ގއ. މާމެންދޫގައި މިދިޔަ ހޯމަ ދުވަހު ހިންގި މާރާމާރީގައި ކުޑަކުއްޖަކު މަރާލުލުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
އުމުރުން 17 އަހަރުގެ އަހުމަދު އުދައްޔު މަރާލީ، ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގަ އެވެ.
މި މަރާ ގުޅިގެން ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެއީ 18 އަހަރުގެ ދެ މީހުންނާއި 23 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ބުނީ އޭގެ ތެރެއިން ދެ މީހަކު ބަންދުގައި ބަހައްޓަން ދީފައި ވަނީ 15 ދުވަހުގެ މުއްދަތެއް ކަމަށެވެ. އަދި އިތުރު މީހަކަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާ ކަމަށެވެ.
މާރާމާރީގައި އުދައްޔުގެ ބޭބެއަށް ވެސް ވަޅިން ހަމަލާދީފައި ވެ އެވެ. އޭނާގެ ހާލު މިހާރު ރަނގަޅު އެވެ.
އުދައްޔުގެ ހަށިގަނޑު ރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސްފަ އެވެ. ޕޯސްޓްމާޓަމް ހަދަން އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވަން މަސަައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.