ރިންގްރޯޑުގައި ޓެކްސީތަކެއް ދުއްވަނީ-- ޓެކްސީތަކަށް އަރައި ޑްރައިވަރުންނަށް ބިރު ދައްކައި ހަމަލާދިނުމުގެ ހާދިސާތައް މީގެ ކުރިން ވެސް ހިނގާފައިވޭ -- ފޮޓޯ: ނިޝާން އަލީ/މިހާރު
10 އޯގަސްޓް 2021 - 10:34
ހުޅުމާލޭގައި ޓެކްސީ ޑްރައިވަރަކަށް ފައިސާގެ ބޭނުމުގައި ރޭ ދަންވަރު ހަމަލާދީ އޭނާ މަރާލަން ބިދޭސީމީހަކު މަސައްކަތްކުރި ކަމުގެ ތުހުމަތު އެ މީހާގެ އާއިލާ އިން ކޮށްފި އެވެ.
އުމުރުން 34 އަހަރުގެ އެ ޑްރައިވަރުގެ އާއިލާގެ މެމްބަރަކު "މިހާރު" އަށް މިއަދު ބުނީ، ހަމަލާދޭން މަސައްކަތް ކުރީ ހުޅުލެ އިން ޓެކްސީ އަށް އެރި އިންޑިއާގެ ފިރިހެން ޓޫރިސްޓަކު ކަމަށެވެ. އެ މީހާ ޓެކްސީ އަށް އެރީ ފްލައިޓް ކަޓައި، އޭނާ އަށް ފުރޭ ގޮތް ނުވެގެން އަނބުރާ ގެސްޓް ހައުސް އަށް ދިއުމަށް ކަމަށް އާއިލާ އިން ބުންޏެވެ.
"ފުދޭވަރަކަށް ބޮޑު ދެ ލަގެޖް އޭނާގެ އަތުގައި އޮތީ. އެކަތި ޑިކީ އަށް ނުލެވިގެން ފަހަތު ސީޓަށް އެރުވީ. ދެން އޭނާ މި އެރީ ޑްރައިވަރުގެ ފަހަތުގެ ސީޓަށް. ގާތްގަނޑަކަށް 24 ވަރަކަށް އަހަރުގެ ވަރަށް ޑީސެންޓްކޮށް ހުރި މީހެއް އެއީ،" ޓެކްސީ ޑްރައިވަރުގެ އާއިލާ އިން ބުންޏެވެ.
މީގެ ނުވަ މަސްް ކުރިން ޓެކްސީ ދުއްވަން ފެށި ޑްރައިވަރާ ހަވާލާދީ އޭނާގެ އާއިލާގެ މީހާ ބުނީ އެ ބިދޭސީމީހާ އެދުނީ ހުޅުމާލޭގެ "ނިރޮޅުމަގު 19" ގައި ހުންނަ ތަނަކަށް ގެންގޮސްދޭން ކަމަށެވެ. ދަތުރު ނަގައިގެން ދިޔަ މަގުމަތީގައި އެ ހިސާބަށް ދެވުމާ އެކު، ފަހަތު ސީޓުގައި އިން އެ ބިދޭސީމީހާ ލައިގެން ހުރި ޓީޝާޓް ކުއްލި ގޮތަކަށް ބާލައި، ޑްރައިވަރުގެ ކަރުގައި އޮޅައިލީ ކަމަށް ޑްރައިވަރުގެ އާއިލާ އިން "މިހާރު" އާ ވާހަކަ ދެއްކި މީހާ ބުންޏެވެ.
"ލައިގެން ހުރި ޓީޝާޓުން [ޑްރައިވަރުގެ] ކަރުގައި ބާރުކޮށްލީ. އޭނާ އިނީ ފަހަތު ސީޓްގައި ފައި ވިއްދާލައިގެން ވަރަށް ބާރަށް ކަރުގައި [ޓީޝާޓް] އޮޅާލައިގެން،" އާއިލާ އިން ބުންޏެވެ.
ގާތްގަނޑަކަށް 30 ސިކުންތު ވަންދެން ޑްރައިވަރުގެ ކަރުގައި ޓީޝާޓް އޮޅާލައިގެން އެ ބިދޭސީމީހާ ހުރި އިރު، ޑްރައިވަރު ނޭވާ ހާސްވެގެން ތެޅެމުން ގޮސް، ޓެކްސީގެ ދޮރު ހުޅުވުމާ އެކު ކާރުން ނުކުތީ ކަމަށް އާއިލާ އިން ބުނެ އެވެ. ހަމަލާދިން މީހާ ވެސް އެ ވަގުތުން ޓެކްސީން ފޭބި އެވެ. އެކަމަކު ދެން އޭނާ އަތުން ޑްރައިވަރުގެ ކަރުގައި ހިފި ކަމަށާއި އޭރު ސަލާމަތްކޮށްދިނުމަށް އެދި ގޮވަމުން ދިޔަ ނަމަވެސް އެ ސަރަހައްދުގައި ތިބި ހައެއްކަ މީހުން އަޅައި ވެސް ނުލި ކަމަށް އާއިލާ އިން ބުންޏެވެ.
