އޭސީސީގެ ރިޕޯޓުން ހިޔާނާތުގެ ކަޅު ފަރާތެއް ނުފެނޭ!

އެންމެން ބޭނުންވި އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓް އެންމެ ފަހުން، އޭސީސީން ނެރެފި އެވެ. އެކަމަކު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބައެއް ވެރިން ހިންގެވި ބޮޑު ހިޔާނާތާއި އެ ހިިޔާނާތުގެ ފައިސާގައި ޖެހުނު ސިޔާސީ އެހެން ވެރިންގެ ކަޅު ފަރާތެއް އެ ރިޕޯޓަކުން ނޭނގޭނެ އެވެ. އެއިން ހާމަވީ އެމްއެމްޕީއާރުސީގެ ފައިސާ އެސްއޯއެފާއި އަމިއްލަ ބައެއް މީހުންނާއި ކުންފުނިތަކަށް ވަދެފައި ހުރުމާއި، ރަށްރަށާއި ފަޅުތައް ދޫކުރުމުގައި ހިންގާފައިވާ ހިޔާނާތެވެ.


ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މެދުވެރިކޮށް ރާއްޖޭގެ މުޅި ސިޔާސީ، ޝަރުއީ، ސަލާމަތީ ބާރުތަކާއި މިނިވަން މުއައްސަސާތައް ގަނެލައި، ގައުމު ހިންގުމުގެ ނިޒާމު ތެރެއަށް ފައިސާގެ ދަހިވެތިކަން ވެއްދި ގޮތަކީ ދުރު މާޒީއެއް ނޫނެވެ. އެވެނި ވެރިޔަކު އެ ފްލެޓް ގަތީ، މިވެނި މެމްބަރަކު އެހާ މުއްސަނދިކޮށް އުޅެނީ، އޭނާގެ އަތުގައި އެހާ ފައިސާ ގިނައީ، "ބްރޯ ދޭ ލާރިތަކުންނޭ"، ބުނި އަޑު މިހާރު ވެސް އިވޭ ފަދަ އެވެ. ސުވާލަކީ އެއީ ކިހިނެއް ހޯދި ފައިސާއެއް ހެއްޔެވެ؟

ލަފާކުރަމާ ހިނގާށެވެ. އެސްއޯއެފް މެދުވެރިކޮށާއި، އެމްއެމްޕީއާރުސީއަށް ވަންނަން ޖެހޭ ފައިސާގެ ބޭރުން، އެކި ޑީލްތަކުގައި ހޯދި ރިޝްވަތުގެ ފައިސާ މަދެއް ނުވާނެ އެވެ.

ރަައްޔިތުންގެ ފައިސާ އިން އެސްއޯއެފް މުއްސަނދިވި ގޮތް

- 64 މިލިއަން ޑޮލަރު: އެސްއޯއެފަށް ޖަމާކުރި އެމްއެމްޕީއާރުސީގެ ޑޮލަރުގެ މިންވަރު

- 127 މިލިއަން ރުފިޔާ: އެސްއޯއެފަށް ދިން އެމްއެމްޕީއާރުސީގެ ދިވެހި ފައިސާ

- ޖުމްލަ: 1.1 ބިލިއަން ރުފިޔާ

މިއީ ކުޑަ އަދަދެއް ނޫނެވެ. މީގެ ކުޑަ އެތިކޮޅަކުން ވެސް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އާއި ބައެއް ފަނޑިޔާރުންނާއި ސިފައިންނާއި ފުލުހުންގެ ބައެއް މީހުންގެ އިތުރުން މިނިވަން މުއައްސަސާތައް ވެސް ގަނެލެވޭނެ އެވެ. އެކަން އޮތީ، ދިވެހި ރަައްޔިތުންގެ ފައިސާ އިން ކޮށް ނިންމައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ކިޔާކިޔާ، ދައްކާދައްކާ ގިނަ ބަޔަކު ހަގީގަތުގައި މިހާރު ފޫހި ވެސް ވެއްޖެ އެވެ. އެކަމަކު އެ ވާހަކަ އިިން ދިވެހި ގައުމު ދުވަހަކު ވެސް ނެއްޓެން ނެތީ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މުޅި ދައުލަތުގެ ތެރެއަށް ހިޔާނާތް ވަދެފައި އޮތް މިންވަރާއި، ދައުލަތުގެ މުސާރަަ ލިބޭ އިސް ވެރިން އެ ފައިސާގައި ޖެހި، ގައުމަށް ދިން ބޮޑު ގެއްލުމެވެ. (ގެއްލުމޭ ހަމަ ބުނާ އިރަށް ބަޔަކު ބުނެފާނެ އެވެ. ދިން ގެއްލުމަކީ ކޮބައި ހެއްޔެވެ؟ މާލީ ގެއްލުން ބާއްވާފައި އެހެން ބައެއް ގެއްލުންތަކަކީ: 1- ފުލުހުން ލައްވާ ގޯސް ތަހުގީގުތައް ހިންގުން. 2- ޕީޖީ ލައްވާ ގޯސް ދައުވާތައް އުފުލުން. 3- ފަނޑިޔާރުން ލައްވާ އަނިިޔާވެރި ހުކުމްތައް އިއްވުން. 4- އޭރުގެ ސަރުކާރާ ގުޅިފައިވާ މީހުން މުއްސަނދިކޮށްދިނުން)

