އެއާޕޯޓު އަނބުރާ ހޯދަން ހިތްވަރު ދެއްވީ ރައީސް ޔާމީން: ޑރ. ވަހީދު

ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމަށް ހިތްވަރު ދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.


މިދިޔަ އަންގާރަ ދުވަހު ޑރ. ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލަން ހިތްވަރު ދެއްވީ ރައީސް ޔާމީންގެ އިތުރުން އެ މަނިކުފާނު ސަރުކާރުގެ ކެބިނެޓް މެމްބަރުން ކަމަށެވެ.

"އަޅުގަނޑު ޝުކުރު އަދާ ކުރަން ޖީއެމްއާރާއެކު ހެދި ކޮންޓްރެކްޓް އުވާލުމުގައި އަޅުގަނޑުގެ ކެބިނެޓާއި ރައީސް ޔާމީން ހިތްވަރު ދެއްވުމުން،" ވަހީދު ވިދާޅުވި އެވެ.

ވަހީދު ކުރެއްވި ޓުވީޓު.

އެމްޑީޕީ ސަރުކާރުން 25 އަހަރަށް ޖީއެމްއާރާ އެކު ހެދި އެއްބަސްވުން 2012 ގައި، ޑރ. ވަހީދުގެ ސަރުކާރުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް ދައްކަން ޖެހުނު 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) އެމްއޭސީއެލުން މިހާރު ވަނީ ދައްކައިފަ އެވެ.

ދިވެހި ސަރުކާރާ ދެކޮޅަށް ޖީއެމްއާރުން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަ ނިންމާފައި ވަނީ ގާތްގަނޑަކަށް ހަތަރު އަހަރު ފަހުން މިދިޔަ އޮކްޓޯބަރު 25 ގަ އެވެ.

އެމްއޭސީއެލުން ބުނީ އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ވަރުގަދަ އެއް ކުންފުނި ކަމަށާއި އެއާޕޯޓް ހިންގަން ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލުމުން ދެއްކި އަދަދު، އާމްދަނީ އިތުރުކޮށްގެން ކުރިއަށް އޮތް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އަނބުރާ ހޯދޭނެ ކަމަށެވެ.