ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 1.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ އެ މަސްތުވާތަކެތި އެތެރެކުރަން އުޅުނީ މިދިޔަ ޖޫން މަހުގެ ފަހުކޮޅުން ފެށިގެން މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް 12 ފަހަރެއްގެ މަތިން ޕޯސްޓް މެދުވެރިކޮށް ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު 1.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނިގޮތުގައި އެކި ގައުމުތަކުން ގެނައި އެ ތަކެތީގެ ޖުމްލަ ބަރުދަން ބައި ކިލޯއަށް އަރަ އެވެ. އެންމެ ގިނައިން އެ ތަކެތި ގެނެސްފައި ހުރީ އިނގިރޭސިވިލާތާއި ނެދަލެންޑްސް އިންނެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަތްއިރު، ކަނޑުމަގުން އެތެރެކުރަން އުޅުނު 200 އަށް ވުރެ ގިނަ ކިލޯގެ މަސްތުވާތަކެތި ދެ ފަހަރެއްގެ މަތިން ދާދިފަހުން ވަނީ އަތުލައިގެންފަ އެވެ. އެ މައްސަލަތަކާ ގުޅިގެން ބައެއް މީހުން ހައްޔަރުކޮޮށް، ތަހުގީގު ދަނީ ކުރިއަށެވެ.