ހަފުތާ ބަންދެއް ލިބުނަސް އަލީ ރަޝީދު (އައްޔަ)ގެ މަންޒިލަކީ އޭނާގެ އުފަން ރަށް، ދ. ރިނބުދޫ އެވެ. މީގެ ހަތް އަހަރު ކުރިން ދިރިއުޅުން މާލެ އަށް ބަދަލުކުރި ފަހުން ވެސް ކޮންމެ އީދު ބަންދަކަށް އޭނާ ދަނީ ރަށަށެވެ. އެކަމަކު، ކޮވިޑު-19 ގެ ސަބަބުން ދަތުރުކުރުމުގައި ހުރި ހުރަސްތަކުން، ކިތަންމެ ކުޑަ ދުވަސްކޮޅެއް ލިބުނަސް، ތިން ގަޑިއިރުގެ ލޯންޗު ދަތުރަކަށް ފަހު އާއްމުކޮށް ރަށަށް ގޮސް އުޅުނު އައްޔައަށް ކުރިމަތިވީ މާޔޫސް ކަމެވެ.
އެކަމަކު، އާއިލާ އާއި ރައްޓެހިންނާ ބައްދަލުނުވެ އަހަރަކަށް ވުރެ ގިނަ ދުވަސްވެ، އަދި ކަރަންޓީނުގެ މުއްދަތު އޭރު 10 ދުވަހަށް ކުރުކޮށްފައި ހުރުމުން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރިނބުދުއަށް ދިޔަ އެވެ. އުފަން ރަށުގައި ހުއްޓަސް ކަރަންޓީނުގައި ހުންނަން އޭނައަކަށް ފަސޭހައެއް ނުވި އެވެ.
"ކަރަންޓީނުގައި ތިބޭ މީހުންނަށް ކާ އެއްޗެހި ގެންގޮސްދީ، ވަރަށް ހެޔޮކޮށް ރަށުގެ މީހުން އުޅޭނީ. އެކަމަކު ކަރަންޓީނު ވާންޖެހުނީމަ ވަރަށް ވައިކޮށް ދިޔައީ. ކަރަންޓީނު ނިމުނީ ނުތަނަވަސްކަމުގައި. ބޭރަށް ދާން ބޭނުންވިޔަސް ނުދެވޭ،" އައްޔަ ބުންޏެވެ.
އޭނާ ހުރީ ވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، 14 ދުވަސް ވުމުން ކަރަންޓީނު ނުވެ މިދިޔަ ކުޑަ އީދަށް ރަށަށް ދާށެވެ. އެކަމަކު ކޮވިޑުގެ ހާލަތު ގޯސްވުމުން އެ ލުއި ދިނުން މަޑުޖައްސާލީ އެވެ. އެހެންވެ، ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންނަށް ލުއި ދިނުމާ އެކު، އައްޔަ އަވަސްވެގަތީ ޗުއްޓީ ނަގައިގެން ބޮޑު އީދަށް ރަށަށް ދާށެވެ.
އެ އުފަލާ އެކު، އިއްޔެ އޭނާ ވަނީ މާލޭގައި ދިރިއުޅޭ އާއިލާގެ އިތުރު ބަޔަކު ވެސް ހިމެނޭ ގޮތަށް ރަށަށް ގޮސްފަ އެވެ. އެކަމަކު މި ފަހަރު ކުރެވޭ ތަޖުރިބާ ވަރަށް ތަފާތެވެ.
"މިހާރު ކުރެވެނީ ކޮވިޑް ނެތް ދުވަސްވަރުގެ އިހުސާސްތައް. މިނިވަންކަން ލިބުނުހެން ހީވަނީ. ބޭނުން އިރަކު، ބޭނުންތާކަށް، ބޭނުން މީހަކާ ވެސް ބައްދަލުކުރެވޭ އެބަ،" ފުރަތަމަ ދައުރުގައި ރިނބުދޫ ކައުންސިލްގެ ނައިބު ރައީސްކަން ވެސް ކުރި އައްޔަ ބުންޏެވެ.
