އެމެރިކާގައި މިހާރު ކޮވިޑް ވެކްސިން ދެމުން އަންނަ އިރު، ހިއުސްޓަންގެ ހޮސްޕިޓަލަކުން އެތަނުގެ މުވައްޒަފުން ވެކްސިން ޖެހުމަށް ހިތްވަރުދީ އެކަމަށް ބާރު އެޅުމުގެ ގޮތުން، ވެކްސިން ޖަހާ ކޮންމެ މުވައްޒަފަކަށް 500 ޑޮލަރުގެ ބޯނަހެއް ދޭން ނިންމައިފި އެވެ.
މިކަން ކުރިއަށް ގެންދަނީ ހިއުސްޓަންގެ މެތޮޑިސްޓުންނެވެ. އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު 26،000 އަށް ވުރެ ގިނަ އެވެ. ވެކްސިން ޖަހާ މުވައްޒަފުންނަށް ބޯނަހެއް ދޭން ނިންމި މައިގަނޑު ސަބަބަކީ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ކޮވިޑްގެ ވެކްސިންތަކަށް އިތުބާރުކޮށް ވެކްސިން ޖަހާ ނަމަ، ވެކްސިން ޖަހަން އާންމުންނަށް ވެސް ހިތްވަރު ދިނުމެވެ.
ހިއުސްޓަން މެތަޑިސްޓްގެ ސީއީއޯ/ޕްރެޒިޑަންޓް މާކް ބޫމް ވިދާޅުވީ "ހޯޕް ބޯނަސް" ނަމުގައި ބޯނަސް ދޭން ފަށާނީ އަންނަ މާޗް މަހުގެ ތެރޭގައި ކަމަށެވެ.
"މިއީ ކޮވިޑް ތެރޭގައި މުވައްޒަފުން އުފުލަން ޖެހުނު ބުރަ އާއި އެ މީހުންގެ މަސައްކަތުގެ އަގު ވެސް ވަޒަންކުރަން ކުރާ ކަމެއް،" އޭނާ ވިދާޅުވި އެވެ.
މާކް ވިދާޅުވި ގޮތުގައި ހިއުސްޓަން މެތަޑިސްޓްގެ މުވައްޒަފުންނަށް ކޮވިޑް ވެކްސިން މި ވަގުތު މަޖުބޫރެއް ނޫނެވެ.
"އެކަމަކު މިއީ މަޖުބޫރު ކަމަކަށް ހަދަން ޖެހޭ ހިސާބަށް ވެސް ހިނގައިދާނެ. އެ ވިސްނުން އެބަހުރި. އަދިވެސް ބަލި އެމެރިކާގައި ކޮންޓްރޯލްވަމުން ނުދާތީ ކުރިއަށް އޮތް ދުވަސްތަކަށް އެބަޖެހޭ އިތުރު ފިޔަވަޅުތަކެއް ވެސް އަޅައިގެން ރައްކާތެރިކަން ހޯދަން." އޭނާ ވިދާޅުވި އެވެ.
ހިއުސްޓަން މެތަޑިސްޓްގެ މުވައްޒަފުންނަށް ވެކްސިން ދޭން ފެށީ މިދިޔަ މަހުގެ 15 ގަ އެވެ. އަދި މިހާތަނަށް މުވައްޒަފުންގެ 55 ޕަސަންޓަށް ފައިޒާގެ ފުރަތަމަ ޑޯޒް ދީފައިވާ އިރު، ބާކީ ތިބި މުވައްޒަފުންނަށް ވެސް ވަރަށް އަވަހަށް ވެކްސިން ދޭނެ އެވެ.
ވެކްސިން ޖަހާ މުވައްޒަފުންނަށް 500 ޑޮލަރުގެ ބޯނަހެއް ދޭން ނިންމުމުގެ ކުރިން ހިއުސްޓަން މެތަޑިސްޓުން ވަނީ ނޮވެމްބަރު މަހުގެ ތެރޭގައި ވެސް މުވައްޒަފުންގެ މަސައްކަތުގެ އަގުވަޒަންކޮށް 500 ޑޮލަރުގެ ބޯނަހެއް ދީފަ އެވެ.