ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭރުގެ ފިނޭންސް މިނިސްޓަރު އަދި ފަހުން ނައިބު ރައީސަކަށް ހުންނެވި އަބްދުﷲ ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަަށް އަމަލުކުރުމުގެ ކުށުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރަން ފޮނުވި މައްސަލައަކީ ރިޔާސީ ކޮމިޝަނުން ތަހުގީގުކޮށް، ފޮނުވި މައްސަލައެކެވެ.
ޕީޖީ އޮފީހުން ބުނިގޮތުގައި ފުށިދިއްގަރު ސްޕެޝަލް ޓޫރިސްޓު ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓްވެންޗާ އެއްބަސްވުމެއް ހެދުމަށް ނޮވެމްބަރު، 29، 2011، ގައި ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުމުގައި އޮތީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ބިމު ކުލި ދައުލަތަށް ލިބެންޖެހޭނެ ކަމަށެވެ.
އެކަމަކު ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ ރަށުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ކަނޑައެޅިގެން ޚިލާފަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނީ ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާ ޚިލާފުވާން ޖެހޭ ސަބަބެއް ނެތި ޖިހާދު، ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު ސޮއިކުރެއްވީ 50 ޕަސެންޓުގެ ބަދަލުގައި ދިވެހި ދައުލަތުގެ 25 ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ކަމަށެވެ.
"އަބްދުﷲ ޖިހާދުގެ މި އަމަލުގެ ސަބަބުން ރައްޔިތުންނާއި ދައުލަތަށް ލިބެން އޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައި ވެސް 604،713،750 ޑޮލަރު އުނިވެފައިވެ އެވެ. މީގެއިތުރުން، ދައުލަތުގެ 50 ޕަސެންޓް ހިއްސާގެ ބަދަލުގައި 25 ޕަސެންޓަށް ހިއްސާ ބަދަލުވުމުން، ކުންފުނީގެ ވިޔަފާރި ފައިދާ އިން ލިބޭނެ ގެއްލުން ވެސް އޮންނާނެ އެވެ،" ބަޔާނުގައިވެ އެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ގޮތުން ނަމަ، ބިމު ކުލިން 50 އަހަރުގެ ތެރޭގައި، 411،720،000 ޑޮލަރު އަދި ޕްރައިމް ލޮކޭޝަން ޗާޖު، 50 އަހަރުގެ ތެރޭގައި 192،993،750 ޑޮލަރު ލިބޭނެ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. އެކަމަކު ޖިހާދު އަމަލުކުރެއްވި ގޮތުން އެ ފައިދާ ނުލިބި ދައުލަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.