"ކާރުން ނުކުމެވުން ގޮތް ބުނެދޭން ވެސް ނޭނގެއޭ [ޑްރައިވަރު] ބުނީ. އެކަމަކު ފަހުން ކަރުގައި ހިފައިގެން އުޅެނިކޮށް ވެއްޓުނީ. ދެން އެ ފަތުރުވެރިޔާ ނިރޮޅުމަގުން ފިލަން ދުއްވައިގަތީމާ ޑްރައިވަރު ވެސް ދުއްވައިގަތީ އޭނާ ފަހަތުން. އޭރު ފުލުހުންނަށް ގުޅައިދޭން ގޮވަމުން ދިޔައީ. ވަރަށް ބައިވަރު މީހުން މަގުމަތީ އޮތް. ދިވެހިން އަޅައެއް ވެސް ނުލާ،" ޑްރައިވަރުގެ އާއިލާ އިން ކިޔައި ދިނެވެ.
އެ ބިދޭސީމީހާ ފިލަން ދުވަމުން ގޮސް އެ ސަރަހައްދުގައި މަޑުކޮށްލި ވަގުތު ފުލުހުންނަށް ވެސް އެ ސަރަހައްދަށް ދެވުމާއެކު، އެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. ފުލުހުންގެ ސުވާލުތަކުގެ ޖަވާބުގައި ބިދޭސީ މީހާ ބުނީ ޑްރައިވަރު މަރައިލަން އުޅުނީ އަތުގައި ފައިސާ ނެތުމުން ފައިސާ ހޯދުމަށް ކަމަށެވެ. އަދި އެ ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނާ ކަމަށް އާއިލާ އިން ބުންޏެވެ.
މިކަމާ ގުޅިގެން ޓެކްސީ ޑްރައިވަރަށް ހުޅުމާލޭ ހޮސްޕިޓަލުގައި ވެސް ރޭ ފަރުވާދިނެވެ. އޭނާގެ އަނގަ ހުޅުވައި ނުލެވޭ ވަރުވެފައިވާ ކަމަށާއި މޫނާއި ލޯ މަތި ވެސް ވަނީ ދުޅަވެފައި ކަމަށް އާއިލާ ބުންޏެވެ. މޫނުގެ ބައެއް ތަންތަނުން ލޭ ވެސް އައިސްފައިވާ ކަމަށާއި ވެއްޓި ކަކުލު ހުޅު ކައިރީ ވެސް ދުޅަވެފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ..
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ ރޭ ދަންވަރު 12:40 ހާއިރު މިފަދަ ހާދިސާއެއް ހުޅުމާލޭގައި ހިނގާފައިވާ ކަމަށެވެ. އެކަމަކު ތަފްސީލެއް ނުދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ހާލދު
10 August 2021
ތިޔަ މީހާގެ ފޮޓޯއެއްވެސް ނެތީތަ. ތިޔަމީހާގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ސަރީއަތްކޮށް ހުކުމް ތަންފީޒު ކުރުމަށް ގޮވާލަން. އަދި އަނިޔާ އާއި ގެއްލުން ލިބުނުމީހާއަށް އިންސާފާއި ލިބުނުގެއްލުމުގެ ބަދަލު ހޯދައިދިނުމަށްވެސް ގޮވާލަން. މަސްތުވެގެން ހުރުމަކީ އޭނާކުރި ކުށުން ބަރީއަވާން އޭނާއަށް އޮތް ލައިސަންސް އަކަށް ދައުލަތުން ނިންމައިގެން ނުވާނެ
އަލީ ހުސެން
10 August 2021
މިއީ އިންޑިޔާގަ ދިވެއްސަކު ކުރި ކަމެއްނަމަ މިހާރު އެމީހާ މަރާލުމަކީ ގާތްކަމެއް. އެކަމު މި އިންޑިޔާ މީހާއަށް އެއްވެސް އަދަބެއް ނުދޭނެކަން ޔަގީން. އެހެންވެ އެ ކިޔަނީ މަސްތުގެ ހާލަތޭ. އެހެންކިޔައިގެން އޭނާ ކުށެއް ނުކުރާކަމަށް ދައްކަން އެއުޅެނީ. ފައުޒިއްޔާ އާއި އަދިވެސް އެހެން ދިވެހި އަންހެނަކަށް އިންޑިޔާގެ ފުލުހުން ކުރި އަނިޔާއަކީ މީގެ ހެއްކެތް. ވީމާ މިކަމުގައި ތިޔަ އިންޑިޔާ މީހާއަށް ހައްގު އަދަބު ދޭންޖެހޭ. އޭނާ އުޅުނީ މީހަކު މަރާފަ އަދި ފޭރެން
ޕަޕެޓް
10 August 2021
އިންޑިއާ މީހުން ނުވާނެ ކުއްވެރިއެއް.
އިބްރާހިމް.
