ކޮވިޑް-19 ގައި ރޭ މަރުވި މީހާ، މީގެ ހަފުތާއެއް ކުރިން އޭޑީކޭ ހޮސްޕިޓަލަށް ގޮސް، އެ ބައްޔަށް ޓެސްޓު ކޮށްދޭން އެދުނު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
ކޮވިޑް-19 ގައި ރާއްޖޭން ރޭ މަރުވީ އުމުރުން 52 އަހަރުގެ އަންހެނެކެވެ. ސ. ހިތަދު އަށް އުފަން އެ އަންހެންމީހާ ރޭ 11:20 ގައި މަރުވީ ނޭވާލާން އުނދަގޫ ވެގެން އިއްޔެ ހަވީރު އައިޖީއެމްއެޗަށް ގޮސް ފަރުވާ ހޯދަނިކޮށެވެ. މިއީ ކޮވިޑް-19 ގައި ރާއްޖޭން މަރުވި 17 ވަނަ މީހާ އެވެ.
މަރުވި މީހާގެ ކޮއްކޮއަކު ފޭސްބުކްގައި ލިޔެފައިވާ ގޮތުގައި ގަދަ ހުމެއް އައިސްގެން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދައްތަ އޭޑީކޭ ހޮސްޕިޓަލަށް ދެއްކުމުން އެއީ ޔޫރިން އިންފެކްޝަނެއްގެ ސަބަބުން ކަމަށް ބުނެފައިވެ އެވެ. އެހެންވެ އެންޓިބައޮޓިކެއް ދިނުމަށް ފަހު ގެއަށް ފޮނުވާލީ ކަމަށާއި ކޮވިޑަށް ޓެސްޓް ކޮށްދޭން އެދުނަސް، ހޮސްޕިޓަލުން އެކަން ކޮށްދީފައިނުވާ ކަމަށް ވެސް ލިޔެފައިވެ އެވެ.
"ހުން ރަނގަޅު ނުވެ، ނޭވާލުމަށް ދަތިވެގެން އައިޖީއެމްއެޗަށް ގެންދިިޔަތާ މާ ގިނައިރުތަކެއް ނުވެ، ކޮވިޑަށް ޕޮޒިޓިވްވި ކަމާއި ވެންޓިލޭޓަރަށް ލާން އުޅެނިކޮށް ވިންދު ނުލިބޭ ކަމާއި ނިޔާވުމާ ދެމެދު މާ ގިނަ ވަގުތެއް ނުނަގަ އެވެ،" ފޭސްބުކް ޕޯސްޓްގައިވެ އެވެ.
އެ ޕޯސްޓުގައިވާ ގޮތުން، އޭނާގެ ދައްތަ ފަރުވާ ނުހޯދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެކެވެ. އަދި ވަކި ބަޔަކަށް އިނގިލި ދިއްކޮށްގެން ކުރާނެ ފައިދާއެއް މިހާރު ނެތް ކަމަށް ވެސް އޭނާ ލިޔެފައިވެ އެވެ.
އޭނާ ބުނެފައިވާ ގޮތުގައި ދައްތަ އަކީ ކޮވިޑްގެ ހައި ރިސްކް މީހެއްކަން "އެންމެ ރަނގަޅަށް އެނގޭނީ ވެސް އޭޑީކޭ" އަށެވެ. އެހެންވެ ބެލެވޭ ގޮތުގައި އެއީ ކޮވިޑް-19 ޖެހުމުން ފުރާނަ އަށް ނުރައްކާ ސިއްހީ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ހުރި މީހެކެވެ. ފޭސްބުކް ޕޯސްޓްގައި އެކަމުގެ ތަފްސީލެއް ދީފައެއް ނުވެ އެވެ.