މި ދުވަސްވަރު ކުރަމުން އަންނަނީ ދެ މޫސުން ބެދޭ ދުވަސްވަރުގެ ވިއްސާރަ ކަމަށާއި މާދަމާގެ ނިޔަލަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
ރާއްޖެ ސަރަހައްދުގައި ލޯ ޕްރެޝާ ޓްރަފެއް އުފެދިފައިވާ ވާތީ މި ދުވަސްވަރު މޫސުން ގޯސް ވާނެ ކަމަށް މެޓް އޮފީހުން މިދިޔަ އާދިއްތަ ދުވަހު ވަނީ ބުނެފަ އެވެ. ރޭ މާލެ ސަރަހައްދަށް މެދުނުކެނޑި ކަހަލަ ގޮތަކަށް ވެހުނު ވާރޭއާ ގުޅިގެން މާލޭގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވި އެވެ. ބައެއް ސަރަހައްދުތަކުގައި ކަކުލާ ހަމައަށް ފެންބޮޑުވެފައި ހުއްޓެވެ. މާލެ ސިޓީ ކައުންސިލާއި އެމްއެންޑީއެފް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ރޭ ދަންވަރުން ފެށިގެން ފަތިސް ވަންދެން ކުރި އެވެ.
މެޓް އޮފީހުން "މިހާރު" އަށް ވާހަކަ ދެއްކެވި ފޯކާސްޓަރަކު ވިދާޅުވީ އިއްޔެ ހެނދުނު 8:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް 66 މިލިމީޓަރުގެ ވާރޭ މާލެ ސަރަހައްދަށް ވެހުނު ކަމަށެވެ. ރޭ 10:40 ކަން ހާ އިރުން ފެށިގެން ގާތްގަނޑަކަށް ދޭއް ޖަހަންދެން ދޭތެރެއިން މާލެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުނެވެ. އެންމެ ބޯކޮށް ވެހުނު ކަމަށް ރިކޯޑް ކުރެވިފައި ވަނީ 11 ޖަހާކަން ހާ އިރެވެ.
އޭނާ ވިދާޅުވީ މިއަދާއި މާދަމާ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ގުގުރުމާ އެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި މެދު ރާއްޖެތެރޭގެ ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މީގެ އިތުރުން 19-24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މާލެ އަތޮޅާއި އައްޑު އަތޮޅާ ދެމެދަށް މެންދުރު 3:30 އާ ހަމައަށް ވައިޓް އެލާޓް ވެސް ނެރެފަ އެވެ. އުތުރުގެ އަތޮޅުތަކަށް ވައި ޖެހޭނެ ކަމަށް ބެލެވެނީ 10-20 މޭލާ ދެމެދެވެ. ނަމަވެސް މުޅި ރާއްޖޭގައި ވެސް ވިލާގަނޑުގައި 45 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ދެކުނުގެ އަތޮޅުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ ދެކުނުގައި އުޅޭ މީހުންނާއި ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވާން އެދިވަޑައިގަތެވެ.
ރާޅުގެ އުސްމިނުގައި ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިން ހުންނާނެ ކަމަށް ބެލެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.