ރާއްޖޭގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތައް 2،500 އިން މައްޗަށް އަރައިފި އެވެ.
މާލެ ސަރަހައްދުގައި ކޮވިޑުގެ ހާލަތު ކޮންޓްރޯލުގައި އޮތުމަށް ފަހު، އެ ބަލިޖެހޭ މީހުންގެ އަދަދު ފާއިތުވި އެއް މަހުގެ ތެރޭގައި ވަނީ ވަރަށް އިތުރުވެފަ އެވެ. އެގޮތުން މިދިޔަ މަހުގެ 24 ން ފެށިގެން އިއްޔެއާ ހަމައަށް، ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮވިޑް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 100 އިން މަތީގަ އެވެ. އެއާއެކު، ބަލީގެ އެކްޓިވް ކޭސްތައް ވެސް ގިނަވެފައި ވެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، ރެއާ ހަމައަށް ކޮވިޑުގެ އެކްޓިވް ކޭސް އުޅެނީ 2،512 ގަ އެވެ. ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން 162 މީހަކަށް މި ވަގުތު ފަރުވާ ދެ އެވެ.
މާލެ ސަރަހައްދުގައި ކޮވިޑު ޖެހިފައި ތިބި މީހުންގެ އަދަދު އުޅެނީ 1،969 ގަ އެވެ. ރަށްރަށުގައި 113 އަދި ރިސޯޓުތަކުގައި އެކްޓިވް ކޭސްތައް އުޅެނީ 377 ގަ އެވެ.
ހާލަތު އެންމެ ގޯސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލެއިން އިއްޔެ އެކަނި ވެސް 139 މީހަކަށް، އޭގެ ކުރީ ދުވަހު 157 މީހަކަށް އަދި މިިދިޔަ ހޮނިހިރު ދުވަހު 145 މީހަކަށް ބަލި ޖެހުނު ކަމަށް އެޗްޕީއޭއިން ބުނެ އެވެ. އެކަމަކު އޭގެ ތެރޭގައި ކުރީ ދުވަސް ދުވަހު ނެގި ސާމްޕަލްގެ ނަތީޖާ ވެސް ހިމެނޭނެ އެވެ. އެހެންވެ، އެއީ ސީދާ އެ ދުވަހު ބަލި ޖެހުނު މީހުންގެ އަސްލު އަދަދެއް ނޫނެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ތިން ވަނަ ރާޅު ނަގާފައިވާ ކަމަށެވެ. ބަލި ޖެހޭ އަދަދު މަދުކުރަން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.