ކޮވިޑަށް ޕޮޒިޓިވްވެ އައިޝަތު ޝިމާނާއާ އޭނާގެ 10-16 އަހަރާ ދެމެދުގެ ތިން ކުދިންނާއި ފިރިމީހާއަށް ފާއިތުވި 2-3 މަސް ދިޔައީ ވަރަށް ދެރަކޮށެވެ. އެއްބަނޑުއެއްބަފާ ފަސް ބެއިންނާއެކު، މާލޭގައި އަމިއްލަ ގޭގައި ދިރިއުޅޭ ޝިމާނާގެ ދެމަފިރިން ފިޔަވައި އޭނާގެ އާއިލާއިން އިތުރު ބަޔަކު ބޭރަކަށް ނުދެ އެވެ. ބަލި ފެތުރެން ފެށި ހިސާބުން އެ ތިން ކުދިން ވެސް ބޭރަށް ދިއުން އެއްކޮށް ހުއްޓާލި އެވެ. ސްކޫލަށް ދާން ނޫން ގޮތަކަށް ފާއިތުވި ދޮޅު އަހަރު އެ ކުދިން ބޭރަށް ނިކުމެފައެއް ނުވެ އެވެ.
ފިރިމީހާގެ ރަށް، ގއ. ދާންދުއަށް ތިން އަހަރު ފަހުން މި މަހުގެ ކުރީކޮޅު ދިޔައީ ވެސް ކޮވިޑަށް ޕޮޒިޓިވްވި މީހުންނަށް ކަރަންޓީނު ނުވެ ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭގެ އުސޫލު ބަދަލުކުރުމުންނެވެ. އެހެން ނޫނީ، ސްކޫލުގެ މި ބޮޑު ޗުއްޓީ ވެސް ނިމޭނީ މާލޭގައި ބަންދުވެގެން ތިއްބަ އެވެ.
"ފަސް މީހުން ކަރަންޓީނުވެގެން ތިބެން އެގޮތަށް ތަނެއް ނުހުންނާނެ. އަނެއްކާ ކޮންމެ ދުވަހަކު ކާ އެއްޗެހި ގެނެސްދީ އުޅެން ވެސް ފަސޭހަ ކަމަކަށް ނުވާނެ. އެހެންވެ މިދިޔަ އަހަރު ވެސް ދާންދުއަށް ނާދެވުނީ. މި ފަހަރު ލުއި ދިނީމަ މި އައީ ރަށަށް،" ޝިމާނާ ބުންޏެވެ.
ތޮއްޖެހިފައިވާ މާލޭގައި ބޭރަށް ނުނިކުމެ، އެހާ ގިނަ ދުވަސްވަންދެން ގޭގައި ތިބުމަށްފަހު ބައެއްގެ ތެރެއަށް ނުކުމެވުމުން އެ ތިން ކުދިންގެ ތެރެއިން އެންމެ ހަގަށް ހުރި ފިރިހެން ކުއްޖާގެ ފަރާތުން ފެންނަން ފެށީ އުފާވެރި ބަދަލެކެވެ. ބޭރަށް ނުކުމެ ބައިސްކަން ދުއްވައި ހެލިފެލިވެ އުޅެން ފެށި އެވެ.
"މާލޭގައި އުޅުނު ގޮތާ މިހާރު ފެންނަގޮތް ވަރަށް ތަފާތު. ވަރަށް ހިތްހަމަޖެހިފައި މި ތިބީ،" އޭނާ ބުންޏެވެ.
އެ ލުއިތައް ދިނުމުގެ ކުރިން، ކޮވިޑުން ރަނގަޅުވިތާ މާ ގިނަ ދުވަހެއް ނުވަނީސް ފާތިމަތު ޝިފާނާ ވެސް އޭނާގެ 10 އަހަރާ 15 އަހަރުގެ ދެ އަންހެން ކުދިން ގޮވައިގެން ދިޔައީ ފިރިމީހާގެ ރަށް، ދ. ކުދަހުވަދޫއަށެވެ. އެ ލުއި ދިނުމާއެކު ކޮވިޑަށް ޓެސްޓުކޮށް ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ނުކުމެވުނީ 13 އަށް ވީ ދުވަހެވެ.
"ބައިސްކަލް ދުއްވާ، ބީޗަށް ގޮސް އެބަ އުޅޭ. ކުދިން ވަރަށް އުފަލުން ތިބީ. ކުދިންގެ އުޅުމުން ވެސް ތަފާތު އެބަ ފެނޭ. އެ ކުދިން ބުނި ރަށުގައި މާ އުޅޭ ހިތްވެއޭ، މާ ހިތްގައިމޭ. ރަށު ސްކޫލަށް ބަދަލުކޮށްދޭށޭ. އެކަމަކު މާލޭގައި މައިންބަފައިން ތިބީމަ އަދި ނެތް އެގޮތަށް ކުޑަހުވަދު އަށް ދެވޭކަށް،" މާލެއަށް އުފަން ޝިފާނާ ބުންޏެވެ.
