ރެސިޑެންސް ވިސާ އިސްލާހު އަނބުރާ ގެންދޭ: އިދިކޮޅު

ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވާފައިވާ ހުށަހެޅުން އަނބުރާ ގެންދަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން މިއަދު ގޮވައިލައިފި އެވެ.


ޕީޕީއެމްގެ އޮފީހުގައި ޕީޕީއެމް/ ޕީއެންސީން މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުވައްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އެ އިސްލާހަކީ ބޭރުގެ އިސްތިއުމާރީ ބާރުތަކުން "ދިވެހި ރައްޔިތުންގެ ގައިގައި އަތްލައިފިކަން ދޭހަކޮށްދޭ" ކަމެއް ކަމަށެވެ. އެ އިސްލާހު ގާނޫނަކަށް ވެއްޖެ ނަމަ ރާއްޖެގެ ގައުމިއްޔަތަށް ވަރަށް ނުބައި އަސަރެއް ކުރާނެ ކަމަށާއި ރައްޔިތުންނަށް އޭގެ ގެއްލުންވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިއަދު އަޅުގަނޑު ހަމަ ސީދާ މަޖްލިސްގެ ރައީސަށް ގޮވައިލަން، މި ހުށަހަޅާފައި އޮތް އިސްލާހު މި ގައުމުގެ މިނިވަންކަމާ އިސްތިގުލާލަށް ޓަކައި އަދި މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތާއި އަޅުގަނޑުމެންގެ މި ގައުމުގައި ވިޔަފާރިވެރިންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ޓަކައި އަނބުރާ ގެންދިއުމަށް،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރެސިޑެންސް ވިސާ ވަރަށް ފަސޭހައިން ލިބޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވެއްޖެ ނަމަ ބޭރުގެ ވިޔަފާރިވެރިންގެ ނުފޫޒު ރާއްޖޭގެ ބާޒާރުަގައި ގަދަވެ، ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ގެއްލުންތައް ލިބޭނެ އެވެ. ބޭރުގެ ވިޔަފާރިވެރިންގެ ނުފޫޒު ގަދަވުމުން ލިބޭ ގެއްލުމުގެ މިސާލެއްގެ ގޮތުަގައި އޭނާ ދެއްކެވީ ރާއްޖޭގައި ކުރިން އުޅުނު އިންޑިއާގެ ވޯރާ ވިޔަފާރިވެރިންގެ ސަބަބުން ރާއްޖޭގެ ވިޔަފާރި އަށް ވެެގެން ދިޔަ ގޮތެވެ.

އޭނާ ވިދާޅުވީ ވޯރާ ވިޔަފާރިވެރިންގެ ސަބަބުން އޭރުގައި ރާއްޖޭގެ މިނިވަންކަމަށް ވަރަށް ބޮޑަށް އަަސަރުކުރި ކަމަށާއި އެގޮތުން ރާއްޖޭގެ މުޅި އިގުތިސާދު އޭރުގައި ބޭރުބައެއްގެ އަތްމައްޗަށް ދިޔަ ކަަމަށެވެ.

"މިހާރު މިގޮތަށް ކަންތައް ހިނގައްޖިއްޔާ އޭގެ އަސަރު އެންމެ ބޮޑަށް ކުރާނެ ބަޔަަކަށް ވާނެ ރާއްޖޭގެ ވިޔަފާރިވެރިން. އަދި ވޯރާ ވިޔަފާރިވެރިންގެ ނަމުގައި ބަޔަކު ނައި ކަމުގައި ވިޔަސް ހަމަ އެގޮތަށް މާލެ ހިސޯރުކޮށްފައި ރާއްޖޭގެ ބާޒާރުތަކުގައި އެބައެއްގެ މުޅި ވިޔަފާރި ފެތުރިގެންދާނީ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އިމިގްރޭޝަން ގާނޫނަށް ގެންނަން އުޅޭ އެ ބަދަލާ ދެކޮޅަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް އިދިކޮޅުން ކުރާނެ ކަމަށެވެ. ގާނޫނަށް އެ ބަދަލު ގެންނަން އުޅެނީ ރާއްްޖެއަށް ތަފާތު އެހެން ދީންތައް ގެންނަން ކުރާ މަސައްކަތެއްގެ ބައެއް ކަަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. އެކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑު އުފުލަން އަބްދުއްރަހީމް ގޮވައިލެއްވި އެވެ.

"މިއަދު އަޅުގަނޑުމެން މިކަމާ ދޭތެރޭގައި ސަމާލު ނުވެއްޖެއްޔާ މާދަމާ އަަޅުގަނޑުމެން ކުރާނެ އެއްވެސް ކަމެއް ނޯންނާނެ،" އަދުރޭ ވިދާޅުވި އެވެ.

ނަޝީދު އެދިވަޑައިގެން އިމިގްރޭޝަން ގާނޫނަށް ހުށަހެޅި އިސްލާހު ދިރާސާކުރި ކޮމިޓީން ނިންމާފައި ވަނީ ނަޝީދު ބޭނުންފުޅުވި ގޮތާ މެދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އެ ކޮމިޓީ އަށް ހާޒިރުކޮށް، އޭނާ ދެކެވައިގަންނަވާ ގޮތް ވެސް ސާފުކުރުމަށެވެ.