އިހަވަަންދިއްޕޮޅު ތަރައްގީ ކުރަން އިންވެސްޓަރުން ހޯދަން މި ސަރުކާރުން ވެސް އެ ސަރަހައްދު އިޝްތިހާރުކުރަން މިއަދު ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ސޯޝަލް މީޑިއާ އަށް މިއަދު ދޫކޮށްލި އިޝްތިހާރެއްގައި ބުނީ، އިހަވަންދިއްޕޮޅުގެ އިންވެސްޓްމެންޓަކީ ދިގު އިންތިޒާރެއްގައި ދެމިގެން ގޮސްފައިވާ "އެކްސައިޓިން" އިންވެސްޓްމެންޓް ފުރުސަތެއް ކަމަށެވެ. ޓޫރިޒަމް މިނިސްޓްރީން ޓްވީޓްކުރި ކުރު ވީޑިއޯ ކްލިޕްގައި ބުނީ، އެ ފުރުސަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ހުޅުވައިލާނެ ކަމަށެވެ.
އިހަވަންދިއްޕޮޅުގެ ރީތިކަން ދައްކައިދޭ އޭރިއަލް ވީޑިއޯކްލިޕްގައި ދެން ގެނެސްފައި އޮތީ އެ ސަރަހައްދަށް ދަތުރުކުރަން އޮތް ފަސޭހަކަމުގެ ވާހަކަ އެވެ. އެގޮތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހޯރަފުށީ އެއާޕޯޓުން އެ ސަރަހައްދަށް އަވަހަށް ދެވޭނެކަން އިޝްތިހާރުގައި ދައްކައިދީފައިވެ އެވެ.
އިހަވަންދިއްޕޮޅުގައި އިންވެސްޓްކުރަން އަންނަ މަހު ހުޅުވައިލުމަށް ޓޫރިޒަމް މިނިސްޓްރީން އިޝްތިހާރުކުރަމުން އަންނަ އިރު އެ ސަރަހައްދުގައި ޓްރާންސްޝިޕްމަން ބަނދަރެއް ހަދަން އިންވެސްޓަރުން ހޯދަން މަސައްކަތް ކުރަމުން އަންނަ ކަަމަށް ވެސް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ކުރިން ވިދާޅުވެފައިވާ ގޮތުގައި އިހަވަންދިއްޕޮޅުގައި ބަނދަރު ހަދަން އިންވެސްޓްކުރޭތޯ ސައުދީ އަރަބިއްޔާ، ޔޫއޭއީ އަދި އިންޑިއާއާ ސަރުކާރުން އަންނަނީ ވާހަކަ ދައްކަމުންނެވެ.
އެއާޕޯޓަކާއި ޓްރާންޝިޕްމެންޓް ބަނދަރެއް އަދި ރިސޯޓުތަކާއި ވިޔަފާރީގެ އެހެން ވަސީލަތްތަކާ އެކު އިހަވަންދިއްޕޮޅު (އައިހަވަން) ގެ ނަމުގައި ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ވެސް އިއުލާނުކުރި އެވެ. އެ ސަރަހައްދުގެ ޕްލޭނިންގެ ބައެއް މަސައްކަތްތައް ވެސް އެގޮތުން އޭރު ކުރި އެވެ. އެކަމަަކު އެސަރަހައްދަށް އިންވެސްޓްކުރާނެ ބަޔަކު އޭރު އޮތީ ނުލިބިފަ އެވެ.
ތިލަދުންމަތީގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމުގެ ވާހަކަ އެންމެ ފުރަތަމަ ދެއްކީ ޔާމީންގެ ބޭބޭފުޅު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ 30 އަހަރުގެ ވެރިކަމުގެ ފަހު ދުވަސްވަރު އެވެ. އެކަމަކު، އެ މަނިކުފާނުގެ ވެރިކަން ވެސް ނިމުނީ އެކަމުގައި ނަތީޖާއެއް ނުދެއްކި އެވެ.
އުތުރުގައި ޓްރާންޝިޕްމަންޓް ބަނދަރެއް ހެދުމަކީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިންގައި އެންމެ ބާރަށް އަދި އެންމެ ބޮޑަށް އުންމީދު ދެއްވި އެއް މަޝްރޫއެވެ.