މައްސަލަ ދިމާވި ގްރޭޑް އެކެއްގެ ގުރުއާން ފޮތް ދަރިވަރުންގެ އަތުން ނެގުމަށް ސްކޫލުތަކަށް އަންގައިފި އެވެ.
އެ ފޮތްތައް ޗާޕްކުރި އިރު ދެ ސޫރަތެއްގެ އާޔަތްތައް އެކުވި މައްސަލައެއް މިދިޔަ ހަފުތާގައި ވަނީ ފެންމަތިވެފަ އެވެ. އޭގެ ފަހުން ގްރޭޑު 2 އަދި 12ގެ އިސްލާމް ފޮތްތަކުގައި ވެސް އެފަދަ މައްސަލަތަކެއް ހުރި ކަމަށް، ބައެއް އިލްމުވެރިން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައި ވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ގުރުއާން ފޮތުގައި ދިމާވި މައްސަލަ ހައްލުކުރަން ނޭޝަނަލް އިންސްޓިޓިއުޓު އޮފް އެޑިއުކޭޝަން (އެންއައިއީ) އިން ފަށާފައިވާ ކަމަށެވެ. އެ ފޮތްތައް ޕްރިންޓް ކުރުމުގެ ކުރިން އެންއައިއީ އަދި އިސްލާމިކް މިނިސްޓްރީން ޗެކްކުރި ކަމަށާއި އެ މައްސަލަ ދިމާވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުންޏެވެ.
ޕްރިންސިޕަލުން ތިބޭ ގްރޫޕުތަކަށް އެޑިއުކޭޝަން މިނިސްޓްރީގެ ކޯޑިނޭޓަރުން ފޮނުއްވި މެސެޖުގައި ވަނީ ގްރޭޑް އެކެއްގެ ކުދިންގެ އަތުން ގުރުއާން ފޮތް ނެގުމުގެ ކަންކަން މިއަދު ހަމަޖެއްސުމަށް އަންގައިފަ އެވެ.
އެކަން ހައްލު ކުރާނެ ގޮތުގެ އިރުޝާދު އެންއައިއީން ދޭނެ ކަމަށާއި އެހާ ހިސާބަށް ދަންދެން، ބުރުނާރާނެ ގޮތަށް ކިޔެވުން ކުރިއަށްގެންދިއުމަށް އެ މެސެޖުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.