ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖޭގައި ދޭން ފެށި ކޮވިޝީލްޑް ވެކްސިނާ މެދު ރައްޔިތުންގެ ހިތުގައި ސުވާލުއުފެދޭ ގޮތަށް ދެއްކި ވިޔާނުދާ ވާހަކަތައް ދޫކޮށްލައި ވެކްސިން ޖަހަން އިދިކޮޅުން ގޮވާލުމުން ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ވީހާވެސް ގިނަ ބަޔަކު ވެކްސިން ޖަހަން އިދިކޮޅުން ގޮވާލީ އިއްޔެ އެވެ. ރާއްޖޭގައި މި މަހުގެ ފުރަތަމަ ދުވަހު ވެކްސިން ޕްރޮގްރާމް ސަރުކާރުން ފެށިއިރު އިދިކޮޅު ދެ ޕާޓީގެ ހިތްހަމަނުޖެހުމާއި ފާޑުކިއުން އޮތީ އަމާޒުވެފަ އެވެ. އެއީ، އިންޑިއާ އިން ހަދިޔާކުރި، އޮކްސްފޯޑާއި އެސްޓްރާޒެނެކާގެ ކޮވިޝީލްޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ޑަބްލިއުއެޗްއޯ އިން ނުދޭތީ ޖެހުން ރައްކާތެރި ނޫން ކަމަށް ބުނެ އެވެ.

އެމްޑީޕީން މިއަދު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ޕްރެސް ބްރީފިންގައި ކެމްޕޭންގެ ތަރުޖަމާން މުހައްމަދު ސައިފް ފާތިހު ވިދާޅުވީ ވެކްސިނާ މެދު އިދިކޮޅުން ހަމަހޭވެރިކަންވީތީ އުފާކުރައްވާ ކަމަށެވެ. ކޮވިޑުން ދިފާއުވުމުގެ ހަތިޔާރުގެ ގޮތުގައި މުޅި ދުނިޔެ ބަލައިގަތް ވެކްސިނާ މެދު ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީޕީއެމާއި ޕީއެންސީން ދެއްކީ ޒިންމާދާރުކަންކުޑަ ވާހަކަތަކެއް ކަމަށް ވިދާޅުވި އެވެ.

"ލާމަރުކަޒީ ނިޒާމަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ކައުންސިލްތަކުން ރައްޔިތުންގެ އާއްމު ސިއްހަތާއި ދުޅަހެޔޮކަމަށް ހިންމަތްކުރަން ޖެހޭ. ވެކްސިން ފަދަ މި ޒަމާނުގައި ދެބަސްވެވެން ނެތް ސައިންޓިފިކް ކަމެއްގައި މި ބާވަތަށް އުޅުނު ބަޔަކަށް އާއްމު ސިއްހަތު ރައްކާތެރިކޮށެއް ނުދެވޭނެ،" ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވި ގޮތުގައި އޮކްސްފޯޑާއި އެސްޓްރާޒެނެކާ އިން އުފައްދައި އިންޑިއާ އިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިންގެ ސަލާމަތާއި ރައްކާތެރިކަން ސަރުކާރުން އައީ ރައްޔިތުންނަށް ޔަގީންކޮށްދެމުން ކަަމަށެވެ. ސިއްހީ މާހިރުން އެކަމަށް ހެކިދީ ވެކްސިން ޖަހަން އިރުޝާދު ދެމުން އައި ކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ވެސް 58 މީހަކު މަރުވެ، މުޅި ދުނިޔެ ހުއްޓުވާލި ކޮވިޑަށް އުފެއްދި ވެކްސިން ރާއްޖޭގައި ޖަހަން ފެށުމުން އިދިކޮޅުން އުފެއްދީ ފިތުނަކަމަށް ވިދާޅުވެ ސައިފް އެކަން ކުށްވެރި ކުރެއްވި އެވެ.

އޭނާ ވިދާޅުވީ ވެކްސިނާ މެދު އިދިކޮޅުން ޝައްކު އުފައްދައި ނުޖެހުން ބާރުއެޅުމުން ދިޔައީ ސިޔާސީ ވިސްނުމެއްގައި ރައްޔިތުންނަށް ގެއްލުންވާނެ ކަން ވެސް އެނގި ތިބެ ކަމަށެވެ. އެކަމަކު އެކަން ދޫކޮށްލައި ވެކްސިން ޖަހަން ރައްޔިތުންނަށް ގޮވާލުމަކީ ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮވިޝީލްޑަށް ޑަބްލިއުއެޗްއޯ އިން ހުއްދަ ދިންތާ ދެ ދުވަސް ފަހުން ޕީޕީއެމުންނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ކޮވިޝީލްޑް ވެކްސިން ހިމެނުމާ ގުޅިގެން އެ ޖަމިއްޔާގެ ގޮވާލުމަށް އިޖާބަދީ ވެކްސިން ޖެހުމަށް ރައްޔިތުންނަށް އެ ކޯލިޝަނުން ހިތްވަރުދޭ ކަމަށެވެ. އެ ކޯލިޝަނުން ބާރުއަޅަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.