ކޮލަމް: އެސްކޮބާ ހެދިގެން އަބަދަކު ނޫޅެވޭނެ

ކޮލަމްބިއާގެ ޑްރަގް ވިޔަފާރީގައި އިންތިހާ ދަރަޖައިގެ މުއްސަނދިކަން ހޯދި ޕަބްލޯ އެސްކޮބާ މުޅި ގައުމަށް ނުފޫޒު ފޯރުވި އެވެ. ގައުމުގެ ހުރިހާ ނުބައިކަމެއްގެ ފަހަތުގައި ހުރީ އެސްކޮބާކަން އެނގޭއިރު ވެސް އޭނާ ސިޔާސީ މައިދާނަށް ނިކުމެ މަގާމުތަކާ ހިސާބަށް ދިޔައީ ކޯޓަކުން ކުށެއް ސާބިތު ނުވާތީ އެވެ. ސަލާމަތީ ބާރުތަކުގެ ހާއްސަ އޮޕަރޭޝަނެއްގައި މީގެ 22 އަހަރު ކުރިން އޭނާ މަރާލުމާ ހަމަޔަށް ވެސް އެއީ ކޮލަމްބިއާ އާއި އަވަށްޓެރި ގައުމުތަކަށް ވެސް ނުފޫޒު ފޯރުވި ބާރުގަދަ މީހެކެވެ. އޭނާ މި ބާރުވެރިކަން ހޯދި ގޮތާއި އެކަމާ ގުޅިފައިވާ ކަންކަމުގެ ވާހަކަ އަކީ ކޮރަޕްޝަނާއި ފަސާދަ އާއި މީހުންނަށް ބިރު ދެއްކުމުގެ ތެރެއިން ކަންކުރަން އުޅޭ މީހުންނަށް ވަރަށް ރަނގަޅު ފިލާވަޅަކަށްވެ އެވެ.


"ކޮކެއިން ކިންގް"ގެ ނަމުން މަޝްހޫރުވި އެސްކޮބާ ސިޔާސީ ބޭފުޅުންނާއި ޖުޑީޝަރީގެ މައްޗަށް ގަދަވެގަތީ ހަމައެކަނި ފައިސާ ބޭނުންކޮށްގެންނެއް ނޫނެވެ. އޭނާ ބޭނުންވާހާ ގޮތަކަށް ކަންކަން ފަހިކުރުވަން ފައިސާގައި ހިފަން މަޖުބޫރުވެސް ކުރުވި އެވެ. މި ރިޝްވަތުގައި ނުހިފައިފި ނަމަ އެ މީހަކަށް ނުވަތަ އާއިލާ އަށް އޮތީ މަރެވެ. މިގޮތުގައި ފުރާނަ ގެއްލިގެން ދިޔަ ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުން ކޮލަމްބިއާގައި އޭރު ގިނަ އެވެ. ސުޕްރީމް ކޯޓުގައި މައްސަލައެއް ހިންގަމުން ދަނިކޮށް 1985 ވަނަ އަހަރު އެސްކޮބާގެ ގޭންގު މެންބަރުން ހަތިޔާރާ އެކު އެތަނަށް ވަދެ ފަސް ފަނޑިޔާރަކު އަވަހާރަކޮށްލި އެވެ. މިއީ އެސްކޮބާގެ ޖަރީމާއެއްކަން އެނގެ އެވެ. އެކަމަކު އޭނާގެ މައްޗަށް ހެއްކެއް ނެތެވެ. ފަނޑިޔާރުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލި އެވެ. ރިޝްވަތުގައި ހިފިޔަސް ނުހިފިޔަސް ފަނޑިޔާރުންނަށް ސަލާމަތް ނުވެވޭ ވަރު ކުރި އެވެ. މުޅި ސިސްޓަމް އެސްކޮބާގެ އަތްދަށަށް ގެންދިޔަ އެވެ.