ރާއްޖޭގެ ތާރީޚު ދުވަހަކު ވެސް ނުދެކޭ ފަދަ ހާލަތަކަށް ގައުމުގެ ނިޒާމް، ހިޔާނާތުގެ ފައިސާގެ ތެރެއަށް ގަންބާލީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، އެސްއޯއެފުން ފޭރުނު ފައިސާ އިންނާއި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ވިއްކައިގެން ނެގި ރިޝްވަތުގެ ފައިސާ އިންކަން އެންމެންނަށް ވެސް މިހާރު އެނގޭނެ އެވެ.

އެކަމަކު އެމްއެމްޕީއާރުސީ އަށް ވަންނަން ޖެހޭ އެކަމަކު އެސްއޯއެފުން ވަގަށް ނެގި 1.1 ބިލިއަން ރުފިޔާ އިން މި ހިޔާނާތުގެ ބޮޑު މިން އަދި ސާފެއް ނުވާނެ އެވެ. އަސްލު އަގު ހޯދޭނެ ގޮތެއް ވެސް ނެތެވެ. ސަބަބަކީ، މިސާލަކަށް އެމްއެމްޕީއާރުސީން ވިއްކި ރަށެއްގެ އެކިއުޒިޝަން ކޮސްޓް އަކީ 5 މިލިއަން ޑޮލަރެވެ. އެއީ ދައުލަތަށް ވަންނަން ޖެހޭ ފައިސާ އެވެ. އެކަމަކު އެ ރަށް އޯ ޕަން ބިޑަކަށް ގޮސްގެން 10 މިލިއަން ޑޮލަރު ލިބެން އޮތީ އެވެ. އޭގެ ބަދަލުގައި، އޭރުގެ ހިޔާނާތްތެރިން ނިންމީ 2 މިލިއަން ޑޮލަރު އެ މީހުންގެ ޖީބަށް، 5 މިލިއަން ޑޮލަރު އެމްއެމްޕީއާރުސީއަށެވެ.

ދިވެއްސަކަށް ހަމައެކަނި ވީތީއެއް ނޫނެވެ. އިންސާނަކަށް ވީތީ ވެސް ދެރަވެ، ލަދު ގަނެ އެވެ. ރަށާއި ފަޅު ވިއްކައިގެން ދިވެހި ރައްޔިތުންނަށް ލިބެން ޖެހޭ ހައްގު މިންވަރު ވެސް ނުދީ، އެ ފައިސާކޮޅާއި ރިޝްވަތުގެ ފައިސާ ވެސް އެ ބަޔަކު ވާނީ ނަގައިފަ އެވެ. އެހެންކަމުން އެމްއެމްޕީއާރުސީގެ އަސްލު ހިޔާނާތުގެ ބޮޑުމިން އަންދާޒާކޮށްލަން ވެސް އުނދަގޫވާނެ އެވެ.

އަޅުގަނޑުގެ އަމިއްލަ ނިންމުމަކީ މި އެވެ: އޭސީސީގެ ތަހުގީގު ރިޕޯޓްގައި ވަކި ބައެއްގެ ނަން ނެތުމަކުން އެ މީހުން އުފާކުރަން ޖެހޭ ސަބަބެއް ނޯންނާނެ އެވެ. ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންނާއި އޭރުގެ ސަރުކާރުގެ ބައެއް ވެރިންނާއި މުއައްސަސާތަކުގެ ބައެއް މީހުންގެ ދިރިއުޅުމަށް އައި ކުއްލި މުއްސަނދިކަން ރައްޔިތުންނަށް ވަނީ ފެނިފަ އެވެ. އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނޫންކަން އެއިން މީހަކަށް ނުބުނެވޭނެ އެވެ. އެއީ އެ ހިޔާނާތުގެ އަަނދިރި ފަރާތެވެ. އެއީ އޭސީސީގެ ރިޕޯޓުން އާންމު ރައްޔިތުންނަށް ނޭނގޭނެ ފަރާތެވެ. އެއީ އެ ހިޔާނާތުގެ އަސްލު ބޮޑު މަންޒަރެވެ.

އަޙްމަދު އުޝާމް

2

ވިލިމާލެ ދާއިރާ