ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫން ވާހަކަފުޅުދައްކަވަނީ. ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް އެމަނިކުފާނު ގޮވާލެއްވި. --ފޮޓޯ: ނިޝާން އަލީ
05 ޑިސެމްބަރ 2016 - 13:57
ނޫސްވެރިންނަށާއި މީޑިއާތަކަށް ސަރުކާރުން ކުރިމަތިކުރަމުންދާ ގޮންޖެހުންތައް ހުއްޓާލައި، މިނިވަންކަމާ އެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށް ދިނުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ގިނަ އަދަދެއްގެ ނޫސްވެރިންގެ މައްޗަށް ތަހުގީގު ހިންގާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވައި މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މިނިވަން ނޫސްވެރިކަމަކަށް ފުރުސަތު ދިނުމަކީ ސަރުކާރު ޒިންމާދާރު ކުރުވައި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުމަށް ބާރު އެޅުމުގައި އެންމެ މުހިންމު އެއް އަސާސް ކަމަށެވެ.
ނަމަވެސް ރާއްޖޭގައި މިނިވަން ނޫސްވެރިކަމެއް ކުރުމަށް ތަފާތު އެކި ގޮންޖެހުންތައް ކުރިމަތިކުރުވަމުންދާ ކަން ޕީޕީއެމްގެ މެމްބަރުން ކަންބޮޑުވުމާ އެކު ފާހަގަކުރާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އެގޮތުން އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުމަށް ގާނޫނު ހަދައި، ގާނޫނުއަސާސީގެ ބާރު ހަނިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް މައުމޫން ތުހުމަތު ކުރެއްވި އެވެ.
"އަބުރާ ބެހުމުގެ ނަމުގައި ބޮޑެތި އަދަބުތަކެއް ދިނުމުގެ ބާރު ލިބޭ ގޮތަށް ގާނޫނެއް ވުޖޫދުކުރީ ވަކި ބަޔަކު ހިންގަމުންދާ ހިޔާނާތާއި ފަސާދައިގެ އަމަލުތައް ފޮރުވައި ނޫސްވެރިކަމުގެ އަޑު ކަނޑުވާލުން ކަމަށް ގަބޫލުކުރެވެ އެވެ،" މައުމޫން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެ ޓީވީގެ ތިން ނޫސްވެރިން ކަމަށްވާ މުހައްމަދު ވިސާމާއި ލީވާން އަލީ ނަސީރާއި އާދަމް ޒަރީރު ހައްޔަރުކޮށް ދައުވާ އުފުލީ ނޫސްވެރިންގެ ޒިންމާ އަދާކުރަނިކޮށެވެ.
މީގެ އިތުރުން އަބުރުގެ ގާނޫނުގެ ދަށުން "މިހާރު"ގެ ނޫސްވެރިޔާ ފަޒީނާ އަހުމަދުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާއިރު، އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި މައުމޫން ވިދާޅުވީ މީހަކު ބުނި އެއްޗެއް ބުނި ގޮތަކަށް ރިޕޯޓު ކުރުމަކުން ފަޒީނާއަށާއި މީޑިއާ އަށް އަދަބު ލިބެން ނުޖެހޭނެ ކަމަށެވެ.
"އެހެންކަމުން ނޫސްވެރިންގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލަމެވެ. ނޫސްވެރިކަމަށް އަނދިރި ދުވަސްތަކެއް ކުރިމަތިވެފައިވާކަމީ ހުރިހާ ރައްޔިތުންނާއި ޕީޕީއެމް މެންބަރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެކެވެ،" މައުމޫން ވިދާޅުވި އެވެ.
ހަމައެއާއެކު، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ވީނުވީއެއް ނޭނގި ގެއްލުނުތާ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އޭނާ އަށް ވީނުވީއެއް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ވަރަށް މަސައްކަތް ކުރަމުން ނުދާތީ މައުމޫން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އެހެންވެ މައުމޫން ވަނީ މިނިވަންކަމާއެކު ނޫސްވެރިންނަށް ހަރަކާތްތެރިވެވޭނެ މާހައުލެއް ގާއިމުކޮށްދީ ނޫސްވެރިންނަށް ދީފައިވާ ހަމަލާތަކާ އިންޒާރުތައް ތަހުގީގުކޮށް އެކަމުގައި ޝާމިލްވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލައްވާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮބަސް
06 December 2016
މަނިކުފާނުގެ ދިގު 30 އަހަރުގެ ވެރިކަމުގެ ދުވަސްވަރުގައި ކެނޑިނޭޅި ބައެއް ބޭފުޅުން ގޮވާލައްވަމުން ގެންދެވި ވާހަކަފުޅެއް މިއަދު މަނިކުފާނު ގޮވާލެއްވުމުން މަނިކު ފާނުގެ ވެރިކަމުގެ ދުވަސްވަރު ސަރުކާރުން ނޫސްވެރިންނަށް ކުރިމަތިކުރައްވާ ގޮންޖެހުންތައް ހުއްޓާލަން ބައެއްބޭފުޅުން ގޮވާލައްވާގޮވާލެއްވުން އެއީހަމަ ހަގީގަތު ގައިވެސް ގޮވާލައްވަންޖެހޭ ގޮވާލެއްވުމެއްކަން މިހާރުޔަގީންވެއްޖެ
ކަމާ
06 December 2016
މައުމޫން ތިގޮތަށް ވާހަކަފުޅު ދެއްކެވީމާ މިނިކަމެތި އަޅުގަނޑު ވަރަށް ދެރަވޭ. ހިތާމަވެސް ކުރަން
ފިރިހެނާ
06 December 2016
މީގައި މިހިރަ ކޮމެންޓްތައް ކިޔާފާ އަހަރެން ހިތައް އަރަނީ އަހަރެންނަކީ މައުމޫނުނަމަ ދުވަހަކުވެސް ސިޔާސީ ކަންކަމަކާ ނުބެހޭނަމޭ.
ހުސޭނުބެ
06 December 2016
ދަންނަވަންތޯ!! މަޑުފުޅުން ހުންނަވާ!! މަނިކުފާނެގެ 30 އަހަރުގެ ވެރިކަމުގެތެރޭވެސް ކަންތައްތައް ކުރައްވާފަ އޮތީކީ މާކަ ރަގަނޅަކަށްނޫން އިގޭތޯ!!
އަލިފުތު
06 December 2016
ސިޔާސީ ކަންކަމާބެހި އެކަންކަން އިސްލާޙުކުރުމަށް ކުރާ މަސައްކަތަކުން އަދި ސަރުކާރަށް ފާޑުކިޔާ ދައްކާ ވާހަކަ ބަލައިގަންނާނެ މީހުން ވަރަށްމަދު މިސާލަކަށް ޕީޕީއެމްގެ ރައީސަށް ވިޔަސް އެޕާރޓީ ވެރިކަން ކުރާހާ ހިނަދަކު އެޕާރޓީން ގައުމު ހިންގަން ހުރި ރައީސާ ދެކޮޅަށް ބަސްބުނެ ދެފެކްޝަނަކަށް މަސައްކަތް ކުރުމަކީ މަޤާމުގެ ހައިސިއްޔަތުންވިޔަސް އެންމެ ރަގަޅުކަމެއްނޫން. . އަދި ދައްކާ ވާހަކައަކުން ނުކުންނާނެ ސިޔާސީ ފައިދާއެއް ހަމަގައިމު މިސަރުކާރު ދެމިއޮވެ ނޯންނާނެ. ވީމާ ރައްޔިތުން ބަލައިގަންނާނެ ރައްޔިޔުންނަށް ވިކޭ ވިސްނުމަކާ އެކު މަސައްކަތް ކުރެއްވުން ކީއްތޯ؟
ފުވައްމުލަކު މީހާ
06 December 2016
ތެދުވާހަކައެއް. ނަމަވެސް ސިޔާސީ ފިކުރުގައި ވަކިއަތަކަށް ނުޖެހި ނޫސްވެރިކަން ގެންދިއުމަށް ގޮވާލިނަމަ އެވާހަކަ ރައްޔިތުންނަށް ވިކޭނެ.
އަލްޖިބްރާ
05 December 2016
ނޫސްވެރިއަކު ގެއްލުވާލިރު ތިބޭޅާގެ އަގަފުޅު ކޮބާތޯ ؟ ރަން ތިރީސް އަހަރުތަކުގެ ތެރޭގައި" މައުމޫނޭ " ބުނެލިމީހާވެސް އޮތީ ޖަލުގައި ! މިހާރު ހުރިހާ މަގެއް ބަންދުވީތަ؟
ބޯލަބޭ
05 December 2016
ނޫސްވެރިންނަށް ކަންކަން ކުރިމަތިވެގެން ނުވަތަ ކޮށްގެން މިއުޅެނީ މިހާރުތަ؟ މާޒީގައި ގަތީ ކޮންގަނޑެއްބާ؟
މެންޓަލިސްޓް
05 December 2016
ރައީސްމައުމޫންއަށް ވަރަށް ވެދުން ، މިހާރު ތިޔައުޅުއްވަނީ ހުޅަނގުފަރާތުން އިރު އަރައިގެންތޯ ؟ މަނިކުފާނުގެ ވެރިކަމުގައި ސަންދާނު އޮންލައިން ނޫހެއް ނެރުނު ބަޔަކު އުމުރަށް ޖަލަށްލީހަދާންނެތުނީތޯ ؟ އޭރު މިނިވަންކަމާއިއެކު އަނގަހުޅުވާލި މީހަކުވެސް ފެންނާނީ ޖަލުގެ ތޭރިތަކުތެރޭން އަނދަގޮނޑީގައި އިއްޒަތުގައި ބައިދާފައިއިންދައި ، ވީމާ މަނިކުފާން ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަދެއްކުމަކީ ޕޯޕް ފްރާންސިން އިސްލާމްދީނަށް ގޮވާލުން ކަހަލަ ކަމެށް ،، ވަރަށްވެދުން
ބްރަވާޑޯ
05 December 2016
30އަހަރުގެ މަގުބޫލުކަން ގެއްލުމުން އަދިވެސް މަޝްހޫރުވާންވެގެން ކޮމެންޓް ކޮއްލަކޮއްލަ ތިހުންނަނީ. ޚޮމެންޓް ކުރިޔަސް ދެނެއްވެރިކަމެއް މަނިކުފާނަކަށް އަދި މަނިކުފާނުގެ ދަރިޔަކަށްވެސް ލިބުނަކަ ދޭކަށް އަހަރެމެން ނެތިން...