އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ޝްރިންގްލާ އަންނަ މަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފި އެވެ،

އެ ގައުމުގެ މީޑިއާތަކުން ބުނީ، ހަރްޝް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 10 ގައި ކަމަށެވެ. މިއީ އޭނާ ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާ ތިން ވަނަ ގައުމު ކަމަށް އިންޑިއާގެ މީޑިއާތަކުގައިވެ އެވެ. މިދިޔަ ޖެނުއަރީ މަހު މަގާމަށް އައްޔަން ކުރެއްވި ފަހުން ހަރުޝް ވަޑައިގަތީ ބަންގްލަދޭޝް އާއި މިއަންމާއަށެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގަންނަވާއިރު، އެ ގައުމާއި ރާއްޖޭގެ ގުޅުން މި ސަރުކާރުގައި ވަރަށް ބޮޑަށް ވަނީ ބަދަހިކޮށްފަ އެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ފުރަތަމަ ފަހަރަށް ރާއްޖެ ވަޑައިގަތީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ.

އިންޑިއާ އިން މިހާރު ދަނީ ގިނަ އެހީތަކެއް ރާއްޖެއަށް ދެމުންނެވެ. އެގޮތުން މާލެ އާއި ތިލަފުށްޓާއި ގުޅީފަޅު ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއަށް އިންޑިއާ އިން ވަނީ 500 މިލިއަން ޑޮލަރުގެ ލޯނު އެހީ އާއި ހިލޭ އެހީ ދޭން ނިންމައިފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ވެސް ބައެއް އެހީ އެ ގައުމުން ރާއްޖެ އަށް ދިނެެވެ.