، ރިޒް ކުންފުނީގެ މުވައްޒަފުން ބޮޑުފިނޮޅަށް އަރުވާފައިވާކަން، ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭކަމަށެވެ. މި މުވައްޒަފުން ރަށުން ބާލަން އެންގުމުގެ ބާރު އެއްބަސްވުމުގެ ދަށުން ސީލް އަށް ލިބިދީފައިވާކަން އެނގޭ ކަމަށެވެ.

ސީލް އާއި ރިޒްގެ ދެމެދުގައި މައްސަލަ ގޯސްވީ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ސީލްގެ މުދަލަށް ގެއްލުންދީ ބަޔަކު ރަހީނުކުރި ހިސާބުންނެވެ. ރިޒުން ބުނަނީ މުސާރަ ދޭންޖެހޭނީ ސީލް އިން ކަމަށާއި ސީލް އިން ރިޒަށް ފައިސާ ނުދޭ ކަމަށެވެ. އެކަމަކު ސީލް އިން ވަނީ ރިޒުން ފާހަގަކުރާ އެއްބަސްވުންތަކުގައި ބުނާ އަދަދަށް ވުރެ އިތުރަށް ވެސް ފައިސާ ދެވިފައިވާ ކަމަށެވެ.