ޅ. ނައިފަރާއި ކ. ހުރާގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން، މީހުން ބޭރަށް ނުކުމެ އުޅުން މަދުކުރުމާއި ސްކޫލުގައި ކިޔަވައިދިނުން ހުއްޓާލުން ފަދަ ފިޔަވަޅުތައް މިހާރުން ފެށިގެން އަޅައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިރޭ ނެރުއްވި ދެ އަމުރެއްގައި ކޮވިޑް ކޮންޓްރޯލްކުރުމުގެ ގޮތުން ނައިފަރާއި ހުރާގައި އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުން ނޫން ބޭނުންތަކަށް މަގުމައްޗާއި އާއްމު ތަންތަނަށް ނުކުމެ ނޫޅެން ވަނީ އަންގައިފަ އެވެ. އަދި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާއްމު ތަންތާނގައި އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.
ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ.
ނައިފަރާއި ހުރާގައި އެޅި އިތުރު ބައެއް ފިޔަވަޅުތައް:
- އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކުރުން ހުއްޓާލުން
- ޕާޓީ، ހަފްލާ އަދި ރަސްމިއްޔާތު ބޭއްވުން ހުއްޓާލުން
- ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަނުން ޑެލިވަރީ ނޫން ޚިދުމަތްތައް ހުއްޓާލުން
- ކުޅިވަރާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓާލުން
- ސެލޫން، ޖިމް އަދި ބޯކޮށާ ތަންތަން ބަންދުކުރުން
ދެ ރަށުގައި ވެސް މި ފިޔަވަޅުތައް އަޅާފައިވަނީ ހަތް ދުވަހުގެ މުއްދަތަށެވެ.