ޕީޕީއެމް/ޕީއެންސީން މާލޭގައި ރޭ ކުރި މުޒާހަރާ ހުއްޓުވަން މަސައްކަތް ކުރި ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ހައްޕުނޑު ޖެހި ކަމަށް ފުލުހުން ބުނާ ވާހަކަ އަށް އިދިކޮޅުން އިންކާރު ކޮށްފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަށް ގޮވާލައި އިދިކޮޅުން ފަށާފައިވާ ސިލްސިލާ މުޒާހަރާގައި މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ކަންމަތީގައި ރޭ ބޭއްވި އެއްވުން ރޫޅައިލުމަށް މަސައްކަތްކުރި ދެ ފުލުހެއްގެ ގަޔަށް މުޒާހަރާގެ ބައިވެރިއަކު ހައްޕުނޑު ޖަހާފައިވާ ފޮޓޯއެއް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ރޭ ޓުވިޓާގައި އާންމުކުރެއްވި އެވެ.
ހަމީދު ވިދާޅުވީ، އިއްޔެ އަކީ ކޮވިޑް-19 އަށް ރެކޯޑް އަދަދަކަށް ދިވެހިން ޕޮޒިޓިވްވި ދުވަސް ކަމަށް ވާއިރު، ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށެވެ. އެކަން ތަހުގީގު ކުރައްވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދިވެހި ސިފައިންނާއި ފުލުހުންނަށްޓަކައި އަބަދުވެސް ފަޚުރުވެރިވާ ކަމަށެވެ.
"ޕީޕީއެމް/ޕީއެންސީ އިން ދުވަހަކު ވެސް ދިވެހި ފުލުހުންނާއި ދިވެހި ސިފައިންނަކަށް ކުރިމައްޗެއް ނުލާނެ. އެއީ އަޅުގަނޑުމެންގެ އިހުތިރާމާއި ލޯތްބާއި ގަދަރު ލިބިގެންވާ ދެ މުއައްސަސާ،" އިދިކޮޅު ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް ވިދާޅުވި އެވެ.
ޕީޕިއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވާ ގޮތުގައި، ރޭގެ މުޒާހަރާގެ ތެރެއިން ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖެހީ އެހެން ބަޔަކު ރާވައިގެންނެވެ.
ޝިޔާމް ވިދާޅުވީ، އިދިކޮޅުން ރާވާފައި ވަނީ "ކުޅުތަޅަން" ކަމަށް ބުނެ ފުލުސް އޮފިސަރަކު ގޮސް އޭނާ ކައިރީގައި ބުނި ކަމަށެވެ. އެއީ މުޒާހަރާ ފެށުމުގެ ކުރިން ރޭގެ 8:22 ގައި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އިހުތިޖާޖު ފެށުމުގެ ކުރިން މިރޭ 20:22 ގައި އަޅުގަނޑު ޗާނދަނީ މަގު ދުވާރުމަތީ ހުއްޓާ ފުލުހަކު އައިސް ވިދާޅުވި ސާރމެން މިރޭ ނިންމާފައި އޮތީ ކުޅުތަޅަން ކަމަށް މައުލޫމާތު ލިބެޔޭ،" ޝިޔާމް ވިދާޅުވި އެވެ.
"މި ހަޑި މުޑުދާރު އަމަލަކީ ބަޔަކު ރާވައިގެން ފުލުހުންނަށް ވެސް މައުލޫމާތު ލިބިފައިވާ އަމަލެއްކަން ޔަގީންވޭ."
އޭނާ ވިދާޅުވީ އެފަދަ އަމަލެއް އިދިކޮޅުން ނުކުރާނެ ކަމުގެ ޔަގީންކަން ކުރިން ވެސް ދީފައި ވާނެ ކަމަށެވެ. އިދިކޮޅުން ދިވެހި ފުލުހުންނަށް އިހުތިރާމު ކުރާ ކަމަށާއި އެފަދަ ކަމަކަށް ހިތްވަރު ވެސް ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
މި މައްސަލައިގައި ސީޕީ ހަމީދު ކުރެއްވި ޓުވީޓު ޝިޔާމް ސިފަކުރެއްވީ ސިޔާސީ ސްޓަންޓެއްގެ ގޮތުގަ އެވެ.
"ސިޔާސީ ސްޓަންޓު ނުޖައްސަވާ. ތީތި ނުހިނގާނެ. މާލެ ވަށައިގެން ހުންނާނެ ސީސީޓީވީ. އެ ބަލައިގެން ތި މުޑުދާރު އަމަލު ހިންގި ފަރާތް ހިފައި ހައްޔަރުކުރޭ. ތިއީ ބަޔަކު މަޖަލަކަށް ވެސް ކުރާވަރު ކަމެއް ނޫން،" ސީޕީ ހަމީދުގެ ޓުވީޓަަށް ރައްދު ދެއްވަމުން ޝިޔާމް ވިދާޅުވި އެވެ.
ފުލުހުން އާއްމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެއް ފުލުހެއްގެ ޔުނީފޯމުގެ މޭމައްޗާއި ފުރަގަހުގެ އިތުރުން އޭނާގެ ކަނދުރާ މައްޗަށް ވެސް ހައްޕުނޑު ވަނީ ޖަހައިފަ އެވެ. އަދި އަނެއް ފުލުސް މީހާގެ ޔުނީފޯމްގެ ފަހަތަށްވާ ގޮތަށް ވަނީ ހައްޕުނޑު ޖަހައިފަ އެވެ.
ފުލުހުން ބުނީ މި އަމަލު ހިންގި މީހަކު ހޯދައި އެމީހަކަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންއަންނަ ކަމަށެވެ.