ގާސިމްގެ މުދަލަށް އަރައިގަތުމުގެ ވަސީލަތަކަށް ހަދަނީ ކޯޓުތައް: ނަޝީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ފިއްތުންތައް ކުރިމަތިކުރަމުންދާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެފައި ވަނިކޮށް، ގާސިމްގެ ދިފާއުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ސަރުކާރަށް ރޭ ފާޑުވިދާޅުވެއްޖެ އެވެ.


ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގާސިމްގެ ސިޔާސީ ފިކުރާ ގުޅުވައި މުދަލަށް އަރައިގަތުމުގެ ވަސީލަތަކަށް ރައީސް އަބްދުﷲ ޔާމީން ހައްދަވަނީ، ރާއްޖޭގެ ކޯޓުތައް ކަމަށެވެ. އެ ޓްވީޓްގައި ނަޝީދު ދެން ވިދާޅުވެފައި ވަނީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދުމަށެވެ.

ރައީސް ޔާމީން ވެރިކަމަށް ގެންނަން 2013 ގައި އުފެއްދި ކޯލިޝަނުން ވަކިވެ، ގާސިމް އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ އެމްޑީޕީއާ އެކުގަ އެވެ. ގާނޫނުއަސާސީގެ ދިފާއުގައި ކަމަށް ވިދާޅުވެ އެއްބަސްވުމެއް އެކުލަވާލައި ސަރުކާރާ ދެކޮޅަށް ހަރަކާތްތަކެއް ވެސް ހިންގި އެވެ. އެކަމަކު ގާސިމްގެ ވިޔަފާރި އަށް ދަތިވާ ގޮތަށް ސަރުކާރުން އަޅަންފެށި ފިޔަވަޅުތަކާ އެކު އޭނާ ވަނީ އެމްޑީޕީއާ އެކު މަސައްކަތް ކުރުން ހުއްޓާލައްވައިފަ އެވެ. އޭގެ ފަހުން ގާސިމް އަނެއްކާ ވެސް ފެނުނީ، ސަރުކާރުން ބޭނުންވާ ބައެއް ކަންކަމުގައި މަޖިލީސް ތެރެއިން ވެސް އެއްބާރުލުން ދެއްވާ ތަނެވެ.

މިހާރު އަނެއްކާ ވެސް ސަރުކާރާ ދެކޮޅަށް ގާސިމް ވަނީ ނިކުންނަވައިފަ އެވެ. ރައްޔިތުންނާ ދެކޮޅަށް ސަރުކާރުން ހިންގާ ކަންކަން ހުއްޓުވަން އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެ ގާސިމް މިހާރު ވަނީ މައުމޫންގެ އިސްލާހީ މަސައްކަތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ގާސިމްގެ ދިފާއުގައި ވާހަކަ ދައްކަވަމުން މައުމޫން އިއްޔެ ވިދާޅުވެފައި ވަނީ ކިތަންމެ ފިއްތުމަކާއި ދަތިތަކެއް ކުރިމަތިކުރިޔަސް، ގާސިމަށް އަސަރެއް ނުކުރާނެ އެވެ. ޕީޕީއެމްގެ ހުރިހާ މެމްބަރުން ތިބީ ގާސިމްއާ އެކު ކަމަށާއި އޭނާ އަށް ކުރިމަތިކުރާ ހުރިހާ ކަމެއް ހައްލުކޮށްދޭން ޕީޕީއެމުން މަސައްކަތް ކުރާނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

ގާސިމަށް ދަތިކުރަނީ ކޮން ކަމަކުން ކަމެއް މައުމޫން ސާފުކޮށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ މަނިކުފާނު މިގޮތަށް ވިދާޅުވިއިރު ގާސިމްގެ ވިޔަފާރިއާ ގުޅޭ ގޮތުން ކޯޓުގައި ކުރިއަށް ގެންދާ މައްސަލަތަކެއްގެ ޝަރީއަތް އަވަސްކޮށްފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.