އޭނާއަކީ ވެސް ސްކޫލު ބަންދުވާ ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ފިރިމީހާގެ އާއިލާ ކައިރިއަށް ޒިޔާރަތްކުރާ މީހެކެވެ.
ވެކްސިން ޖެހި މީހުންނާއި ކޮވިޑުން ރަނގަޅުވި މީހުންނަށް ސަރުކާރުން ލުއި ދިނަސް، ފާއިތުވި އެއް އަހަރުގެ ތެރޭގައި އެންމެ އުނދަގުލުގައި މަސައްކަތްކުރި އެއް ބަޔަކީ ރިސޯޓު މުވައްޒަފުންނެވެ. ހާލަތު ރަނގަޅުވެ، ވެކްސިންގެ ދެ ޑޯޒް ޖަހަން އަލުން ފެށުމާ އެކު، ރިސޯޓު މުވައްޒަފުންނަށް ވެސް އެންމެ ފަހުން ވަނީ ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދީފަ އެވެ.
އއ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ މުހައްމަދު ޝަރީފަކީ ވެސް ކޮންމެ އަހަރެއްގެ އީދަށް އޭނާގެ އުފަން ރަށް، ބ. އޭދަފުއްޓަށް ދާ މީހެކެވެ. ތިން މަހުގެ ބަންދަކަށް ފަހު ރިސޯޓުތައް ހުޅުވިފަހުން މަސައްކަތުގެ ބިޒީ މާހައުލުން ވީއްލި، އޭނާ އަށް ވެސް ހަމަޖެހުމުގެ ނޭވާއެއް މި ލެވުނީ އަހަރެއް ފަހުންނެވެ.
އެ ލުއިތައް އިއުލާނުކުރީ މުހައްމަދުގެ ކަރަންޓީނަށް އަށް ވަނަ އަށް ވީ ދުވަހު އެވެ. އެކަމަކު ފުރަތަމަ ސާމްޕަލްގައި މައްސަލައެއް ޖެހި، ދެ ވަނަ ފަހަރަށް ސާމްޕަލް ނަގައި ނަތީޖާ ލިބި، އެ ބަންދުން މިނިވަންވީ 11 ވަނަ ދުވަހު އެވެ.
"ވަރަށް ވަރަށް އުފާވެއްޖެ އާއިލާއާ ރައްޓެހިންނާ ދިމާވީމަ. ނިއު ނޯމަލްގައި މިހާރު މި އުޅެވެނީ. އެންމެން ވެސް ވަރަށް ބަލައިގެން، މާސްކު އަޅައިގެން މި އުޅެނީ. އެހެންވެ، އެ ހިތްހަމަޖެހުން އެބައޮތް،" މުހައްމަދު ބުންޏެވެ.
މާލޭގެ ހާސް ކަމުގައި އެތައް ދުވަހަކު ތިބުމަށްފަހު، ސްކޫލު ޗުއްޓީ އާއި އީދު ބަންދަށް އެތައް ބަޔަކު އެކި ރަށްރަށަށް ފުރައިގެން ދާން ވަނީ ފަށައިފަ އެވެ. އެކަމުގެ ބާރު އެންމެ ބޮޑުވެފައިވާ އެއް ތަނަކީ ކޮވިޑަށް ޓެސްޓުކުރާ ލެބުތަކެވެ. އެޗްޕީއޭއިން ވެސް އިއްޔެ ބުނީ ރަށްރަށަށް ދަތުރުކުރުމަށް ގިނަ ބަޔަކު ޓެސްޓުކުރަމުން އަންނަ ކަމަށެވެ. އެހެންވެ، ނަތީޖާ ލިބުން ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުންޏެވެ.
ބޮޑު ޗުއްޓީގެ ތެރެއަށް ޖުލައި 26 ގެ ބަންދާއި އީދު ބަންދު ވެސް މި ވަނީ އެވެ. މިއަދުން ފެށިގެން ކުރިއަށް އޮތް 15 ދުވަސް ބަންދުވާނެ އެވެ! ނަސީބު ދިމާކުރި ގޮތުން މި ތިން ހަތަރު ދުވަހަކު މޫސުން ވެސް ރަނގަޅު ވާނެ ކަމަށް ބެލެވެ އެވެ. މިއީ ހެޔޮފާލެކެވެ.