ރިޝްވަތުގައި ޖެހުނު ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން އަދި ސަލާމަތީ ބާރުތަކުގެ މީހުންނަކަށް ވެސް ސަލާމަތެއް ނެތެވެ. ނުފޫޒުގަދަ މަގާމުތަކުގައި ތިބި ގިނަ މީހުން ތިބީ އެސްކޮބާގެ ކޮރަޕްޝަންގައި ބެދި ބްލެކްމެއިލް ވެފަ އެވެ. އެސްކޮބާއާ ދެކޮޅަށް އެއިން މީހަކު އިނގިއްޔެއް ހިއްލާލިޔަސް އެ މީހެއްގެ ފުރާނަ ދުއްވާލެވޭ ހިސާބަށް އޭރު އޮތީ އޭނާގެ ބާރު ގަދަވެފަ އެވެ.

ސަރުކާރުގެ އިމާރާތްތަކަށް ހަމަލާ ދިނުމާއި ފުލުުހުންގެ ބޮލަށް ފައިސާ ހުށަހަޅައި އެތައް ފުލުހުންނަކާއި ސިފައިންނެއް ވެސް މެރި އެވެ. ސަލާމަތީ ބާރުތަކުގައި އެސްކޮބާގެ ނުފޫޒު އެހާ ގަދަ އެވެ. އޭނާ ހައްޔަރުކުރަން ހިންގި 13000 އަށް ވުރެ ގިނަ އޮޕަރޭޝަން ނާކާމިޔާބު ވެފައި ވުމަކީ އޭނާގެ ނުބައި ނުފޫޒު ފެތުރިފައި އޮތް މިންވަރުގެ ހެއްކެކެވެ.

ރިޝްވަތުގައި ޖެހުނު ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުން އަދި ސަލާމަތީ ބާރުތަކުގެ މީހުންނަކަށް ވެސް ސަލާމަތެއް ނެތެވެ. ނުފޫޒުގަދަ މަގާމުތަކުގައި ތިބި ގިނަ މީހުން ތިބީ އެސްކޮބާގެ ކޮރަޕްޝަންގައި ބެދި ބްލެކްމެއިލް ވެފަ އެވެ. އެސްކޮބާއާ ދެކޮޅަށް އެއިން މީހަކު އިނގިއްޔެއް ހިއްލާލިޔަސް އެ މީހެއްގެ ފުރާނަ ދުއްވާލެވޭ ހިސާބަށް އޭރު އޮތީ އޭނާގެ ބާރު ގަދަވެފަ އެވެ.

މި ހުރިހާ ޖަރީމާތަކަކާ އެކު ވެސް އެސްކޮބާ ސިޔާސީ މައިދާނަށް ނިކުތެވެ. އޭނާގެ މައްޗަށް ކުށެއް ސާބިތުވެފައެއް ނުވެ އެވެ. އޭނާ ކޮންގްރެސް އަށް ކެމްޕޭން ފެށި އިރު އެންމެ ބޮޑު ވާދަވެރިއަކަށްވީ މަސްތުވާތަކެތީގެ ވިޔަފާރީގެ ތުހުމަތުގައި އެސްކޮބާ އެމެރިކާއާ ހަވާލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދެވި ޖަސްޓިސް މިނިސްޓަރު ރޮޑްރިގޯ ލާރާ ބޮނީލާ އެވެ. ކޮލަމްބިއާއާ ހިލާފަށް އެމެރިކާ އަކީ ފަނޑިޔާރުންގެ ފަރާތުން އެސްކޮބާ ބޭނުންވާހާ ގޮތަކަށް ހުކުމްތައް ނެރެވޭ ތަނެއް ނޫންކަން އޭނާ އަށް އެނގެ އެވެ. ލާރާ އަށް ސިޔާސީ ބާރުވެރިކަން ލިބިއްޖެ ނަމަ އެސްކޮބާ އަށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ކޯޓުތަކުން ސަލާމަތް ވުމަށް އެޅޭ ހުރަހަކަށް ވެދާނެ ކަމަށް އެސްކޮބާ ގަބޫލުކުރި އެވެ. އެހެންވެ ވާދަވެރިޔާ އަވަހާރަކޮށްލި އެވެ. އެސްކޮބާ ކޮންމެ ކަމެއްގައި ވެސް ގެންގުޅުނީ މި އަނިޔާވެރި އުސޫލެވެ. ހުރަހަކަށްވާ ކޮންމެ މީހެއް ނައްތާލުމެވެ. ނިޒާމުގެ ތެރެއިން ކަންކަމާ ކުރިމަތިލުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. ކޮރަޕްޝަނާއި ފަސާދަ އަދި އަނިޔާވެރިކަން އެއީ ކާމިޔާބީގެ ތަޅުދަނޑި ކަމަށް އޭނާ ގަބޫލުކުރި އެވެ.

