ޖަޒީރާތަ؟ ސިޓީތަ؟

މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ބޮޑު މައުލޫއުއެއް ކަމަށް ބައެއް މީހުން މިހާރު ވެސް ލަފާކޮށްފާނެ އެވެ؛ ފުރުސަތު ބަންދުކޮށްފައި އޮތަސް، ވަގުތު ޖެހޭ އިރު އިންތިޚާބުގައި ވާދަކުރެއްވޭނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ "ޖަޒީރާ ރާއްޖެ"އެއްގެ "ޖަޒީރާ ރައީސް" އަށް ވެވަޑައިގަތުމަށެވެ. އޭގެ އަނެއްކޮޅުން، ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅަކީ އާބަން ދިރިއުޅުމެވެ. ރާއްޖޭގެ އެންމެން ހުޅުމާލެ އަށް ބަދަލުވާން އެ މަނިކުފާނު ދެއްވާފައި އޮތް ދައުވަތު އޭގެ ހެއްކަކަށް ފުދެ އެވެ. ކެމްޕެއިންގައި އެ މަނިކުފާނު ކުރިއަށް ނެރުއްވަނީ ވެސް އިންފްރާސްޓްރަކްޗަ ބިނާކުރުން، ނުވަތަ ފާޑުކިޔާމީހުންގެ ބަހުން ނަމަ، "ކޮންކްރީޓް ތަރައްގީ" އެވެ.


އިންތިޚާބުގައި ނަޝީދު، އެ މަނިކުފާނުގެ އެމްޑީޕީ ނުވަތަ އިދިކޮޅު ޕާޓީތައް ގުޅިގެން ނެރޭ ކެންޑިޑޭޓަކާއި ރައީސް ޔާމީންގެ މެނިފެސްޓޯ އިން ފެންނާނެ އެއް ފަރަގަކީ މިއީ ކަމަށް ކަނޑައަޅަން އަދި ފަހަރުގައި އަވަހެވެ. އެކަމަކު ރައީސް ޔާމީންގެ ކޭމްޕުން މިހާރު ވެސް މި އަޅާކިޔުން ގެނެސްފި އެވެ. ނަޝީދަށް ދެއްވި ރައްދެއްގައި ރީކޯ މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވިދާޅުވި ގޮތުން ނަމަ "ރާއްޖެއަކީ ޖަޒީރާ އަށް ވެގެންދާ ތަނެއް ނޫނެ"ވެ؛ "ޖަޒީރާ އިން ނުކުމެ ސިޓީއަކަށް" ވާން ޖެހޭ ތަނެކެވެ؛ "ޖަޒީރާ ރާއްޖެ" ޕޯސްޓަރަށް ނިސްބަތްކުރައްވައި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ވިދާޅުވީ "އަރުވައިޖަހައިގެން ފަން ރިޔަލުގައި ތަންތަނަށް ދަތުރުކުރާކަށް ބޭނުމެއް ނޫން" ކަމަށެވެ.

މޫސައާ އެއްބަސްވާނެ މީހުންނާއި ދެބަސްވާނެ މީހުން އުޅޭނެ އެވެ. މިއީ ދިވެހިންގެ ތެރޭގައި ހިނގަމުންދާ ބަހުސެކެވެ. ސަރުކާރުން ހިންގާ އެކި މަޝްރޫއުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އެނބުރޭ ފާޑުކިޔުމާއި ތާއީދުގެ އެއް ނާރެހަކީ މި މައުލޫއު އެވެ. ބައެއް މީހުންނަށް، ފްލެޓް އިމާރާތްތައް އަޅައި ބިން ހިއްކައި ވީހާ ވެސް ގިނަ އެއާޕޯޓްތަކާއި ބަނދަރުތައް ހަދައި ޓޫރިޒަމްގެ ބޮޑެތި މަޝްރޫއުތައް ހިންގުމަކީ ތަރައްގީގެ އެންމެ ސާފު، ސީދާ މާނަ އެވެ. އަނެއް ބަޔަކަށް، ހަގީގީ ތަރައްގީއަކީ ރާއްޖޭގެ ގުދުރަތީ ނިޒާމު އެ އޮތް ގޮތަށް ބޭއްވުމެވެ. ޖަޒީރާވަންތަކަމެވެ. ރަށްފުށުއުޅުމެވެ.

