އިދިކޮޅު ކޯލިޝަނުން ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރަން ކުރާ ކެމްޕޭންގައި ބައިވެރިވެވަޑައިގަތީ ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިއްޖެ ނަމަ ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ފުރޮޅާލަފާނެތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ކުރީގެ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެ އެވެ.

އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރުކުރި މަލީހް ވަނީ ޕީޕީއެމާއި ޕީއެންސީގެ ކެމްޕޭން އިވެންޓެއްގައި އިއްޔެ ބައިވެރިވެވަޑައިގެންފަ އެވެ. އިދިކޮޅުގެ ކެމްޕޭނުން އޭނާ މި ފެނުނީ، ކުރިން ވެސް އިދިކޮޅާ ގުޅިގެން މަސައްކަތްތަކެއް ކުރާ ކަމަށް މަޖިލީހުގައި އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާފައި ވަނިކޮށެވެ.

މަލީހް "މިހާރު" އަށް މިއަދު ވިދާޅުވީ އޭނާ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތީ ނޫން ކަމަށެވެ. ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި އިދިކޮޅު ހަރަކާތެއްގައި ބައިވެރިވެވަޑައިގަތީ ފުވައްމުލަކުގެ ޒުވާނުންތަކެއްގެ އެދުމުގެ މަތިން ކަމަށް ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ހުއްޓިގެން ވެސް ހުންނާނެ މީހެއް ނޫން އަޅުގަނޑަކީ،" މަލީހް ވިދާޅުވި އެވެ.

އޭނާ ބައިވެރިވެވަޑައިގަތީ ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ފުވައްމުލަކު ކައުންސިލަށް ވާދަކުރާ އިދިކޮޅު ކެންޑިޑޭޓުންގެ ޖަގަހައެއް މާލޭގައި ހުޅުވުމުގެ ރަސްމިއްޔާތުގަ އެވެ. އެ ރަސްމިއްޔާތުގައި، ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

"އެ އިވެންޓުގައި ބައިވެރިވީ ފުވައްމުލަކުގެ ޒުވާނުންގެ ދައުވަތަކަށް، އަޅުގަނޑަކީ ޖޭޕީގެ މެމްބަރެއް،" މަލީހް ވިދާޅުވި އެވެ.

މަލީހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބުދާރީވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް
މަލީހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބުދާރީވެވަޑައިގަންނަވަނީ. --ފޮޓޯ/މަޖިލިސް

މަލީހް ވިދާޅުވި ގޮތުގައި ކައުންސިލް އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓުން ވާދަނުކުރާ ދާއިރާތަކުން އޭނާގެ ތާއީދު އޮންނާނީ އިދިކޮޅުގެ ކެންޑިޑޭޓުންނަށެވެ. އެއީ، ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބެން ބޭނުން ނުވާތީ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގެ މެޖޯރިޓީއާ އެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ކަމަށެވެ. ކައުންސިލް އިންތިޚާބުގެ ގިނަ ގޮނޑިތައް އެމްޑީޕީ އަށް ލިބުމަކީ އެ މަގަށް ކަންކަން ކުރައްވައި ބޮޑުވަޒީރު ކަމަށް ވަޑައިގަތުމަށް ނަޝީދަށް ފަސޭހަފުޅުވާނެ ކަމެއް ކަމުން، އެކަމާ ދެކޮޅަށް ނުކުމެ ހުންނެވި ކަމަށް މަލީހް ވިދާޅުވި އެވެ.

"ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލަން ޖާގަ ނުދޭން އަޅުގަނޑަށް ކުރެވެން ހުރި ކަމެއް ކުރާނަން،" މަލީހް ވިދާޅުވި އެވެ.

މަލީހް ތުހުމަތު ކުރައްވާ ގޮތުގައި އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން އޭނާ ވަކިކުރީ ބަރުލަމާނީއާ ދެކޮޅަށް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. އެ އަމަލަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުން ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

އޭނާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށީ ގަވާއިދަކާ ގުޅުވަ އެވެ. އޭގެ ފަހުން، ޒިންމާއަދާނުކުރާ ކަމުގެ ގިނަ ތުހުމަތުތަކެއް ކުރެއްވުމުން ތަފްސީލަށް މަލީހް އެދިވަޑައިގަތެވެ. އެ ތަފްސީލް ދޭން ނުޖެހޭނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ވަޒީރު ކަމުގައި ހުންނެވިއިރު ވެސް މަލީހު ގެންދެވީ އެމްޑީޕީގައި ތިއްބެވި ނަޝީދުގެ އަރިސް ބޭފުޅުން ކުރައްވާ ކަންކަމާއި ދައްކަވާ ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އެއީ ވަކި ފެކްޝަނެއް ކަމަށާއި ބަރުލަމާނީ ގެންނަން އުޅެނީ އެ ފެކްޝަނުން ކަަމަށް ވެސް މަލީހް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

ބަރުލަމާނީ ނިޒާމަކަށް ނަޝީދު ތާއީދު ކުރައްވަ އެވެ. އެއީ، އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި ވެރިކަން ހިންގަން އެންމެ ސައްހަ އަދި ރަނގަޅު ނިޒާމެވެ.

އެކަމަކު އެ ނިންމުން ނިންމަން ވާނީ އެމްޑީޕީގެ ކޮންގްރެސް އާއި ޕާޓީގެ އެކި ގޮފިތަކުގެ އިތުރުން ރައްޔިތުންގެ މަޖިލިހުގައި މަޝްވަރާ ކުރުމަށް ފަހު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކާ އެކު ވަގުތު ޖެހުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.