ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު 199 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނިގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ. އެއީ 145 މީހުންނެވެ. އެއާއެކު ބަންގްލަދޭޝްގެ 42 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ލަންކާގެ ތިން މީހުންގެ އިތުރުން، އެމެރިކާގެ ދެ މީހުންނާއި ޗައިނާ އާއި ޖަޕާނުގެ ދެ މީހުން ހިމެނެ އެވެ.
މިއަދު ވަނީ ހަތް ރަށަކާއި އެކި ރިސޯޓުތަކުން 31 މީހުން ޕޮޒިޓިވްވެފަ އެވެ. މިއީ މާލެ ނޫން ތަނަކުން މިހާ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ. ރަށްރަށުން ކޮވިޑް-19އަށް މީހުން ޕޮޒިޓިވްވެފައިވާ ކަން އެނގުނީ 14 ދުވަހުގެ ހޯމް ކަރަންޓީނަށް ފަހު ދޫކޮށްލަން ހެދި ޓެސްޓުންނެވެ.
މިދިޔަ މާޗު މަހުން ފެށިގެން މާލެ ތެރޭގައި ފެތުރެން ފެށި މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 8،000އަށް ވުރެ އިތުރުވެފަ އެވެ. ބަލި ޖެހިފައިވާ 2،703 މީހުން މިހާރު ތިބި އިރު، 162 މީހުންނަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި 29 މީހަކު ވަނީ މަރުވެފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުން އަނެއްކާވެސް ފިޔަވަޅުތައް ދަނީ ހަރުކަށި ކުރަމުންނެވެ.