"ރިޔާސީ އިންތިޚާބުގައި ވޯޓު ލާ އިރު ދިވެހިން ވިސްނާނެ އެއް ކަމަކީ މިއީ ކަމަށް ވެދާނެ އެވެ. ނުވަތަ މި އިންތިޚާބުގެ އެޖެންޑާ ކަނޑައަޅާނެ މި އަށް ވުރެ ސީރިއަސް މައްސަލަތަކާއި މާ މުހިއްމު ހަގީގަތްތައް އެބަ ހުއްޓެވެ."

"#ސޭވްފައިނު" ހަރަކާތުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވެ އެވެ؛ "ތަރައްގީއަކީ ތާރެއް ނޫނެވެ. ތަރައްގީއަކީ ނަރުދަލާއި ސިމެންތިއެއް ވެސް ނޫނެވެ. ތަރައްގީއަކީ ރީތި ހިތްގައިމު ގުދުރަތީ ފެހި ވެއްޓެކެވެ. ތަރައްގީއަކީ އުފާވެރި ދިރިއުޅުމެއް އުޅޭން ވައިފެން ހެޔޮ ތަނަވަސް މާހައުލެއް ލިބުމެވެ." ބޯ ޖަންގައްޔެއް އޮތް ފައިނުގެ ބިމުގެ ތިންބައިކުޅަ ދެބައިގައި އެއާޕޯޓަކާއި ދެ ސިޓީ ހޮޓަލާއި އެހެނިހެން ތަންތަން ތަރައްގީކުރަން ހިންގާ މަޝްރޫއު ފަދަ "މެގަ ޕްރޮޖެކްޓްތައް" ބައެއް މީހުންނަށް ނުބަޔަކަށް ވާ އެއް ސަބަބަކީ މި އެވެ. އެކަމަކު އަނެއް ބަޔަކަށް ފެންނަނީ މި މަޝްރޫއުތަކާ އެކު ދިރިއުޅުމަށް އަންނާނެ ހެޔޮ ބަދަލާއި ލިބޭނެ ލުއިފަސޭހަތަކެވެ. އެކަހެރި ރަށްރަށުގައި ދަތިހާލުގައި އުޅެމުންދާ މީހުންގެ އުއްމީދުތައް މި ގޮތަށް ހުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ.

