ބޭންކެއްގެ ސައްހަ ސްލިޕެއް ކަމަށް ބުނެ އޮޅުވާލައިގެން މިލިއަނެއްހާ ރުފިޔާގެ މުދާ ގެންދިޔަ ކަމަށް ތުހުމަތު ކުރެވޭ މީހަކު ރޭ ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި ރޭ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، ބޭންކެއްގެ ސްލިޕެއް ދައްކައި އޮޅުވާލައިގެން ގެންގޮސްފައިވާ ތަކެއްޗާއެކު އުމުރުން 47 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވިގޮތުގައި، އެ މީހާގެ އަތުން ފެނުނު ތަކެތީގެ އަގު މިލިއަނެއްހާ ރުފިޔާ އަށް އަރާނެ އެވެ.
އޮޅުވާލައިގެން ތިން ފިހާރައަކުން އެ މީހާ ގެންދިޔަ މުދާތަކުގެ ތެރެއިން ވެރިފަރާތް ހޯދިފައިވާ ފަރާތްތަކާ ބައެއް މުދާ ހަވާލު ކޮށްފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
އެ މީހާގެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމަން މިއަދު ކްރިމިނަލް ކޯޓަށް ގެންދިއުމުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.