އޮޅުންބޮޅުން: ކުށްވެރިންގެ އަދަބު

ޤާނޫނުގައި ކަނޑައަޅާފައި އޮންނަ އަދަބެއް ކުށް ކުރާ މީހުންނަށް ދޭންވާނެ އެވެ. ކުށް ކުރާ މީހަކީ ކިތަންމެ މަތީ މަގާމެއްގައި ހުރި މީހަކު ކަމުގައި ވިޔަސް މެ އެވެ. ކިތަންމެ ޤަދަރުވެރި މަގާމެއް އަދާކޮށްފައި ހުރި މީހަކު ކަމުގައި ވިޔަސް އެވެ. ކުށަކަށް ތުހުމަތު ކުރެވިގެން ބަންދުކުރެވޭ މީހަކާއި ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެގެން ބަންދުކުރެވޭ މީހާއާ މެދު ކަންތައް ކުރުމުގައްޔާއި އެފަދަ މީހަކު ގެންގުޅުމުގައި، ދުނިޔޭގެ ހުރިހާ ޤައުމެއްގައި ވެސް ވަރަށް ބޮޑު ތަފާތު ކުރުންތައް ހުރެ އެވެ. ބައެއް ގައުމުތަކުގައި ބައެއް ފަހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ބޭތިއްބޭ މީހުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގާފައި ހުންނަ ކަމުގެ ރިޕޯޓު ކުރެވިފައި ހުރެ އެވެ. އަދި ދުނިޔެ ޤަބޫލުކުރާ އިންސާނީ ޙައްޤުތަކާ ޚިލާފް އަމަލުތައް ހިންގާފައި ހުންނަ ކަމަށް ވެސް ބުނެވެ އެވެ. މި ގޮތަށް ކުރެވިފައި ހުންނަ ކަންތައްތަކާ މެދު މިފަދަ ކަންތައްތައް ކުރާ ފަރާތްތައް ބެލުމުގައި ފާރަވެރިވާ ފަރާތްތަކުން ދެކެމުން ދަނީ އެފަދަ އަމަލުތަކަކީ ޤާނޫނާ ޚިލާފަށް ކުރެވޭ އަމަލުތަކެއް ކަމުގަ އެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކުން ސޮއިކޮށްފައިވާ އިންސާނީ ޙައްޤުތަކާ ބެހޭ މުޢާހަދާތަކާ ވެސް ޙިލާފް އަމަލުތަކެއްގެ ގޮތުގަ އެވެ.


ކުށްވެރި އަކީ ކޮބައިތޯ އެވެ؟ އަޅުގަނޑުމެން މިހާރު އަމަލު ކުރަމުން ދާ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބުނާ ގޮތުން "އެމީހަކު ކުށެއް ކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި، ޝަރީޢަތުގައި ސާބިތު ނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްޤު ލިބިގެންވެ އެވެ." މިއިން ހާމަކޮށްދެނީ ކުށެއް ކުރި ކަމަށް ތުހުމަތު ކުރެވިގެން ބަންދުކުރެވޭ ހުރިހާ ފަރާތަކީ ކުށްވެރިން ކަމަށް ބެލެވިގެން ނުވާނެ ކަމުގަ އެވެ. އެ ފަރާތްތަކާ މެދު ތުހުމަތުކުރެވޭ ކުށަށް އެއްބަސް ނުވާ ނަމަ، ކުށްވެރިން ކަމަށް ބެލެވެން ވާނީ އެ ފަރާތެއްގެ ކުށެއް ސާބިތު ކުރުމަށް ޝަރީޢަތަށް ހުށައެޅޭ ހެއްކާއި ޤަރީނާ އިން، އެ ކުށެއް ޝަރީޢަތަށް ސާބިތުވުމުންނެވެ. އެފަދަ މީހުންނަށް ޝަރީޢަތުން ޤާނޫނުގައި ކަނޑައެޅިފައި އޮންނަ އަދަބެއް ވެސް ދޭނެ އެވެ.