ފައިސާ އާއި ނުފޫޒުގެ ދަހިވެތިކަމުގައި އަދި ފުރާނަ އަށް ބިރުން އެސްކޮބާގެ އެދުންތަކަށް އިސްކަން ދިން މީހުންނަކަށް މޮޅެއް ނުލިބުނެވެ. މުޅި އުމުރު އެ މީހުންނަށް ހޭދަކުރަން ޖެހުނީ ބިރުވެރިކަމާއި ނުތަނަވަސް ކަމުގެ ތެރޭގަ އެވެ. ގައުމުގައި އޮތް އާންމު ނިޒާމުގެ ތެރެއިން އެސްކޮބާގެ ކިބައިން ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް ނެތް ހިސާބަށް ފަސާދަ އޮތީ އާންމުވެފަ އެވެ. އެންމެ ފަހުން މަޖުބޫރުވީ އެސްކޮބާ ހައްޔަރުކުރަން ސަލާމަތީ ބާރުތަކުން މަސައްކަތް ފަށާށެވެ. އެސްކޮބާގެ މަޅީގައި ނުޖެހި ތިބި މަދު ބަޔަކު އެކަމުގައި ހިތްވަރު ކުރިއަށް ނެރުނެވެ. އެސްކޮބާ ރައްދު ދިނީ ޖެހުނު ކޮންމެ ތަނަކުން ސަލާމަތީ ބާރުތަކުގެ މީހުން މެރުމުންނެވެ. ސަލާމަތީ ބާރުތަކަށް ރައްކާތެރިކަން ލިބޭނެ ގޮތެއް ނެތި އެ މީހުންގެ ތެރެއިން އެސްކޮބާގެ ގޭންގުތަކާ ދެކޮޅަށް ސިއްރު އޮޕަރޭޝަނެއް ފަށައި، މަރާލި ސަލާމަތީ ބާރުގެ ކޮންމެ މީހަކަށް ގޭންގުތަކުން 10 މީހަކު މަރަން ފެށި އެވެ. އެންމެފަހުން އެސްކޮބާގެ އާއިލާ އަށް ވެސް ނުރައްކާކުރި އެވެ. އެ ހިސާބުން އެސްކޮބާ އަށް މައިތިރިވާން މަޖުބޫރުވެ އަމާން ދިނެވެ. ފަހުން ޖަލަށް ވެސް ލި އެވެ. ޖަލެއްގެ ނަމުގައި އެއީ ގަނޑުވަރެކެވެ. އެތަނުން ފިލައިގެން އުޅެނިކޮށް އެންމެފަހުން ބަޑިޖަހާ މަރާލީ އެވެ.

މުޅި ނިޒާމު ބިމާ ހަމަކޮށްލައި، އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް މީހުންނަށް ބިރު ދައްކައި ރިޝްވަތުގެ ހުތުރު އަމަލު ހިންގުމަކުން އެކަން ކުރާ މީހަކަށް އަދި އެކަމުގައި ބައިވެރިވި މީހަކަށް ވެސް މޮޅެއް ނެތެވެ. ވަގުތީ ފައިދާއަށް ވުރެ ދާއިމީ ބިރުވެރިކަން ބޮޑެވެ. މިފަދަ މީހުންގެ ނިމުން އަންނަނީ ހިތްވަރު ހުރި މަދު ބައެއްގެ އަތްމައްޗަށެވެ.