ރައީސް ޔާމީންގެ ފެކްޝަނުން މުހިންމު ކޮމެޓީތަކުގެ ކޮންޓްރޯލް ނަގައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީގެ ކޮންޓްރޯލް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނަގައިފި އެވެ.


މަޖިލީހުގެ ބޮޑު ދެ ކޮމެޓީގެ ކޮންޓްރޯލް ރައީސް ޔާމީންގެ ފެކްޝަނުން ނެގީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅާފައި ވަނިކޮށެވެ. އަދި ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި ދެ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

އެނގިފައިވާ ގޮތުގައި މި ދެ ކޮމެޓީގައި ކުރިން ތިއްބެވި ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުންގެ ބަދަލުގައި މުޅިން އާ މެމްބަރުންތަކެއް ވަނީ ކޮމެޓީގައި ހިމަނައިފަ އެވެ. އެ ދެ ކޮމެޓީން ބޭރު ކުރި ބައެއް މެމްބަރުންގެ ތެރޭގައި ހިމެނެނީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅީގައި ތިއްބެވި މެމްބަރުންނާއި ޕީޕީއެމް ކޯލިޝަނުން ނެރޭ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވެވަޑައިގެންނެވި މެމްބަރުންނެވެ.

އޭގެ ތެރޭގައި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑް ވޭވް ސަލީމް) އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ. މީގެ ތެރެއިން ސަލީމް ވަނީ މައުމޫންގެ ފެކްޝަނުގައި ހުންނެވުމަށް ފަހު އަލުން ރައީސް ޔާމީންގެ ފެކްޝަނާ އިއްޔެ ގުޅިވަޑައިގެންފަ އެވެ.

މަޖިލީހުގެ އިދާރާއިން ލިބުނު މައުލޫމާތުން އެނގުނު ގޮތުގައި މިހާރު އެ ދެ ކޮމެޓީގައި ތިއްބަވަނީ ރައީސް ޔާމީންގެ ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވާ މެމްބަރުންނެވެ. ސަރުކާރުގެ މެޖޯރިޓީ އޮތް ދެ ކޮމެޓީގެ ތެރެއިން މާލިއްޔަތު ކޮމެޓީގައި ޕީޕީއެމްގެ ހަތް މެމްބަރުން ތިއްބަވާއިރު އިގްތިސާދީ ކޮމެޓީގައި ހިމެނެނީ ޕީޕީއެމްގެ ފަސް މެމްބަރުންނެވެ.

އިގްތިސާދީ ކޮމެޓީގައި މިހާރު ހިމެނިވަޑައިގަންނަވާ ޕީޕީއެމް މެމްބަރުންނަކީ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު، މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދު، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު އަދި މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދެވެ.

މާލިއްޔަތު ކޮމެޓީގައި މިހާރު ތިއްބަވާ ޕީޕީއެމްގެ މެމްބަރުންނަކީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު، އިނގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން، ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު އަދި ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދެވެ.

އިގްތިސާދީ ކޮމެޓީގައި ހިމެނޭ އެހެން މެމްބަރުން:

1- ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ

2- ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް

3- މާމިގިލީ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ގާސިމް އިބްރާހިމް

4- ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒް

5- ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއިލް

6- ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް

މާލިއްޔަތު ކޮމެޓީގައި ހިމެނޭ އެހެން މެމްބަރުން:

1- ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ނާޝިދު

2- ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ނާޒިމް

3- ހިންނަވަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު

4- މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފް

5- ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު ފައިސަލް ނަސީމް

6- ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު

ދެ ފަޅިވެފައިވާ ޕީޕީއެމްގައި ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ބައެއް ބޭފުޅުން މައުމޫންގެ ފެކްޝަނާ ގުޅިވަޑައިގަތަސް މަޖިލީހުގެ ސާފު އަގުލަބިއްޔަތު އޮތީ ސަރުކާރަށެވެ. ރައީސް ޔާމީންގެ ފެކްޝަންގައި 49 މެމްބަރުން އެބަތިއްބެވި އެވެ. އެމްޑީޕީގެ 22 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ ހަތް މެމްބަރުންނާއި ރައީސް މައުމޫންގެ ފެކްޝަންގެ ފަސް މެމްބަރުންނާއި މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފާ އެކު ސަރުކާރާ އިދިކޮޅަށް ލިބޭނީ 36 ވޯޓެވެ.

މައުމޫން ފަޅީގައި ތިއްބެވި އޭދަފުށި ދާއިރާގެ މެމްބަރު ސަލީމްގެ އިތުރުން އޭނާގެ ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާ، ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވަނީ ރައީސް ޔާމީންގެ ފަހަތަށް އަރުއްވައިފަ އެވެ.

މައުމޫންގެ ފަޅީގައި މިހާރު ތިއްބެވީ ސައުދުﷲ ގެ އިތުރުން ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)، ތިމަރަފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު މުސްތަފާ، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަދި ނޮޅިވަރަމް ދާއިރާގެ އެމްޑީއޭ މެމްބަރު ހުސެއިން އަރީފެވެ.