ރިސޯޓްތަކާއި އިންފްރަސްޓްރަކްޗަ މަޝްރޫއުތަކަށް ޖާގަ ހޯދަން ގުދުރަތީ ނިޒާމާ ކުޅުމަކީ ދެމެހެއްޓެނިވި ތަރައްގީ ނޫން ކަމާއި ރާއްޖެ ތަރައްގީކުރަންވީ ގޮތަކީ އެއީ ނޫން ކަމުގެ އަޑު އުފުލާ މީހުން މަދެއް ނޫނެވެ. އެފަދަ މީހުން ދޭ އިންޒާރަކީ މިހާރަށް ވުރެ ބޮޑަށް ހިތާމަކުރަން ޖެހޭނީ ފަހުން ކަމެވެ. އަހަރެމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އުޅޭނެ ބިންކޮޅެއް، ހިޔާވާނެ ގަހެއް، ކާނެ މަހެއް ނުލިބޭނެ ކަމެވެ. އެކަމަކު މިއީ ތަރައްގީ އަށް ނޫނެކޭ ބުނުން ކަމަށް ގަބޫލުކުރާ މީހުން އެބަ ތިއްބެވެ. އެ މީހުންނަށް، ކުޅިއެއް ނުވަތަ ބޯ ޖަންގައްޔަކަށް ވުރެ ހިތްގައިމީ އެއާޕޯޓުގެ ރަންވޭގައި މަތިންދާބޯޓު ޖައްސާ މަންޒަރެވެ. "ޖަޒީރާވަންތަކަމަ"ށް ވުރެ "ސިޓީވަންތަކަން" މާ ރަނގަޅު ކަމަށް ބައެއް މީހުން ދެކޭ ބީދައިންނެވެ. ޚިދުމަތެއް، ފުރުސަތެއް ނެތް އަމިއްލަ ރަށަށް ވުރެ ހުޅުމާލޭގެ ފްލެޓް ދިރިއުޅުން ވެސް މާ ރަނގަޅު ކަމަށް ބައެއް މީހުން ގަބޫލުކުރާ ބީދައިންނެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓު ލާ އިރު ދިވެހިން ވިސްނާނެ އެއް ކަމަކީ މިއީ ކަމަށް ވެދާނެ އެވެ. ނުވަތަ މި އިންތިޚާބުގެ އެޖެންޑާ ކަނޑައަޅާނެ މި އަށް ވުރެ ސީރިއަސް މައްސަލަތަކާއި މާ މުހިއްމު ހަގީގަތްތައް އެބަ ހުއްޓެވެ.

މި ވަގުތަށް، ޕްރޮޖެކްޓްތަކަށް މަޑުޖެހުމެއް ނެތެވެ. ފްލެޓާއި އެއާޕޯޓާއި ބަނދަރާއި ސިޓީ ހޮޓަލާއި ބްރިޖާއި ރިސޯޓްތަކެވެ. ރާއްޖޭގެ މުޅި އާބާދީ މާލެ-ހުޅުމާލެ ސަރަހައްދުގައި ވަޒަންވެރިކުރުވައި "ސިޓީވަންތަ"ކުރުވުމެވެ. ރީކޯ މޫސަ ވިދާޅުވި ފަދައިންނެވެ.

ރައީސް ޔާމީންގެ "ތަރައްގީ" ކެމްޕެއިނަށް ނަޝީދާއި އެމްޑީޕީގެ "ޖަޒީރާ ރާއްޖެ" ވިސްނުމުން ގޮންޖަހާލެވިދާނެތޯ އެއީ ފަހަރުގައި މި ދަނޑިވަޅުގައި ކޮންމެހެން ވިސްނަން ޖެހިފައި އޮތް ކަމެއް ނޫނެވެ. ނަޝީދަށް އިންތިޚާބުގައި ވާދަކުރެވޭނެތޯ ނުވަތަ ބަދަލުގައި ވާދަކުރާނީ އެ މަނިކުފާނުގެ "ޕްރޮކްސީ" ކެންޑިޑޭޓެއްތޯ ނުވަތަ ތަފާތު އެހެން ކެންޑިޑޭޓެއްތޯ އަދި އެހެން މީހަކު ނަމަ އޭނާ ވެސް ނުކުންނާނީ "ޖަޒީރާ ރާއްޖެ" މެނިފެސްޓޯ ހިފައިގެންތޯ މިއީ ހައްތަހާ ވެސް ނޭނގި ހުރި ކަންކަމެވެ. ދިވެހިން ބޭނުންވަނީ ޖަޒީރާ ދިރިއުޅުންތޯ ނުވަތަ ސިޓީ ދިރިއުޅުންތޯ ނޭނގޭ ފަދައިންނެވެ. އަދި މިއީ، ރިޔާސީ އިންތިޚާބެއްގެ ނަތީޖާ ކަނޑައެޅޭ ވަރުގެ ފަންވަރެއް ހުރި މައުލޫއުއެއްތޯ ވެސް ނޭނގޭ ފަދައިންނެވެ.