ލ. ކައްދޫގައި މޫދަށް އެރި އުޅެނިކޮށް، ރޭ މަރުވި ސިފައިންގެ މީހާ ކޮވިޑަށް ޕޮޒިޓިވްވެ ވެއްޖެ އެވެ.
ލާންސްކޯޕްރަލް ހުސެއިން ފާރިޝް 28، މަރުވެގެން ރޭ ޓެސްޓް ކުރިއިރު ކޮވިޑަށް ޕޮޒިޓިވް ވުމާ ގުޅިގެން ކައްދޫގައި މަސައްކަތް ކުރާ އިތުރު ސިފައިންތަކެއް ވެސް ވީ ކަރަންޓީނުގައި ކަމަށް ވެ އެވެ. އޭގެ ތެރޭގައި ފާރިޝްއާ އެކު މޫދަށް އެރި އުޅުނު ތިން ސިފައިން ހިމެނެ އެވެ.
ލ. މާބައިދޫ، ޑައިމަންޑްވިލާ ފާރިޝް، އޭނާގެ އެކުވެރި ތިން ސިފައިންނާ އެކު މޫދަށް ދިޔައީ އެ މީހުންގެ އޮފް ގަޑީގައި މަސް ބާނަން ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ފާރިޝް ގެއްލިގެން ކޯސްޓް ގާޑުގެ ޑައިވަރުން ހޯދަމުން އަންނަނިކޮށް އޭނާ ފެނުނީ ކަނޑުގެ 12 މީޓަރު އަޑިން ރޭ ނުވައެއް ޖަހަން އުޅެނިކޮށެވެ. އެ ހާދިސާގައި ސިފައިންގެ އިތުރު މީހަކަށް ގެނބިގެން ފަރުވާ ދޭން ވެސް ޖެހުނެވެ. އޭނާގެ ހާލު މިހާރު ރަނގަޅެވެ.
އޮކްޓޫބަރު 11، 2016 ގައި ސިފައިންގެ ޚިދުމަތާ ގުޅުނު ފާރިޝް މަރުވިއިރު ގެންދިޔައީ އެމެރިކާގެ ސިފައިންނާއެކު ކައްދޫގައި މިހާރު ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއްގައި ބައިވެރިވަމުންނެވެ.
އެމްއެންޑީއެފްގެ މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 މަސައްކަތް ކުރަމުން އައި ފާރިޝް މަރުވިއިރު ޒަވާޖީ ހަޔާތެއް ނުފައްޓަ އެވެ.