އަންހެނުންގެ ފޮޓޯ އާއި ފޯނު ނަމްބަރު ވިއްކާ ބައެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސޯޝަލް މީޑިއާގައި ފަރުދުންގެ ޒާތީ މައުލޫމާތު ވިއްކުމަށް މަސައްކަތް ކުރަމުންދާ ގްރޫޕެއްގެ މައްސަލަ ފުލުހުން ވަނީ ބަލަން ފަށާފައި ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް އަދި ނުދެއްވަ އެވެ.
ބައެއް މީހުން ބުނާ ގޮތުގައި، ޓެލެގްރާމް ގުރޫޕްތައް ހަދައިގެން، އަންހެނުންގެ ފޮޓޯތައް ބަޔަކު އާންމު ކުރަމުންދާތާ ވެސް ވަނީ ދުވަސްތަކެއް ވަނީ ވެފަ އެވެ. ނަމަވެސް ފުލުހުން ބަލަނީ ސީދާ މި މައްސަލަ ކަމެއް އަދި ސާފެއް ނުވެ އެވެ.
މީހުންގެ ޒާތީ މައުލޫމާތު ވިއްކާ މައްސަލައެއް ބަލަން ފަށާފައިވާ ކަމަށް ބުނެފައި މި ވަނީ އަންހެނުންގެ ފޯނު ނަންބަރާއި ފޮޓޯ އާއި ސްނެޕް އައިޑީ ފަދަ ޒާތީ އެތައް މައުލޫމާތެއް ސޯޝަލް މީޑިއާ ގްރޫޕްތައް ހަދައި އޭގެ ތެރެއިން ވިއްކައި އަދި އެކަކު އަނެކަކަށް އެ މައުލޫމާތު ބަދަލުކުރާ މައްސަލަ ހައްލު ނުވެ އަދިވެސް ހިނގާ ކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި މިއަދު އަނެއްކާވެސް ދެކެވެން ފެށުމުންނެވެ. މިގޮތަށް ހިންގާ ބައެއް ގްރޫޕްތަކުގެ މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމަކު އެކަން ނުހުއްޓި ކުރިއަށްދާ ކަމަށް ބައެއް މީހުން ބުނެފައިވެ އެވެ.
މިފަދަ ގްރޫޕްތަކުން މީހުންގެ ބަރަހާ ފޮޓޯ ވެސް އެކި ގޮތްގޮތުން ހޯދައިގެން އެކި ކަންކަމުގައި ބޭނުންކުރެ އެވެ.
މާލޭގައި ފަހަކަށް އައިސް ބައެއް ގުރޫޕްތަކުން ދަނީ ބައެއް މީހުން މަގުމަތިން ވެސް ހިފަހައްޓައި ބްލެކްމެއިލް ކުރެވޭ ޒާތުގެ ފޮޓޯ ނަގައި ބިރު ދައްކަމުން ކަމަށް ވެ އެވެ. މިފަދަ ބައެއް މައްސަލަތައް ފުލުހުން ވެސް މިހާރު ވެސް ބަލަމުންދެ އެވެ.