އަނިޔާއާ ދެކޮޅު އަޑު ގަަދަވަނީ، މަގުތަކަށް ނުކުންނަން ޖެހުނީ ފުލުހުން ޒިންމާ އަދާނުކުރީމާ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި އަންހެނުންނަށް އަނިޔާކުރުމުގެ ސީރިއަސް މައްސަލަތެކެވެ. އިންސާފު ނުލިބި އަނިޔާ ތަހައްމަލުކުރަމުންދާ އެތައް ބައެކެވެ. ރޭޕްކުރުމާ ދެކޮޅު އަޑުތައް ގަދަވަމުންދާއިރު، އާއްމުންގެ ކަންބޮޑުވުމަކަށް ވަނީ، އެފަދަ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކުގެ ޒިންމާ އަދާނުކުރުމެވެ. ތުހުމަތުކުރެވޭ މީހުން، މުޖުތަމައުބއަށް ދޫވެފައި ތިބުމަކީ އޭގެ އެއް މައްސަލަ އެވެ.


ވޮއިސް އޮފް ޗިލްޑްރަން" އިން ނުކުތީ އެ ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކަށް އަޑު އިއްވައިދިނުމަށެވެ. އަނިޔާ ލިބިފައި ތިބި މީހުންނަށް ހިތްވަރު ދީ އިންސާފު ހޯދުމަށް އަޑުއުފުލުމުގެ ހިތްވަރާ އެކުގަ އެވެ. މިއަދު ވެސް އެކި މެސެޖުތައް ދީ ބޯޑުތަކާ އެކު އަނިޔާއާ ދެކޮޅަށް މުޒާހަރާކޮށްފައިވެ އެވެ.

އަނިޔާއާ ދެކޮޅަށް މިއަދު އަޑު އުފުލަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މަޖީދީމަގު، ޗާންދަނީ މަގާ ގުޅޭ ހިސާބުން މުޒާހަރާ ފެށުމަށް ފަހު، އެ މީހުން މަޑުކުރީ ސޯޝަލް ސެންޓަރުގަ އެވެ. އެ ތަނުގައި އަމިއްލަ އަށް ސަލާމަތްވާން ސެލްފް ޑިފެންސްގެ ހަރަކާތްތައް ދެއްކުމަށް ފަހު އަނެއްކާވެސް މަގުމައްޗަށް ނުކުތެވެ. އެ ހިސާބުން ފުލުހުންނާ ދެމެދު ކުރިމަތިލުމެއް ހިނގި އެވެ. ފުލުހުންގެ ސަފު ފަޅާލައި، މުޒާހަރާގެ ބައިވެރިވިން ވަނީ، މަޖީދީމަގު، ސަން ފްރޮންޓާ ހިސާބަށް ގޮސްފަ އެވެ. ފުލުހުން ފަހުން ވަނީ އެ ތަނުގައި އެ މީހުން ހުއްޓުވައިފަ އެވެ.

އެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.

މީގެ ކުރިން ބޭއްވި މުޒާހަރާތަކަށް ވުރެ މީހުން މަދުވިއަސް، ކަންބޮޑުވުންތައް ހާމަކޮށްފައިވެ އެވެ. އެގޮތުން، ޖިންސީ ގޯނާގެ ތުހުމަތުކުރެވިގެން ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އިއްޔެ ވަކިކުރި އަލީ ވަހީދު ހައްޔަރުކޮށް އެ މައްސަލަ ތަހުގީގުކުރަން ގޮވާލާފައިވެ އެވެ. އޭގެ އިތުރުން އަނިޔާއާ ދެކޮޅަށް މި ސަރުކާރުން ގެންގުޅޭނެ ކަމަށް ބުނި ޒީރޯ ޓޮލެރެންސް ކޮބާތޯ ވެސް ސުވާލު އުފެއްދި އެވެ.

އަނިޔާއާ ދެކޮޅަށް އަޑު އުފުލުމަށްފަހު، ދުއާ ކުރަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

މުޒާހަރާގައި އަޑުއުފުލި ބައެއް މީހުން ބުނިގޮތުގައި އެ މީހުން މަގުމައްޗަށް ނުކުންނަން ޖެހުނީ ފުލުހުން ޒިންމާ އަދާނުކޮށްގެންނެވެ. އެކަމުގައި ކަމާ ގުޅުންހުރި އެހެން އިދާރާތަކުން ވެސް ބައިވެރިވާ ކަމަށް ބުންޏެވެ.

"ސަރުކާރު ބަދަލުވާނެ. އަހަރެމެންނަށް މަގުމައްޗަށް ނުކުންނަން ޖެހުނީ ބަޔަކު ޒިންމާ އަދާނުކޮށްގެން. އަނިޔާއާ ދެކޮޅަށް ހުށަހަޅާ މައްސަލަތަކުގައި އަމަލީ ނަތީޖާ ނުފެންނަނީ ކީއްވެގެންތޯ؟" ކަންބޮޑުވުންތަކާ އެކު ޝުއޫރު ފާޅުކުރި މީހަކު ބުންޏެވެ.

އަނިޔާއާ ދެކޮޅަށް މިއަދު ބޭއްވި މުޒާހަރާގައި މީހަކު ޕޯސްޓަރެއް ހިފަހައްޓައިގެން.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު

އެ މުޒާހަރާގައި ގިނައީ ޒުވާން އަންހެނުންނެވެ. އެ މީހުން ބުނިގޮތުގައި، ފޮށުމާއި ފުރައްސާރައާ ހެދި މަގުމައްޗަށް ނުކުންނަން ވެސް ފަސްޖެހި، ބިރުގަނެވެ. އެހެންވެ އެ މައްސަލަތައް ބަލައި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ވެސް ގޮވާލާފައިވެ އެވެ.

"އަހަރެން ބޭނުމެއް ނޫން އަހަރެންގެ ދަރިއަކަށް މިފަދަ ކަމެއް ވާކަށް. މަގުތަކަށް މި ނުކުތީ އެ ކުދިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭން."