ޚިޔާލު / ދީން

ހަދީސެއްގެ އަލީގައި: ތަރުބިއްޔަތުގައި ރުޅި ކޮންޓްރޯލު ކުރުމާއި ރުޅީގެ ދަރަޖަތައް

މައިންބަފައިން ރުޅި އައިސްގެން ކުދިންނަށް ހަޅޭއްލަވައި އަޑުގަދަކޮށް ހަދާ ނަމަ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލި، ދޮގު ހެދުން އާދައަކަށް ހެދުން ވަރަށް ކައިރި.

02 އޯގަސްޓް 2025 - 08:48

މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެފާނުގެ ކިބައިން ރިވާ ކުރެވިގެން ވެ އެވެ. މީހަކު ކީރިތި ރަސޫލާ ﷺ ގެ އަރިހުގައި (ހެޔޮ ކަމަކަށް) ވަސިއްޔަތް ކޮށްދެއްވާށޭ ދެންނެވި އެވެ. އެ ހިނދު ނަބިއްޔާ ﷺ ހަދީސް ކުރެއްވި އެވެ. "ތިބާ ރުޅި ނާންނާށެވެ!" ދެން ކޮންކަމެއްތޯ އެތައް ފަހަރަކު އޭނާ ދެންނެވުމުން ވެސް ތަކުރާރުކޮށް ހަދީސް ކުރެއްވީ "ތިބާ ރުޅި ނާންނާށެވެ!" (ބުޚާރީ).

މި ހަދީސްގައި މާތް ނަބިއްޔާ ﷺ ބަޔާން ކުރައްވަނީ ދިރިއުޅުމުގެ ހަޔާތުގައި ކޮންމެ މީހަކު ވެސް ރުޅި ކޮންޓްރޯލު ކުރަން ޖެހޭނެ ކަމެވެ. މިގޮތުން ރުޅި އައުން އެކަށީގެން ނުވާ ކަންކަމުގައި އެއްގޮތަކަށް ވެސް ރުޅި ނައުމާއި ރުޅި އަންނަން ޖެހޭ ތަންތަނުގައި ރުޅި ކޮންޓްރޯލު ކުރަން ޖެހޭނެ އެވެ. މި ހަދީސަކީ އާންމު ހަދީސެއް ނަމަވެސް ރުޅި ކޮންޓްރޯލު ކުރުމުގެ ސިފައަކީ ތަރުބަވީ މައިދާނުގައި މަސައްކަތް ކުރާ ކޮންމެ މުރައްބީއެއްގެ ކިބައިގައި ހުރުން ވަރަށް މުހިންމު ސިފަ އެކެވެ.

އެހެންކަމުން މި ލިޔުމުގައި ބޮޑަށް ބަލައިލާނީ ތަރުބިޔަތުގެ ދާއިރާގައި ރުޅި ކޮންޓްރޯލު ކުރުމުގެ މުހިންމު ކަމާއި އެކަން ނުވާ ނަމަ ދިމާވެދާނެ މައްސަލަތަކާއި މުރައްބީން ރުޅި ކޮންޓްރޯލު ކުރަން ކުރެވިދާނެ ބައެއް ކަންކަމުގެ މައްޗަށެވެ.

ރުޅި ކޮންޓްރޯލު ކުރުމުގެ މުހިންމުކަން

މި ހަދީސްގައި އައިސްފައިވާ އިރުޝާދަކީ އިންސާނެއްގެ ދިރިއުޅުމުގެ މުޅި ހަޔާތުގައި ހެޔޮކަން ހާސިލު ކުރެވޭނެ އަދި ނުބައިކަން ދުރުހެލި ކުރެވޭނެ ކުރުކުރު އިރުޝާދެކެވެ. މިއީ އިންސާނާގެ ނަފްސު ތަހުޒީބު ކުރެވޭނެ ކަމެކެވެ. ނަފުސަށް ފަރުވާ އާއި ހަމަޖެހުން ގެނެސްދޭނެ ކަމެކެވެ. ހާއްސަކޮށް ދިރިއުޅުމުގައި ދިމާވާ ދަތި އުނދަގޫ ހާލަތްތަކުގައި މީގެ އަގު ވަރަށް މަތިވެގެންދާނެ ގިޔަމެކެވެ.

ދެބަސްވުންތައް އުފެދޭ ހާލަތްތަކުގައާއި ތަރުބިޔަތު ކުރުމުގެ މަސައްކަތުގަ އާއި ޖާހިލުންނާ މުއާމަލާތު ކުރުން ފަދަ ކަންކަމުގަ އެވެ. އިންސާނާ އަށް ރުޅި ކޮންޓްރޯލު ނުކުރެވޭ ނަމަ އޭގެ ސަބަބުން ވަރަށް ހިތާމަވެރި ކަންކަން މެދުވެރިވެ ދެއެވެ. އަދި މިއީ ނުބައި ހުރިހާ ކަމެއްގެ ތަޅުދަނޑި އަކަށް ވެދެ އެވެ. މިސާލަކަށް ދެމަފިރިން ވަރިވާން ޖެހުމާއި ރަހިމުގެ ގުޅުން ކެނޑުމާއި އަނިޔާވެރި ވުމާއި މީހުން މެރުމާއި އަދި ކިއެއްތަ، ކުފުރުވުން ފަދަ ބޮޑެތި ކަންކަން ވެސް ރުޅިގެ ސަބަބުން ހިނގާފައި އެބަހުއްޓެވެ. އެހެން ވަނީ ރުޅީގެ ސަބަބުން ހަމަވިސްނުމާ ދުރުވެ ހިލްމުވެރިކަމާއި ހިކުމަތްތެރިކަން ގެއްލިގެންދާތީ އެވެ.

ރުޅީގެ ދަރަޖަތައް

ރުޅިއަކީ ހުރިހާ ހާލަތެއްގައި ގޯސް ސިފައެއް ނޫނެވެ. ﷲ ހުރުމަތްތެރި ކުރައްވާފައި ހުރުމަތަކަށް މީހަކު އަރައިގެންފި ނަމަ އެކަމާ ރުޅި އަންނަން ޖެހޭނެ އެވެ. މިސާލަކަށް ﷲ ނަހީ ކުރެއްވި ކަމެއް މީހަކު ކޮށްފިއްޔާ ކީރިތި ނަބިއްޔާ ﷺ ކޯފާވެ ވަޑައިގަނެ އެވެ. މިބާވަތުގެ ރުޅި އަކީ ތައުރީފު ލިބެނިވި ރުޅި އެކެވެ (އަލްފަތުޙު 29).

ނަމަވެސް މިފަދަ ހާލަތްތަކުގައި ވެސް ރުޅި އަންނަ ހިނދު އެ ރުޅި ކޮންޓްރޯލު ކުރަން ޖެހޭނެ އެވެ. ހިކުމަތްތެރިކަމާއި ހިލްމުވެރި ކަމާ އެކު މުއާމަލާތު ކުރަން ވާނެ އެވެ. ރުޅީގެ ދެވަނަ ދަރަޖަ އަކީ ހަވާ ނަފަސުގެ އެދުންތަކަށްޓަކައި އަންނަ ރުޅި އެވެ. މިސާލަކަށް ތިމާއަށް ގެއްލުމެއް ލިބުމުން ނުވަތަ މީހަކު އެއްޗެތި ކިޔުމުން ކަހަލަ ހާލަތެއްގައި މާ ގަދަޔަށް ރުޅި އައުމެވެ. މިއީ ނުބައިވެގެންވާ ރުޅި އެކެވެ. ތިންވަނަ ދަރަޖަ އަކީ މަގުބޫލު ސަބަބެއް ނެތި ރުޅި އައުމެވެ. މިސާލަކަށް ތިމާއާ ރައުޔުގެ ގޮތުން ހިލާފުވުމުން އެކަމާ ރުޅި އައުމެވެ. މިއީ ނުބައިކަން ބޮޑުވެގެންވާ ރުޅި އެކެވެ.

ހަދީސުން ލިބޭ ތަރުބަވީ ފިލާވަޅުތައް

މި ހަދީސުން މުރައްބީންނަށް ލިބޭ އެއް ފިލާވަޅަކީ، ތަރުބިޔަތުގެ ދާއިރާގައި މަސައްކަތް ކުރާ އިރު ރުޅި ކޮންޓްރޯލު ނުކުރެވިއްޖެ ނަމަ ލިބޭނެ ގެއްލުންތަކާ މެދު ސަމާލުވާން ޖެހޭނެ ކަމެވެ. މިގޮތުން މުރައްބީންނަށް ރުޅި ކޮންޓްރޯލު ނުކުރެވޭ ނަމަ އިންސާފުވެރި ކަމާ އެކު ވިސްނަން ދަތިވާނެ އެވެ. ތަރުބަވީ މަސައްކަތުގައި ހަރުކަށިކަން ހުންނާނެ އެވެ. އަދަބު ދޭން ނުޖެހޭ ތަންތަނުގައި އަދަބު ދެވިދާނެ އެވެ. އަދަބު ދޭން ޖެހޭ ހާލަތެއްގައި ވެސް އެކަން އަނިޔާ އަކަށް ބަދަލު ވެދާނެ އެވެ. ކުދިންގެ ޝަޚުސިއްޔަތު ފުނޑުފުނޑު ކޮށްލެވިދާނެ އެވެ.

ދެވަނަ ފިލާވަޅަކީ، ރުޅި ކޮންޓްރޯލު ނުކުރުމުން ކުދިންނަށް ކޮށްފާނެ ތަރުބަވީ އަސަރުތައް ދެނެގަނެ އެކަން ކުޑަކުރަން މަސައްކަތް ކުރުމެވެ. މުރައްބީން ރުޅި އައިސްގެން ކުދިންނަށް ހަޅޭއްލަވައި އަޑުގަދަކޮށް ހަދާ ނަމަ ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލިދާނެ އެވެ. އަނިޔާކޮށް ތަޅައި ހަދާ ނަމަ ކުދިން ބިރުގަނެ އުދުވާނީވެ ދޮގު ހަދަން ދަސްވެދާނެ އެވެ. ތައައްސުބުކަން ބޮޑުވެއްޖެ ނަމަ އެ ސުލޫކު ކުދިންނަށް ވާރުތަވެ، އެ ކުދިންނަކީ ވެސް ތައައްސުބު ބަޔަކަށް ވެދާނެ އެވެ. ކިތަންމެ ކުޑަ ކަމަކަށް ވިއަސް ކޮންމެ ކޮންމެ ހާލަތެއްގައި ރުޅި އަންނަ ނަމަ ކުދިންނަށް ހެވާއި ނުބައި އޮޅިދާނެ އެވެ.

ބައްޕައެއް ނުވަތަ މަންމައެއް ނުވަތަ މުދައްރިސެއް ރުޅި ކޮންޓްރޯލު ނުކުރާ ނަމަ ކުއްޖާ ދަސްކުރާނީ ރުޅި އައުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެކަމަކު މި މުރައްބީން ރުޅި ކޮންޓްރޯލު ކުރާ ތަން ކުއްޖާ އަށް ފެންނަ ނަމަ ކުދިން ވެސް ޖަޒުބާތު ކޮންޓްރޯލު ކުރަން މަސައްކަތް ކުރާނެ އެވެ.

ތިންވަނަ ފިލާވަޅަކީ، ރުޅި ކޮންޓްރޯލު ކުރާނެ ގޮތްތައް ދަސްކުރަން ޖެހޭނެ ކަމެވެ. މިގޮތުން ރުޅި އައުން ހުއްދަވާނެ ހާލަތްތަކާއި ހުއްދަ ނުވާނެ ހާލަތްތައް (ކުރިން ބަޔާން ކުރި ފަދައިން) އެނގެން ޖެހެ އެވެ. އެ އަށް ފަހު، ރުޅި އަތުވެއްޖެ ނަމަ ކަން ކުރާނެ ގޮތް އެނގެން ޖެހެ އެވެ. ރުޅި އައިސްފައިވާ ހާލުގައި އެއްވެސް ހުކުމެއް ކަނޑައެޅުން ނުވަތަ ތަންފީޒު ކުރުމުން ދުރުހެލިވާން ޖެހޭނެ އެވެ. ނުރަނގަޅު ބަހެއް ބުނެވިދާނެތީ ހަނު ހުރެވޭތޯ ބަލަން ޖެހެ އެވެ. ރުޅީގެ ހާލަތުގައި ކަން ކުރަން ނަބިއްޔާ ﷺ ދެއްވާފައިވާ އިރުޝާދަށް ތަބާވާން ޖެހޭނެ އެވެ. ހާލަތު ބަދަލު ކުރަން ޖެހެ އެވެ. އެއީ ކޮޅަށް ހުރި ނަމަ އިށީނުމެވެ. އިށީނދެގެން އިން ނަމަ އޮށޯތުމެވެ. ދެން ހަނު ހުރުމެވެ. އަދި ވުޟޫ ކުރުމެވެ. މީގެ އިތުރުން ހަރުދަނާކަމާއި ހިލްމުވެރިކަން (ރުޅިމަޑުކޮށް ހިކުމަތްތެރިކޮށް ކަންކަން ކުރުން) އިސް ކުރުމެވެ.

ތަރުބިޔަތުގެ ދާއިރާގައި މަސައްކަތް ކުރާ އިރު ރުޅި ކޮންޓްރޯލު ނުކުރެވިއްޖެ ނަމަ ލިބޭނެ ގެއްލުންތަކާ މެދު ސަމާލުވާން ޖެހޭނެ.