ވަރަށް ގިނަ ފަހަރަށް ކުށެއްގެ ތުހުމަތުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް މީހަކު ގެންދިއުމާ އެކު އެ މީހަކީ ކުށްވެރިއެއް ކަމަށް ބެލެވޭ ތަން އާދެ އެވެ. އަދި އެ މީހަކާ މެދު ކަންތައް ކުރެވެނީ ވެސް ވަރަށް އިހާނާތްތެރި ކޮށްނެވެ. އަޅުގަނޑުގެ ނަޒަރުގައި، ކުށްވެރިއަކަށް ވިޔަސް އެމީހަކާ މެދު އިހާނާތްތެރިކޮށް ކަންތައް ކުރެވިގެން ނުވާނެ އެވެ. އެމީހަކާ މެދު ކަންތައް ކުރާނެ ގޮތާއި މުއާމަލާތް ކުރާނެ ގޮތް ޤާނޫނުގައި ކަނޑައެޅިފައި އޮންނާނެ އެވެ. ނުވަތަ ޤާނޫނުން ބާރު ލިބިގެން ހެދޭ ޤަވާއިދުގައި އޮންނާނެ އެވެ.

އަޅުގަނޑުގެ މި ވިސްނުމާ އެއްގޮތަށް ލިޔެފައި ހުރި ވަރަށް ގިނަ ލިއުންތައް ބޭރުގެ ބައެއް ލިއުންތެރިން ލިޔެފައި ހުރި ތަން އަޅުގަނޑަށް ފެނިފައިވެ އެވެ. ވަރަށް ގިނަ ފަހަރަށް ކުށް ކުރާ މީހާގެ ކުށަކީ، އެ ކުށުގެ ސަބަބުން ދުރުގައި ހުރި އެހެން މީހަކަށް ސީދާ ގެއްލުމެއް ލިބޭ ކުށަކަށް ނުވެ އެވެ. މިހެން ވުމާ އެކު އެފަދަ ކުށްވެރިން ބަލަހައްޓަން ތިބޭ މީހުން، ނުވަތަ އެފަދަ ކުށްވެރިންނާ މެދު އެކިއެކި މުއާމަލާތްތައް ކުރާ މީހުންނާ ކުށްވެރިއާއާ މެދު އެއްވެސް ޒާތީ ކަމެއް އޮވެގެން ނުވާނެ އެވެ. މުއާމަލާތް ކުރެވެން ވާނީ އެކަމެއް ކުރެވެން އޮތް އެންމެ ރަނގަޅު ގޮތަކަށެވެ.

ކުށަކަށް އަދަބު ދެނީ ޝަރީޢަތުންނެވެ. ޤާނޫނުގައި ކަނޑައެޅިފައި އޮންނަ އަދަބެކެވެ. ކަނޑަ އެޅިފައި އޮންނަ އަދަބުގެ އިތުރުން ކުށް ކުރި މީހާ ނުވަތަ ކުށަކަށް ތުހުމަތު ކުރެވިފައި ވާ މީހަކާ މެދު ހިންގާ ލާއިންސާނީ އަމަލުތަކަކީ އެ މީހަކަށް ޤާނޫނުން ބޭރުން ދެވޭޭ އަނިޔާއެއް ކަމަށް ބެލުމުގެ ފުރުޞަތު އެބަ އޮތެވެ.

