ނަޝީދު މާސްކު ނާޅުއްވާ މައްސަލައިގައި ފުލުހުން ހިމޭނުން؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ދިވެހި ތާރީޚު ފޮތް "ދެ ރަދުން" ނެރުއްވުމަށް ފަހު، އެ ފޮތް ގަތް މީހުންނަށް އޮޓޯގްރާފް ދެއްވުމަށް އެކި ތަންތަނުގައި ބޭއްވި އިވެންޓުތަކުގައި ނަޝީދު މާސްކު ނާޅައި ހުންނެވި ނަމަވެސް އެކަމާ ފިޔަވަޅު ނޭޅީ ކީއްވެތޯ ބައެއް ނޫސްވެރިން ތަކުރާރުކޮށް ފުލުހުންނާ ސުވާލު ކުރުމަށް ވެސް އެ އަށް އިޖާބަ ނުދީ ހިމޭންވެއްޖެ އެވެ.


އެކި ކަންކަމާ ގުޅޭގޮތުން ފުލުހުންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދޭ، ވަޓްސްއެޕް ގުރޫޕުގައި ބައެއް ނޫސްވެރިން މި ސުވާލު ކުރީ، އިއްޔެ އިދިކޮޅު ކޯލިޝަނުން ބޭއްވި މުޒާހަރާގައި ބައެއް މީހުން މާސްކު ނާޅައި، އަދި ގައިދުރުކަން ނުބެހެއްޓުމުން ފުލުހުން އެ މައްސަލަ ބަލަމުންދާ ކަމަށް ބުނުމުންނެވެ.

އިދިކޮޅު ކޯލިޝަންގެ ބައެއް އިސްވެރިންނާއި އެއްވުމުގެ ބައެއް ބައިވެރިން އިއްޔެ މާސްކު ނާޅައި ތިބި މައްސަލަ ފެންމަތިވުމުގެ ކުރިން، ނަޝީދުގެ އިވެންޓުތަކުގައި އެ މަނިކުފާނާއި ބައެއް ވަޒީރުންނާއި އާންމުން ވެސް މާސްކު ނާޅައި ތިބުމުން ނޫސްވެރިން ފުލުހުނާ ކުރިން ވެސް ސުވާލު ކުރި އެވެ. އެކަމަކު، އިދިކޮޅު ކޯލިޝަންގެ އެއްވުމުގެ ބައިވެރިން އިއްޔެ މާސްކު ނާޅާ މައްސަލަ ބަލަން ނިންމިއިރު، ނަޝީދުގެ މައްސަލައިގައި ފުލުހުން ހިޔާރު ކޮށްފައި ވަނީ ހަނު ތިބުމަށެވެ.

"ދެ ރަދުން" ފޮތް ނެރުއްވުމަށް ނަޝީދު ވަނީ، މާލޭގެ ފަސް ބުކްޝޮޕަކަށް ވަޑައިގެން ފޮތް ގަންނަ މީހުންގެ ފޮތްތަކުގައި ސޮއިކުރައްވައިފަ އެވެ. މޭޒެއް ކައިރީ އިށީނދެވަޑައިގެން ނަޝީދު ފޮތްތަކުގައި ސޮއި ކުރެއްވި އިރު ބައެއް ވަގުތުތަކުގައި އިންނެވީ މާސްކް ނާޅުއްވަ އެވެ. އެ މަނިކުފާނުގެ އޮޓޯގްރާފް ހޯދުމަށް ދިޔަ ބައެއް މީހުން ވެސް މާސްކު ނާޅާ ތިބިތަން ފޮޓޯތަކުން ފެނެ އެވެ. އޭގެ ތެރެއިން ވެސް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް މާސްކު ނާޅުއްވައި ހުންނެވި ފޮޓޯ އަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެ އެވެ.

އެ ދުވަހު ވެސް ފުލުހުންގެ ވަޓްސްއެޕް ގުރޫޕުގައި ނޫސްވެރިން އެކަމާ ސުވާލު ކުރި އެވެ. އަދި އިއްޔެ ވެސް އެ ސުވާލު ތަކުރާރު ކުރިއިރު ފުލުހުން އެއްވެސް ޖަވާބެއް ނުދެ އެވެ.

"ދެ ރަދުން" ފޮތުގެ އިވެންޓުތައް އެކަންޏެއް ނޫނެވެ. ނަޝީދު އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެެއާޕޯޓުގެ ވީވީއައިޕީ ލައުންޖުގައި ވެސް އިންނެވީ މާސްކު ނާޅުއްވަ އެވެ. ނަޝީދުގެ އިތުރުން ރައްޔިތުންގެ މަޖލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެ ކަމަނާގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވެސް ވީއައިޕީ ލައުންޖުގައި ނަޝީދުގެ އަރިހުގައި ތިއްބެވީ މާސްކު ނާޅުއްވަ އެވެ. މީގެ އިތުރުން ނަޝީދު މާސްކު ނާޅުއްވައި އާންމު ތަންތަނުގައި ހުންނަވަނިކޮށް، ބައެއް މީހުން ފޮޓޯތައް ނަގައި ބޮޑެތި ފާޑުކިޔުން އެ މަނިކުފާނަށް މީގެ ކުރިން ވެސް އަމާޒު ކޮށްފައި ވެ އެވެ.

އާންމުންގެ ޝަކުވާއަކަށް ވެފައި ވަނީ އާންމު ތަންތަނުގައި އުޅޭއިރު މާސްކު އެޅުމަށް މަޖުބޫރު ކޮށްފައިވާއިރު، ނަޝީދު އަދި އެ މަނިކުފާނުގެ އަރިހުގައި ތިއްބަވާ ބައެއް ބޭފުޅުން މާސްކު ނޭޅުއްވުމުން ފިޔަވަޅު ނާޅާ މައްސަލަ އެވެ. އާންމު ތަންތަނުގައި އުޅޭ އިރު މާސްކު ނާޅާ މީހުން 1،000ރ. އިން ޖޫރިމަނާ ކުރެ އެވެ.

ނަޝީދާއެކު، މަޖިލީހުގެ ނައިބު ރައީސް އީވާ އާއި އެ ޕާޓީގެ ޕީޖީ ލީޑަރު އާޒިމް މާސްކު ނާޅުއްވައި މިއަދު އެއާޕޯޓުގެ ވީވީއައިޕީގައި.-- ފޮޓޯ: އެމްޑީޕީ

"ރާއްޖެ ވިއްކާލުމާ ދެކޮޅަށް" ނަމުގައި އިދިކޮޅު ޕާޓީތަކުން މިއަދު މާލޭގައި ކުރި މުޒާހަރާގައި، ގައިދުރުކަން ނުބަހައްޓައި ބައެއް މީހުން މާސްކް ނާޅައި ބައިވެރިވި މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މުޒާހަރާ ތެރޭގައި ވެސް ބައެއް މީހުން މާސްކު ނާޅައި އަޑުއުފުލި އިރު، ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި އެ ޕާޓީގެ ބައެއް އިސްވެރިން ވެސް ވާހަކަ ދެއްކެވި އިރު ވެސް މާސްކް ނާޅުއްވަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް، ގައިދުރުކަން ނުބަހައްޓައި، މާސްކް ނާޅައި މުޒާހަރާ ކުރިކަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް މިރޭ ވަނީ ފާހަގަކުރައްވައިފަ އެވެ.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ސިއްހީ ރައްކާތެރިކަން ނަގާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ ދެމެދު ވަރަށް ބޮޑު ފަރަގެއް އެބަހުރި ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް އޭނާ ގޮވައިލެއްވި އެވެ.