ދުންޔާ، ޔުމްނާ، ނަދީމް އަދި އާތިފާ ޕީޕީއެމް ކައުންސިލުން ވަކިކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި ޔުމްނާގެ ފިރިކަލުން މުހައްމަދު ނަދީމާއި މައުމޫން ފެކްޝަނަށް ނިސްބަތްވާ އައިމިނަތު އާތިފާ ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުން މިއަދު ވަކިކޮށްފި އެވެ.


މައުމޫނާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކާ ގުޅިގެން ޕާޓީ ދެ ބައިވެ، ދެ ފެކްޝަނެއް އުފެދިފައި ވަނިކޮށް ކޯޓުން ވަނީ ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގޮތަށް ހުކުމްކޮށްފަ އެވެ. އެ ހުކުމާ އެކު ޕާޓީގައި ދެ ފެކްޝަނަކާއި ދެ ކައުންސިލެއް އުފެދިފައިވާއިރު ދުންޔާ އާއި ޔުމްނާ އާއި ނަދީމާއި އާތިފާ އަކީ މައުމޫން ފެކްޝަނަށް ނިސްބަތްވާ ބޭފުޅުންނެވެ.

އެ ހަތަރު ބޭފުޅުން ކައުންސިލުން ވަކިކުރަން ރައީސް ޔާމީންގެ ފެކްޝަނުން ހިންގާ ކައުންސިލުން ނިންމީ އެމަނިކުފާނުގެ ފެކްޝަންގެ ކޮންޓްރޯލް އޮތް ސުލޫކީ ކޮމެޓީން އެ ބޭފުޅުންގެ މައްސަލަ ބެލުމަށް ފަހު އެވެ. އެގޮތަށް ކޮމެޓީން ނިންމީ ޕާޓީ ތެރޭގައި ބައިބައިވުން އުފެދޭ ގޮތަށް އަމަލު ކުރުމާއި ރައީސް ޔާމީނާއި ސަރުކާރުގެ އަގު ވެއްޓޭ ގޮތަށް އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންދާތީ އާއި ކައުންސިލް ބައްދަލުވުންތަކަށް ނުދިއުމާއި ކޯޓުގެ ހުކުމާ ޚިލާފްވެ، ޕާޓީ ހިންގުމަށް ދަތިކުރަމުންދާ ކަމަށް ބުނެ އެވެ.

އެ ބޭފުޅުން ކައުންސިލުން ވަކި ކުރިޔަސް އެއީ ރައީސް ޔާމީން ފެކްޝަންގެ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާ ބޭފުޅުންނަށް ނުވާތީ މައުމޫން ބާއްވާ ކައުންސިލް ބައްދަލުވުންތަކަށް ހާޒިރުވާނެ ކަމަށް ބެލެވެ އެވެ. އަދި ރައީސް ޔާމީންގެ ކައުންސިލްގެ ބައްދަލުވުންތަކުގެ ނިންމުންތައް މައުމޫންގެ ފެކްޝަނުން ގަބޫލެއް ނުކުރެ އެވެ.

އެ މައްސަލާގައި ޖަވާބުދާރީވާން އެ ހަތަރު ބޭފުޅުންނަށް ސުލޫކީ ކޮމެޓީން އެންގިޔަސް އެއިން އެއްވެސް ބޭފުޅަކު ކޮމެޓީއަށް ހާޒިރުވެ، ޖަވާބުދާރީއެއް ނުވެ އެވެ. އެހެންވެ މައްސަލަ ހިންގައި، ނިންމީ އެ ބޭފުޅުންގެ ޣައިރު ހާޒިރުގަ އެވެ.

ރައީސް ޔާމީނަށް ޕާޓީ ހިންގުން ލިބިވަޑައިގަންނަވާ ގޮތަށް ކުރި ހުކުމަށް ހުރިހާ މަރުހަލާއަކުން ވެސް ތާއީދުކޮށް، އިސްތިއުނާފް މަރުހަލާ މިހާރު ވަނީ ނިމިފަ އެވެ.