އަދީބުގެ ދައުވާތައް ބާތިލްކުރި ގާޒީގެ މައްސަލަ ޖޭއެސްސީން ބަލަނީ

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލި ދައުވާތައް ބޭރުކޮށްލެއްވި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ތަހުގީގު ކުރަން ނިންމައިފި އެވެ.


އަދީބުގެ ދައުވާތައް ބޭރުކޮށް، އެމަނިކުފާނު މިނިވަންވި މައްސަލައިގައި، ގާޒީ އަލީ އިސްމާއިލް ރަޝީދު ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަމަށް ޖޭއެސްސީ އަށް ހުށަހެޅި މައްސަލަ ބެލުމަށް އެ ކޮމިޝަނުން މިއަދު ވަނީ ކޮމިޓީއެއް އެކުލަވާލައިފަ އެވެ.

ޖޭއެސްސީން ގާޒީގެ މައްސަލަ ބަލާއިރު، ދައުވާތައް ބޭރުކޮށްލަން ކޯޓުން ނިންމުމުގައި ރިޝްވަތާއި ކޮރަޕްޝަނާއި ނުފޫޒު ހިމެނޭ ކަމަށް ތުހުމަތުކޮށް މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅައިފަ އެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތް މި ސަރުކާރުގައި އަލުން ތަހުގީގުކޮށް އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. އެކަމަކު މި ތަހުގީގުގެ ތެރެއިން ކުށަށް އިއުތިރާފުވުމާ ބެހޭގޮތުން ދައުލަތާއި އަދީބާ ދެމެދު ހެދި އެއްބަސްވުން ގޯސް ކަމަށް ކަނޑައަޅައި ގާޒީ އަލީ ރަޝީދު ނިންމެވީ ދައުލަތުން އުފުލި އެ ދައުވާތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

މި ،މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

ޕީޖީ ހުސެއިން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ ނިންމުމުން ޖިނާއީ އިޖުރާއަތުގެ ގާނޫނާ ވެސް ޚިލާފެވެ.

އަދީބުގެ މައްޗަށް އުފުލީ ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއެއްގެ އިތުރުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ.

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ފިލި މައްސަލައިގައި ތިން މަހުގެ ޖަލު ހުކުމެއް ވެސް އިއްވައި ގޭ ބަންދުގައި ހުންނެވި އަދީބަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ނުފޫޒުގަދަ ބޭފުޅާ އެވެ. އެމްއެމްޕީއާރުސީގެ ފައިސާ އިން ސިޔާސީ ބާރުވެރިކަން ހޯއްދަވައި، މުއައްސަސާތައް ކޮންޓްރޯލް ކުރެއްވި ކަމަށް ތުހުމަތުކުރެވޭ އަދީބުގެ މައްޗަށް ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ.

ކޯޓުތަކުން އަދީބު މިނިވަންކުރީ، އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ އެވެ.