މިކަން ތަތުބީގު (ނަޒަރިއްޔާ ޢަމަލީގޮތުން ތަންފީޒު) ކުރެވިދާނެ މިސާލަކަށް ބަލައިލަމާތޯ އެވެ. ވަރަށް އަގުހުރި އެއްޗެއް ކުއްޖަކު ހަލާކު ކޮށްލައިފި އެވެ. މިކަމުގެ ތަބީއީ ރައްދު ހަރަކާތަކީ ރުޅި އައުމެވެ. ނަމަވެސް ކީރިތި ރަސޫލާގެ މި ހަދީސްގެ މަތިން ހަނދާން ކޮށްލަމާތޯ އެވެ؟ ދެން ރުޅި ކޮންޓްރޯލު ކުރުމަށްޓަކައި ނަބިއްޔާ ދެއްވާފައިވާ އިރުޝާދުތަކުގެ ދަށުން ފުރަތަމަ ހަނު ހުރެ ހާލަތު ބަދަލު ކޮށް ފުން ނޭވާއެއް ލަމާތޯ އެވެ؟

އެ އަށް ފަހު، ކުއްޖާ އެކަން ކުރީ ގަސްދުގައި ތޯ ނުވަތަ ކުށަކުންތޯ ބަލަމާތޯ އެވެ؟ ކުށަކުން ކަމުގައިވާ ނަމަ މަޑުމައިތިރިކަމާ އެކު، އެ ކަން ކުއްޖާ އަށް ޝަރަހަ ކޮށްދެމާތޯ އެވެ؟ ގަސްދުގައި ނަމަ ނުވަތަ ކުރީގެ ކުށް ތަކުރާރު ކުރި ނަމަ ހަޅޭއްލެވުމެއް ނެތި އިހާނެތިކޮށް ހިތުމެއް ނެތި އަދަބެއް (ހިތް އެދޭ ކަމަކުން މަހުރޫމު ކުރުމުގެ އަދަބެއް) ދެމާތޯ އެވެ؟ މިގޮތަށް ކަން ކުރެވޭ ނަމަ ރުޅި ކޮންޓްރޯލު ކުރެވި ކުއްޖާ ހެޔޮގޮތުގައި ތަރުބިޔަތު ކުރެވޭނެ އެވެ.

ހަތަރުވަނަ ފިލާވަޅަކީ، ކުދިންގެ ކިބައިގައި ރުޅި ކޮންޓްރޯލު ކުރުމުގެ ސިފަ ހަރުލައްވަން މަސައްކަތް ކުރުމެވެ. ރުޅިއަކީ އިންސާނީ ތަބީއަތަކަށް ވިއަސް ރުޅި ކޮންޓްރޯލު ކުރުމަކީ ތަރުބިޔަތުގެ މައްޗަށް ބިނާވާ ކަމެކެވެ. ބައްޕައެއް ނުވަތަ މަންމައެއް ނުވަތަ މުދައްރިސެއް ރުޅި ކޮންޓްރޯލު ނުކުރާ ނަމަ ކުއްޖާ ދަސްކުރާނީ ރުޅި އައުމަކީ ލާޒިމު ކަމެއް ކަމަށެވެ. އެކަމަކު މި މުރައްބީން ރުޅި ކޮންޓްރޯލު ކުރާ ތަން ކުއްޖާ އަށް ފެންނަ ނަމަ ކުދިން ވެސް ޖަޒުބާތު ކޮންޓްރޯލު ކުރަން މަސައްކަތް ކުރާނެ އެވެ. ރުޅީގެ ނުރައްކާތެރިކަމާއި ރުޅި ކޮންޓްރޯލު ކުރުމުގެ ފައިދާތަކުގެ ވާހަކަ ކުދިންނަށް ހަނދާން ކޮށްދިނުން ވެސް މުހިންމެވެ. އަދި ކުދިން ރުޅި ކޮންޓްރޯލު ނުކުރާ ހާލަތްތަކުގައި ރިވެތި ވައުޒާއި ހިކުމަތާ އެކު އެކަން ހުއްޓުވަން މަސައްކަތް ކުރަން ޖެހެއެވެ.

އާދެ، އެހެންކަމުން ކޮންމެ މުރައްބީ އެއްވެސް މި ހަދީސުން ފިލާވަޅު ލިބިގަނެ ރުޅި ކޮންޓްރޯލު ކޮށްގެން ތަރުބަވީ މަސައްކަތް ކުރުން ވަރަށް މުހިންމެވެ.

0 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 75%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454