ވައްކަމުގެ ތުހުމަތުތަކަށް ނަޝީދުގެ ރައްދު، ވިދާޅުވީ ކަންކަން އިސްލާހު ކުރަން މަޖިލިހަށް ޖާގަދޭ ކަމަށް

މި ސަރުކާރުގެ ތެރޭގައި ވެސް ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތައް އިތުރުވާތީ، އިދިިކޮޅު ފަރާތްތަކުން ކިޔާ ފާޑުކިޔުންތަކަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.


އެ މަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ސަރުކާރުގެ ތެރޭގައި ވައްކަމުގެ ތުހުމަތުތައް ގިނަ ކަމަށް ވާދަވެރި ޕާޓީތަކުން ބުނާއިރު، ރައްޔިތުންގެ މަޖިލީހުގައި އޮތް އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުންކޮށް، ކަންކަން އިސްލާހު ކުރުމުގެ ޖާގަ ސަރުކާރުން ދޭކަން ދިވެހިންނަށް ސާފުވާނެ ކަމަށެވެ.

"ރައީސް ޔާމީންގެ ސަރުކާރުގައި މަޖިލިސް އަށް ވެއްދީ އެމްއެންޑީއެފް،" އިދިކޮޅު ޕީޕީއެމާއި ޕީއެންސީ އަށް އަމާޒު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު، އޭރުގެ އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގަ އާއި މަޖިލީހުގެ އިދާރާގެ އެހެން ތަންތަނުގައި ވެސް އިހުތިޖާޖު ކުރުމުން އެ މެމްބަރުން ނެރުމަށް މަޖިލީހުގެ އިދާރާ އަށާއި ޗެމްބަރަށް ސިފައިން ވައްދައި ބާރުގެ ބޭނުންކުރި މައްސަލައަށެވެ.

ނަޝީދުގެ ޓުވީޓު

މި ސަރުކާރަށް ކުރާ ވައްކަމުގެ ތުހުމަތުތަކާ ގުޅިގެން، 65 މެމްބަރުން ތިއްބަވާ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕު ބޭނުންކޮށްގެން ކަންކަން ރަނގަޅު ކުރަން ސަރުކާރުން މަޖިލިހަށް ފުރުސަރު ދޭ ކަމަށް ނަޝީދު ވިދާޅުވުމުން، ޓުވިޓާގައި އެ މަނިކުފާނަށް މިހާރު ދަނީ ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި، ހުރިހާ މައްސަލަތަކުގެ ޒިންމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި މަޖިލިހުގައި ވެސް އޮތީ ވަކި ބައެއްގެ ބާރު ކަމަށް ބުނެ ކިޔާ ފާޑުކިޔުންތައް ހިމެނެ އެވެ.

"މި ސަރުކާރުން ފޮރުވައިފި ބޮޑެތި ވައްކަން. ރޭޕްކުރި މީހުން، ކުރީގައި މަރުވެފައި ތިބި މީހުންގެ މައްސަލަތައް، އެމްއެމްޕީއާރުސީގައި [މައްސަލަތަކުގައި] ޖަލަށް ދާންޖެހޭ އެންމެން. ޒީރޯ ޓޮލެރަންސް މިއޮތީ މާ މޮޅަށް،" ނަޝީދުގެ ޓުވީޓަށް ފާޑުކީ އެކަކު ބުނެފައި ވެ އެވެ.

އެންމެ ގިނަ ބައެއްގެ ކަންބޮޑުވުމަކީ، ނަޝީދުގެ ޓުވީޓަށް ދީފައިވާ ރައްދުތަކަށް ބަލާއިރު، ކެމްޕެއިންގެ ވައުދާ އެއްގޮތަށް އިންސާފު ނުލިބުމާއި ވައުދު ފުއްދުމުގައި ލަސްވުން އަދި އިގުތިސޯދީ ކަންކަން މެނޭޖު ކުރަން ނޭނގުމެވެ.

ނަޝީދުގެ ޓުވީޓާ ގުޅިގެން މީހެއްގެ ކަންބޮޑުވުން.

މި ސަރުކާރުގެ އެކި ވެރިން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން މަޖިލިހުގެ ތެރެއިން ޖަވާބުދާރީ ކުރުވާ ކަމަށް ނަޝީދު ވިދާޅުވި އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތީ އެ ކަންކަން ހުއްޓުވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. ނަމަވެސް އެންމެ އެކަށީގެންވާ ފިޔަވަޅު ނޭޅި، ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް "ގެއްލި"، ބަދަލުގެ ގޮތުގައި މިލިއަނުން ބައެއް މީހުންނަށް ފައިސާ ދިން މައްސަލައިގައި ސަރުކާރު ވަނީ ހޫނުފެނަށް ވެއްޓިފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން އެކަނި ބެލި ނަމަވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުން ދިވެހި ދައުލަތަށް ވާ ގޮތަށް ހެލްތު މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީން އަމަލުކޮށްފައިވާ މައްސަލަ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިދިޔަ ދެ ހަފުތާގައި ނެރުއްވި ދެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ. އެ މައްސަލަތައް އޭސީސީ އާއި ފުލުހުން މިހާރު ބަލަން ފަށާފައިވާއިރު، އެކަމުގައި ޝާމިލުވި ބައެއް މީހުން ވަނީ ސަސްޕެންޑުކޮށްފަ އެވެ. މައްސަލަ ތަހުގީގުކޮށް ނިމެންދެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަގާމުގެ ޒިންމާތަކުން އަމިއްލަ އަށް އެކަހެރިވެވަޑައިގެންފަ އެވެ.

އިދިކޮޅު ކޯލިޝަންގައި އިސްކޮށް ހުންނެވި، ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އިއްޔެ ރޭ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައިސް މިވީ ދޮޅު އަހަރުގެ ތެރޭގައި ބަލައިލި ކޮންމެ ދިމާލަކުން ވެސް ފެންނަނީ ވައްކަން ކުރާ މަންޒަރުކަން އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބައޮތް ކަމަށާއި އެ ވައްކަންތަކުން "ޚަޒާނާ ކައި ހުސްކޮށްފި" ކަމަށެވެ.

"ބަލާލި ކޮންމެ ދިމާލަކުން މި ފެންނަނީ ވައްކަން ކުރާ މަންޒަރު. އޮޑިޓެއް ކޮށްފިއްޔާ، އެ ރިޕޯޓު ބަލާލާއިރު އަޅުގަނޑުމެންނަށް ފެންނަނީ އެއީ މިނިސްޓްރީއެއް ކަމަށް ވިޔަސް އެ ނޫން މުއައްސަސާއެއް ކަމަށް ވިޔަސް ވައްކަން ކޮށްފައި އޮއްވައި،" މި ސަރުކާރުގެ އެކި ބޭފުޅުން ވެސް ކޮރަޕްޝަންގެ އިނގިލި ދިއްކުރާ އަބްދުއްރަހީމް ވިދާޅުވި އެވެ.