މުވައްޒަފުންނާ މެދު އެޗްޕީއޭގެ އިރުޝާދަށް އަމަލު ނުކުރާ ނަމަ ރިޕޯޓްކުރަން އެދެފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން އަމަލުކުރަން ދީފައިވާ އިރުޝާދުތަކަށް އަމަލުކުރަން، ވަޒީފާ އަދާކުރާ އެއްވެސް ތަނަކުން ހުރަސް އަަޅާ ނަމަ އެކަން އެޗްޕީއޭ އަށް އަންގަން މިރޭ އެދެފި އެވެ.


ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިން ގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ.އިބްރާހީމް އަފްޒަލް ވިދާޅުވީ ވަޒީފާ ދޭ ފަރާތްތަކުން އެޗްޕީއޭގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރަން ހުރަސްއަޅާ ނަމަ ފިޔަވަޅު އެޅޭނީ އެ މައުލޫމާތު ރިޕޯޓްކުރުމުން ކަމަށެވެ. އޭނާ ވިދާޅުވީ ހެލްތު އިމަޖެންސީގެ ހާލަތުގައި އެޗްއީއޯސީން ދޭ އިރުޝާދުތަކާ ދެކޮޅަށް އެމްޕްލޯޔަރުންނަށް ފިޔަވަޅުތަކެއް ނޭޅޭނެ ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެން ދޭ އިރުޝާދުތަކަށް އަމަލުކުރައްވާށޭ އަދި އިރުޝާދުތަކަށް އަމަލުކުރުމުގައި އެއްވެސް ކަހަލަ ހުރަހެއް އަންނަ ކަމަށްވާ ނަމަ އެކަން ވެސް އަޅުގަނޑުމެންނަށް 1676 އަށް ގުޅައިގެން [އެންގުމުގެ ކަންތައް] ހަމަ ކުރިއަށް ގެންްދަވާށޭ،" އަފްޒަލް ވިދާޅުވި އެވެ.

މުވައްޒަފުން ކަރަންޓީނުވާން ޖެހޭ ހާލަތުގައި ބައެއް ކުންފުނިތަކުން ދަނީ އެ މީހުންގެ މުސާރަ އާއި އިނާޔަތްތައް ކަނޑަމުން ކަމަށް އެނގިފައިވެ އެވެ. އެހެންވެ، ކޮވިޑްގެ އަލާމާތްތައް ފެނުނަސް ބައެއް މީހުން މަސައްކަތަށް ނުކުންނަ ކަމަށްވެ އެވެ.

އަފްޒަލް ވިދާޅުވީ ކަރަންޓީނުވާން ޖެހޭ ހާލަތުގައި ހުންނަ މީހަކު ވަޒީފާ އަށް ނުކުތުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ. އޮފީސްތަކާއި އިދާރާތަކުން ކަންތައްތައް ކުރަންވީ ގޮތް ވަރަށް ރަނގަޅަށް ކިޔައިދީފައި ވާނެ ކަމަށާއި އެގޮތަށް ކަންތައްތައް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް ހުރިހާ ތަންތަނުން އަމަލުކުރާ ގޮތް ވަކިވަކިން ބެލުމަކީ އޭނާ ވިދާޅުވިގޮތުގައި ކުރެވޭނެ ކަމެއް ނޫނެވެ.

"އެހެންވީމާ މިކަހަލަ ކަމެއްގައި ހަމަ ބޭނުންވަނީ ކޮންމެ ބަޔަކު ވެސް އެ ބަޔަކަށް އަންގާފައިވާ ގޮތަކަށް އަމަލުކުރަން،" އަފްޒަލް ވިދާޅުވި އެވެ.

ކޮވިޑްގެ ކޭސްތައް މި އޮގަސްޓް މަހު ވަނީ ރާއްޖޭގައި އިތުރުވާން ފަށައިފަ އެވެ. އެހެންވެ ބައެއް އާ ފިޔަވަޅުތައް ވެސް ވަނީ އަލުން އަޅައިފަ އެވެ. އަފްޒަލް ވިދާޅުވީ ކޭސްތައް އިތުރުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން އެޗްޕީއޭ އިން އެދޭ ކަމަށެވެ.

އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަކީ ގެއިން ބޭރުގައި އެންމެ ގިނައިން އުޅޭ މީހުން ކަމަށާއި އެންމެ ގިނައިން މިހާރު ބަލި ޖެހެނީ އެ އުމުރުގެ މީހުންނަށް ކަމަށް ވެސް އަފްޒަލް ވިދާޅުވި އެވެ. އެހެންވެ އެ އުމުރުގެ މީހުން ވަކިން ހާއްސަ ސަމާލުކަމެއް ދޭން އޭނާ އިލްތިމާސް ކުރެއްވި އެވެ.

ރާއްޖެއިން މިހައިތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 5،000 އަށް ވުރެ މަތިވެފަ އެވެ. އޭގެ ތެރެއިން 19 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. މިހާތަނަށް 2،835 މީހަކު ބަލިން ރަނގަޅުވެފައި ވާއިރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،303 އެވެ.