ސަރުކާރަށް މަޖިލިހުގެ ކޮންޓްރޯލް ގެއްލުމުގެ ބިރު ބޮޑުވެއްޖެ

ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލިހުގެ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކު މިއަދު ކުރީގެ ރައީސް މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގަތުމާ އެކު، ރައީސް އަަބްދުﷲ ޔާމީން ކޮންޓްރޯލް ކުރަައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލިހުގެ ސާފު އަގުލަބިއްޔަތަށް ބުރޫއަރައިފި އެވެ.


މިއަދު މައުމޫނާ ގުޅިވަޑައިގެންނެވި އަށް މެމްބަރުންގެ އިތުރުން އެ ފަޅިއަށް ތާއީދުކުރައްވާނެ ކަމަށް ބެލެވޭ ޖޭޕީގެ ހަތް މެމްބަރުންނާއި އެމްޑީޕީގެ 21 މެމްބަރުންނާއި މިހާރު ޖަލަށް ލާފައިވާ އަހުމަދު މަހުލޫފް އާއި އެމްޑީއޭގެ މެމްބަރު ހުސެން އަރީފް އަދި އަދާލަތު ޕާޓީގެ އަނާރާ ނައީމް ހިމެނުމުން ޖުމްލަ 40 އަށް އަރަ އެވެ.

ޕީޕީއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ (ވ-ކ) ލަތީފު، މުސްތޮފާ އަދި ފާރިސް -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

މަޖިލިހުގައި 85 މެމްބަރުން ތިއްބަވާ އިރު، މަޖިލިހުގެ ރިޔާސަތުގައި އިންނަވާ ބޭފުޅަކަށް، ވަކި ހާލަތެއްގައި ނޫނީ ވޯޓް ނުލެއްވޭނެތީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވޭނީ 84 މެމްބަރުންނަށެވެ. އެހެންކަމުން އިދިކޮޅަށް ވޯޓު ލައްވަފާނެ 40 މެމްބަރުން ތިއްބެވުމާ އެކު މިއީ ސަރުކާރަށް މަޖިލިހުގެ ތެރެއިން ފުރަތަމަ ފަހަރަށް ގޮންޖެހުންތަކާ ކުރިމަތިވުމުގެ ފެށުން ކަމަށް ވުން ކައިރި އެވެ.

އިދިކޮޅު މެމްބަރުންގެ އަދަދު

21 - އެމްޑީޕީ

8 - މައުމޫން ފެކްޝަން

7 - ޖޭޕީ

2 - މައުމޫންގެ ފެކްޝަނުގެ ވިސްނުމާ އެއްގޮތަށް ވޯޓު ލާނެ ކަމަށް ބެލެވޭ މެމްބަރުން

1 - އަދާލަތު

1 - އަހުމަދު މަހުލޫފް

ޖުމްލަ - 40

އާ ރައްޔިތުންގެ މަޖިލިސް 2014 ގައި އެކުލަވާލި ފަހުން ސަރުކާރާ ދެކޮޅަށް މިހާ ގިނަ މެމްބަރުން ނުކުމެވަޑައިގެންފައެއް ނުވެ އެވެ. އެހެންކަމުން އިދިކޮޅު އެމްޑީޕީގެ އިމްތިޔާޒު ފަހުމީ ވިދާޅުވީ މިއީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ހައްގު ނިގުޅައިގަނެ، ބޮޑެތި ޖަރީމާތައް ހިންގާ ހިންގުން ހުއްޓުމަކަށް ގެންނަން ލިބޭނެ ފުރުސަތެއް ކަމަށެވެ.

"މަޖިލިސް މެދުވެރިކޮށް ނިގުޅައިގެންފައިވާ ހައްގުތަކާއި އުސޫލާ ހިލާފަށް ކުރާ ހުރިހާ ކަމަކަށް ހުއްޓުން އަންނާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަނީ،" އިމްތިޔާޒު ވިދާޅުވި އެވެ.

މައުމޫންގެ ފެކްޝަންގައި މިހާރު ތިއްބެވީ ދިއްގަރު ދާއިރާގެ ފާރިސް މައުމޫން، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް، ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދު، ތިނަދޫ ދާއިރާގެ ސައުދުﷲ ހިލްމީ، އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި ހުންނެވި، ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފު، ތިމަރަފުށީ ދާއިރާގެ މުހަންމަދު މުސްތޮފާ، ބާރަށު ދާއިރާގެ އިބްރާހިމް ޝުޖާއު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދު (ވައްޑެ) އެވެ.

ޕީޕީއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ (ވ-ކ) ސަލީމް، ވައްޑެ އަދި ސުޖާ-- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

ލަތީފާއި ސައުދުﷲ އަކީ މައުމޫންގެ ފެކްޝަނުން މިއަދު ކުއްލިއަކަށް ފެނުނު ދެ މެމްބަރުންނެވެ.

މަޖިލިހުގައި އިދިކޮޅު ފަަރާތްތަކުގެ އަޑު ގަދަވާނެ ފުރޮޅުމަކަށް މެމްބަރުން ބައިވެގެން ދާއިރު، ޖޭޕީގެ މެމްބަރު ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒު ވިދާޅުވީ "އިނަފް އިޒް އިނަފް" އޭ ވިދާޅުވެ ސަރުކާރުގެ މެމްބަރުންތަކެއް ތެދުވެންނެވުމަކީ ރައްޔިތުންނަށް ވެސް އޮތް ހިތްހަމަޖެހުމެއް ކަމަށެވެ.

ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައެއް މެމްބަރުން ވަނީ ކުރިން މަޖިލިހުގައި މަސައްކަތްކުރެއްވުނު ގޮތްތަކަށް މައާފަށް އެދިވަޑައިގެންފަ އެވެ.

"ޖޭޕީން އަބަދުވެސް ތިބޭނީ ގައުމާއި ރައްޔިތުންގެ ފައިދާ އަށް ކުރާ ހުރިހާ ކަމަކަށް މަޖިލިހުގެ ތެރެއިން އެއްބާރުލުން ދޭން،" ރިޔާޒު ވިދާޅުވި އެވެ.

"ސަރުކާރުން ކުރާ ރަނގަޅު ކަންކަން ބަލައިގެންނާނެ. އެކަމަކު ރައްޔިތުންނަށް ގެއްލުންވާ ކަންކަން ގަބޫލެއް ނުކުރާނެ."

ސަރުކާރުގެ "ސުޕަ މެޖޯރިޓީ" ގެއްލުމާ އެކު އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑެތި ފުރުސަތުތަކެއް ލިބޭނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ. އެގޮތުން އޭނާ ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ މިނިވަން މުއައްސަސާތައް މިނިވަންވެ، ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ބަޔަކަށް، މަޖިލިސް ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ލިބުމެވެ.

"އެ މުއައްސަސާތައް މިނިވަންކުރަން މަޖިލިހަށް މަސައްކަތްކުރެވޭނެ،" އިމްތިޔާޒު ވިދާޅުވި އެވެ.

ޕީޕީއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށްވާ (ވ-ކ) ސުޖާ އާއި އަރީފު -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު

ރައްޔިތުންގެެ މަޖިލިހުގެ ބޮޑު ކޮންޓްރޯލް ހޯދައިގެން ސަރުކާރުން ވަނީ ވަކިވަކި މީސްމީހުންނަށް އަމާޒުކޮށް ގާނޫނުތައް ހަދައިފަ އެވެ. އެގޮތުން އުމުރުން 65 އަހަރުން ދޮށީ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހާއި، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރުމުގެ ނިޔަތުގައި އެ ކޯޓުގެ ބެންޗު ކުޑަކުރުން ހިމެނެ އެވެ.

ގާނޫނުއަސާސީގައި ދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން ނިގުޅައި ގެނެވޭ ގޮތަށް މި ފަހުން ވަނީ "އަބުރު ރަައްކާތެރިކުރުމު"ގެ ނަމުގައި ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

އިދިކޮޅު ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ކުރިއަށް އޮތް ތަނުގައި ސަރުކާރު ދޫކުރައްވާނެ އެހެން މެމްބަރުން ވެސް އެބަ ތިއްބެވި އެވެ. އެހެންކަމުން ސަރުކާރަށް މިހާރު އޮތް އަގުލަބިއްޔަތަށް ވެސް ވަރަށް ބޮޑު ލޮޅުމެއް އެރުން ވަރަށް ކައިރި ކަމަށް، މައުމޫން ފެކްޝަންގެ ބޭފުޅަކު ވިދާޅުވި އެވެ.