ވަރަށް ގިނަ ގައުމުތަކުގައި އެންމެ ބޮޑެތި ކުށްވެރިންނަށް ވެސް އެ މީހުން ހިތްހަމަނުޖެހޭ ފަދަ އަމަލުތައް ހިންގޭ ކަމުގައި، ނުވަތަ ހިންގާ ކަމުގައި ބުނަނީ ޝަރީޢަތަށް ގެނައުމުގެ ކުރިންނެވެ. އޭގެ ކުރިން އޮންނަ އެކިއެކި ތަޙްޤީޤީ މަރުޙަލާތަކުގަ އެވެ. ޝަރީޢަތުގެ މަޖިލީހަށް ޙާޒިރު ކުރުމަށް ފަހު ކަންތައް ކުރެވެނީ "އިޙްތިރާމާ އެކު" އެވެ. އެހެން ގޮތަކަށް ދަންނަވަނީ ނަމަ އިންސާނީ މިންގަނޑުން ބަލައިގަނެވޭ ފަދަ ރީތި އުޞޫލުންނެވެ.

އެންމެންގެ ކުރިމަތީގައި ޤާނޫނު ހަމަހަމަ ވެގެން ވާ ކަމަށް ބުނެވުނަސް ޤާނޫނުގެ ކުރިމައްޗަށް ތަފާތު ސަބަބުތަކާ ހުރެ، ތަފާތު ގިންތީގެ މީހުން ގެންދެވޭއިރު ތަފާތު ކުރުންތައް ފެނިފައިވެ އެވެ. ކުޑަކުދިންނާ މެދު ކަންތައް ކުރެވެނީ ތަފާތު ގޮތަކަށެވެ. އުމުރުން 18 އަހަރު ނުފުރޭ މީހުންނާ މެދު ކަންތައް ކުރެވެނީ ތަފާތު ގޮތަކަށެވެ. އަންހެނުންނާ މެދު ކަންތައް ކުރެވެނީ ތަފާތު ގޮތަކަށެވެ. އުމުރުން ދުވަސްވީ މީހުންނާ މެދު ކަންތައް ކުރެވެނީ ތަފާތު ގޮތަކަށެވެ. ބަލިމީހުންނާ މެދު ކަންތައް ކުރެވެނީ ވެސް ތަފާތު ގޮތަކަށެވެ. ޤާނޫނީ އިމުގެ ތެރޭގަ އެވެ. މަތީގައި ދެންނެވި ގިންތީގެ މީހުންގެ ޚާއްޞަ ބޭނުންތަކަށް ބެލެވިގެންނެވެ. ހަށިގަނޑުގެ ނާޒުކު ކަމަށް ބެލެވިގެންނެވެ.

އުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ވަރަށް ގިނަ ކަންތައް ކޮށްދޭ ކަމަށް ބުނެ އެވެ. އެންމެ އިސް ކަމަކަށް ވަނީ ފަސް ހާސް ރުފިޔާގެ މަހު އެހީ އެވެ. ތަފާތު ޚިދުމަތްތައް ހޯދަން ދާ ދޮށީ އުމުރުގެ މީހުންނަށް ވަރަށް ގިނަ ކަންތައްތަކުގައި ހަލުވިކޮށް ޚިދުމަތް ލިބޭނޭ ނިޒާމެއް ސަރުކާރުން ގާއިމްކޮށް ދީފައި އޮންނަ ކަމަށް ވެސް ވެ އެވެ. މިފަދަ ކަންތައްތަކުގައި ބެލެވެން ވާނީ ޚިދުމަތު ދިނުމަށް ކަނޑައެޅިފައި އޮންނަ މައި އުޞޫލަށެވެ. ވަކި ބައެއްގެ ނުބައި ފޮތުގައި އޮތްތޯ ނުބެލެވި އެވެ.

