ބޭރުން ލިބުނު އެހީގެ ތަފްސީލް ދޭން ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ މައްސަލަތަަކާ ގުޅިގެން ބޭރުން ލިބުނު އެހީ އާއި ލޯނުގެ ގޮތުގައި ނެގި ފައިސާގެ ތަފްސީލާއި އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަފްސީލު ދޭން ސަރުކާރަށް ގޮވާލައްވައި، ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފި އެވެ.


ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގައި ތުހުމަތުކުރައްވާފައިވާ ގޮތުގައި ރާއްޖެއަށް ލިބުނު ފައިސާގެ އެހީ އާއި ލޯނުގެ ގޮތުގައި ނެގި ފައިސާގެ އަދަދުތައް ސަރުކާރުން ހާމަކޮށްފައި ވިޔަސް، އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ. އެތައް ގައުމަކުންނާއި ބައިނަލް އަގުވާމީ ޖަމިއްޔާތަކުން ރާއްޖެއަށް ބޮޑެތި އަދަދުތަކުން ފައިސާ ދީފައި ވިޔަސް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުނުވާ ކަމަށާއި ރައްޔިތުންގެ އިތުރަށް ނިކަމެތިވަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

..މިހުރިހާ އެހީތަކާއި ލޯނު އެހީތަކުގެ ޖުމްލަ އަދަދު 24.2 ބިލިޔަން ރުފިޔާއަށް އެރިކަމުގައި ވިޔަސްް ރައްޔިތުން ބިކަވެ،ވަޒީފާ ގެއްލި، ބިލުތައް ދެއްކޭނެ ގޮތެއް ނެތި، އާމްދަނީ ލިބޭނެ ގޮތެއް ނެތި، ވަރަށް ހާލުގައި ޖެހި ހަދާނެ ގޮތް ހުސްވެ ވަޒީފާތަކާއި ކުދިންގެ ކިޔެވުމާއި ދިރިއުޅުން ގުރުބާންކޮށް ރަށްރަށަށް ބަދަލުވަމުން ދާއިރު އެހީގެ ގޮތުގައި މި ލިބެމުންދާ ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެއްވެެސް ކުރިއެރުމެއް އަންނަމުން ނުދޭ،--- ޝިޔާމް

ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާކަމުގެ ޝަކުވާ އެތައް ހާސް ރައްޔިތުންނެެއް އެކިއެކި ފޯރަމްތަކުގައި ކުރަމުން އަންނަ ކަމަށާއި ރައްޔިތުން އެކަމުގައި އަޑުއުފުލަމުން އަންނަ ކަމަށް ވެސް މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވި އެވެ.

އެހީ އާއި ލޯނުގެ ގޮތުގައި ލިބުނުކަމަށް ސަރުކާރުން މިހައިތަނަށް ހާމަކޮށްފައިވާ ބައެއް ތަފްސީލުތައް ހިމެނުއްވުމަށް ފަހު އޭނާ ވިދާޅުވީ މިހައިތަނަށް ލިބުނު ފައިސާގެ އަދަދު 24.2 ބިލިޔަން ރުފިޔާއަށް އަރާ ކަމަށެވެ.

"...މިހުރިހާ އެހީތަކާއި ލޯނު އެހީތަކުގެ ޖުމްލަ އަދަދު 24.2 ބިލިޔަން ރުފިޔާއަށް އެރިކަމުގައި ވިޔަސްް ރައްޔިތުން ބިކަވެ،ވަޒީފާ ގެއްލި، ބިލުތައް ދެއްކޭނެ ގޮތެއް ނެތި، އާމްދަނީ ލިބޭނެ ގޮތެއް ނެތި، ވަރަށް ހާލުގައި ޖެހި ހަދާނެ ގޮތް ހުސްވެ ވަޒީފާތަކާއި ކުދިންގެ ކިޔެވުމާއި ދިރިއުޅުން ގުރުބާންކޮށް ރަށްރަށަށް ބަދަލުވަމުން ދާއިރު އެހީގެ ގޮތުގައި މި ލިބެމުންދާ ފައިސާއިން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އެއްވެެސް ކުރިއެރުމެއް އަންނަމުން ނުދޭ،" ޝިޔާމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވި އެވެ.

އެހެންވެ އެ ފައިސާ ބޭނުންކުރަމުން އަންނަ ގޮތުގެ ތަަފްސީލު ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް އޭނާ ގޮވައިލެއްވި އެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލާގައި ހިމަނުއްވާފައިވާ ފައިސާގެ އަދަދުތަކަކީ އެކި ގައުމުތަކުންނާއި ބައެއް ޖަމިއްޔާތަކުން ރާއްޖެއަށް ދިން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައިވާ އަދަދުތަކެކެވެ. އެނގިފައިވާ ގޮތުގައި އެހީއާއި ލޯނުގެ ގޮތުގައި ހަަމަޖެހުނުކަމަށް އިއުލާނުކުރާ ފައިސާ ލިބެން ބައެއް ފަހަރު ވަރަށްް ގިނަ ދުވަސް ހޭދަވެ އެވެ. އެއީ އެކަންކަމުގައި އޮންްނަ އިދާރީ މަސައްކަތްްތަކަށް ހޭދަވާ ވަގުތެވެ.