ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަނަކަށް މުހައްމަދު ޖައިޝް އިބްރާހިމް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު އައްޔަން ކޮށްފި އެވެ.

އެޗްޑީސީގެ ޗެއާމަންގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ޝާހިދު މަގާމުން ވަކިކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވުމުން 2018 ގަ އެވެ. އޭގެ ފަހުން މި ސަރުކާރުން މިއަދާ ހަމައަށް އެ ބޯޑަށް ޗެއާމަނަކު އައްޔަނެއް ނުކުރެ އެވެ.

އެޗްޑީސީގެ އާ ޗެއާމަން ޖައިޝް އަކީ އާކިޓެކްޗާ އާއި ޕްރޮޖެކްޓް މެނޭޖުމަންޓުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. ބިޒްނަސް މެނޭޖުމެންޓުގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާއިރު އޭނާ ހާއްސަ ވެފައި ވަނީ ޕްރޮޖެކްޓު މެނޭޖުމަންޓަށެވެ.

ޖައިޝް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ ކުންފުނި، އެމްއޭސީއެލްގައި ޕްރޮޖެކްޓް ހެޑެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރައްވައިފަ އެވެ. އެހެންވެ، ވަރަށް ގިނަ ޕްރޮޖެކްޓްތައް ޑިޒައިން ކުރުމާއި ޕްލޭނިން ލެވެލްގައި އުޅުއްވި އެވެ. ފަހަކަށް އައިސް ޖައިޝް ބޮޑަށް ހާއްސަވީ، ޓޫރިޒަމް ހޮސްޕިޓަލިޓީގެ ދާއިރާއަށެވެ. އެ ދާއިރާގައި ވެސް ބޮޑަށް އުޅުއްވީ ޕްލޭނިންގެ މަސައްކަތުގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުވެ، މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ މަރުހަލާގައި އެމްޑީޕީގެ ޓްރާންސިޝަނަލް ކޮމިޓީގައި ވެސް މަސައްކަތް ކުރެއްވި ޖައިޝް ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގައި ވެސް ކުރިން ހަރަކާތްތެރިވެވަޑައިގެންފަ އެވެ. މިހާރު ވެސް އޭނާ އަކީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެމްބަރެކެވެ. އަދި ދިވެހި ވިޔަފާރިވެރިންގެ ގައުމީ ޖަމިއްޔާގެ ޑިރެކްޓަރަކަށް ވެސް މީގެ 15 ވަރަކަށް އަހަރު ކުރިން އުޅުއްވި އެވެ.

އެޗްޑީީސީގެ މެނޭޖިން ޑިރެކްޓަރަކީ ސުހައިލް އަހުމަދެވެ. އެ ކުންފުނީގެ ބޯޑުގައި މިހާރު ތިއްބަވާނީ ޖައިޝް އާއި ސުހައިލްގެ އިތުރުން އިބްރާހިމް އަފްރާތާއި އަބްދުﷲ ރަމީޒާއި އަހުމަދު އާތިފް އަދި ހަސަން މުނީރު އެވެ.

ތިލަފުށި ހިންގަމުން އަންނަ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ ހިއްސާގެ ބައެއް އެޗްޑީސީ އަށް މިހާރު ވަނީ ދީފަ އެވެ. އެކަމަކު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދީ ކަމެއް ނުވަތަ ގްރޭޓާ މާލެ ކުންފުނި އުވާލައި އެކުންފުނީގެ މަސްއޫލިއްޔަތުތައް އެޗްޑީސީ ނެގީކަން އަދި ސާފެއް ނުވެ އެވެ.