ޝަރީޢަތް ހިންގާ ތަންތަނަކީ ޢަދުލު އިންޞާފް ހޯދުމަށް ދާ ތަންތަނެވެ. އެ ތަންތާގައި ކަންތައްތައް ކުރެވެން ވާނީ އެހެން އޮފީސްތަކަށް ވުރެ ރަނގަޅަށެވެ. އޯގާތެރިކަމާ އެކުގަ އެވެ. އުމުރުން އަށްޑިހައިގެ އަހަރުތައް ގުނަމުން ދާ މީހަކު އަށެއްކަ ގަޑިއިރު ވާންދެން އިންތިޒާރުގެ ގޮނޑީގައި ބޭންދުމަށް ފަހު ކުރަން ގެންދިޔަ ކަންތައް އެ ދުވަހު ނުކުރެވޭނެތީވެ އަނބުރާ އެހެން ދުވަހަކު އައުމަށް ފޮނުވާ ލުމަކީ އެފަދަ މީހެއްގެ މައްޗަށް ކުރެވޭ އަނިޔާއެކެވެ. އެފަދަ މީހަކު ހާޒިރުކުރި މަސައްކަތް ކުރިޔަށް ނުގެންދެވޭ ނަމަ ކުރިން ވެސް އެކަން އެންގުނީހެވެ. އެފަދަ މީހަކީ އެ މީހެއްގެ ޙަޔާތުގެ ބޮޑު ބައި ގައުމަށް ޚިދުމަތް ކޮށްދިނުމުގައި ހޭދަކޮށްފައިވާ މީހަކަށް ވާ ނަމަ، އެ ޚިދުމަތަށް ޝުކުރު އަދާކުރުމުގެ ގޮތުން އެންމެ ކުޑަމިނުން އޯގާތެރިކަމާ އެކު ކުރަން ޖެހޭ ކަމެއް ކުރެވިދާނެ އެވެ.

ވަކި ބަޔަކު ރުއްސަން ޤާނޫނު އެކަހެރި ކުރުމަށް ފަހު، ހެދިފައި އޮންނަ ޤަވާއިދުތައް ފޮޅާލާފައި ބައެއް މަސްއޫލު ފަރާތްތަކުން އެއިރަކު އޮންނަ އޮއިވަރަކާއި ޖެހޭ ވައި ރޯޅިއާ އެއްކޮޅަށް ދަތުރު ކުރަނީ އޮޔާއި ވަޔާއި އެއްކޮޅަށް ފައްސިޔާގައި ބާރު ދުވެލީގައި ދަތުރު ކުރުމުގެ މަޤްޞަދުގަ އެވެ. ދަތުރުކުރާ އުޅަނދު އަރާފާނެ ފަރެއް، ގިރިއެއް ފެންނާން ނެތުމުން ނިޔާމަ ދަތުރެއްގެ ޔަޤީން ކަމާ އެކުގަ އެވެ. މިގޮތަށް ފައްސިޔާގައި ދުއްވި ބަޔަކަށް ދިމާވި ހިތާމަވެރި ނިމުން މިފަދަ މަސައްކަތުގައި އުޅޭ އެހެން ފަރާތްތަކުން ޢިބްރަތެއް ލިބިގަންނަންވީ އެވެ. އިލާހީ ޤާނޫނު ތަންފީޒު ކުރެވޭ އިރު ތަންފީޒު ކުރެވެނީ އިތުރު ނޯޓިސްއެއް ލިބުމެއް ނެތި އެވެ. ތިމާ އަމިއްލަ އަށް ފޭއްސި އިލޮށިގަނޑު އައިސް ތިމާގެ ލޮލަށް ހެރުނީ އެވެ. ތިމާ މިހާރު މިނަމުން އެދަނީ އެހެން މީހުން މިނަން ތިމާ ތައްޔާރުކުރި ނާޅިންނެވެ.

މި ޒަމާނުގައި ވެސް ބައެއް ކަންތައްތަކާ މެދު ރައްޔިތުން ގޮތް ހުސްވެފައި ތިއްބައި، އިންސާނުންނަށް ބާރު ފޯރާ ހިސާބުން ބޭރުން، އެހެން މީހުންނަށް އިބްރަތެއް ޙާޞިލްކުރެވޭނެ ފަދަ ބަދަލުތައް ފެނިގެން ދެ އެވެ.