10 August 2021
ތީ ވަރައްދެރަވަރު ކަމެއް. ހަމައެއާއެކު ތިކަންކުއްވެރިކުރާހާލު މިހާރަކައް އައިސް ފަސެންޖަރުން އަތުން ޓެކްސީ ޑްރައިވަރުން ކަނޑައެޅިފަހުންނަވަރައް ވުރެވުރެ ބޮޑުއަގުނެގުމާއި ހުޅުމާލެ ނޫނީ އެއާޕޯރޓް ދަތުރު ނޫންދަތުރު ނަގަން ދެކޮޅުހެދުން އާންމުވެއްޖެ. މިކަންވެސް ހަރުކަށި އިބާރާތުން ކުއްވެރި ކުރަން.
މުޙުއްމާ
10 August 2021
މޯދީ އެމީހާއަށް ވަގުތުން ރައއކާތެރިކަން ދޭނެ. މިޤައުމު މިއޮތީ ނަޝީދާ ޝާހިދާ ދެމީހުންވެގެން މޯދީއަށް ވިއްކލާފަ ވިއްޔާ.
އަބުދުލް ޤާދިރު
10 August 2021
ތީ އިންޑިއާ މީހެއްނުން. އެއްކަމެއް ވެސް ނުކުރެވެނެ. ބޮޑުވަރަކަށް ޤައުމަށް ފޮނުވާލާނީ.
ނޫ ސަންގު
10 August 2021
މާލޭގައި އުޅޭ ގިނަ ދިވެހިންނަކީ ވަރަށް ޖާހިލު ބައެއް. އިންސާނަކު މަރުން ސަލާމަތް ކޮށްދިނުމަށް ގޮވަމުން ދިޔައިރުވެސް އަޅާނުލުމަކީ ޙައިވާނުންގެ ސިފައެއް.
މަސޭމާނިއާރް
10 August 2021
އަހަރެންގެ އުމުރުން 19 އަހަރުގައި އަހެރެންގެ މުސާރަޔަކީ 3000ރ. މަންމަޔަށް ލާރި ދީފައި އަހަރެން ނަށް ބާކީ ވީ 700ރ. ބާ ޖަމާލުއްދީން ކައިރީ އޮންނަ ގްރޫޕް ގެ ކޮރަކަށް ޖަހަމުން މިހާރުވެސް ސަލާންޖަހާ ހަކުރުބޯ މީހެއް އުޅޭނެ. ހަމަ އޭނާ ނިރްވާ ގަރާޖް ކައިރިން އަހަރެން ކަރުގައި އާއި ބޮލުގައި ކަޓަރު ޖެއްސި. އަދި އަތުގައި 700ރ ފޭރުނު. މަންޒަރު ބަލަން ތިބި މީހުން އަޅާވެސް ނުލާ. ދިވެހިން މިތިބާ ހަކުރުވިއްކާ މީހުން ބޮހުންނަ ހަދައިގެން.
މިއީ ކިހާ ދެރަކަމެއް؟
10 August 2021
"ސަލާމަތްކޮށްދިނުމަށް އެދި ގޮވަމުން ދިޔަ ނަމަވެސް އެ ސަރަހައްދުގައި ތިބި ހައެއްކަ މީހުން އަޅައި ވެސް ނުލި" މިއީ ކިހާ ދެރަކަމެއް؟
ސަރުދާރުު
10 August 2021
އިންޑިޔާ މީހަކަަށް އެޅޭނެ ފިޔަވަޅެއް މިގައުމަކު ނޯންނާނެ. ކުޑަވެގެން އެޗްއައިއެޗުން މިތާއުޅޭ ބިދޭސީންނަށް ރާވިއްކުންވެސް ނުހުއްޓުވޭނެ، ކިތައް ޓީޗަރުން ޑީޕޯޓްކުރި ދަރިވަރުންނާ ބެހިގެންް، މާބަނޑު އަންހެންމީހާ ގަޔަށް އެއިޑްސް ލޭ އެޅިމީހާވެސް ބެޗީ. ޑީޕޯޓު ކުރުމަކީ އަދަބެއްނޫން، މިސާލަކަށް ބަލާ ލަންކާއިން އަޝްމަލީ އާއިމެދު އަމަލުކުރިގޮތް ހަމަ އެގޮތަށް މިތާވެސް ޖެހޭނެ އަދަބު ދެވެން.
ހިތަދޫ ހުސެން
10 August 2021
24 ވަރަކަށް އަހަރުގެ ވަރަށް ޑީސެންޓްކޮށް ހުރި މީހެއް އެއީ،" ޓެކްސީ ޑްރައިވަރުގެ އާއިލާ އިން ބުންޏެވެ.... ދުއްވަން ތިބީ އާއިލާ މީހުން އެއްކޮށް ތަ؟
ކުޑަކޮށްވިސްނާލަބަލަ
11 August 2021
އާއިލާ މީހުން ކިޔައިދޭނީ ޑްރައިވަރު އެމީހުންނަށް ކިޔައިދީފައިވާ ގޮތަށް.