ކުރީގެ ރައީސް ޔާމީން: އެމަނިކުފާނު ފުރުން މަނާކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައި --- ފޮޓޯ/މިހާރު
06 ޑިސެމްބަރ 2021 - 20:18
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި އޮތުމުން އެ މަނިކުފާނު ފުރުން މަނާކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން މިރޭ ނިިންމައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރިއިރު، އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއަކާއ ރިޝްވަތުގެ ދެ ދައުވާއެއް ދައުލަތުން އޮތީ އުފުލައިފަ އެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. އޭގެ ތެރެއިން ފުއްގިރި މައްސަލައިގައި އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން ވަނީ އެދިފަ އެވެ.
ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ޔާމީންގެ ދެ ޕާސްޕޯޓެއް ހިފަހައްޓަން ދައުލަތުން އެދިފައިވާއިރު، އެ ދެ ޕާސްޕޯޓްގެ މުއްދަތު ވެސް ހަމަވެފައިވާ ކަމަށެވެ. އަދި އެކަން ދައުލަތަށް އެނގޭތޯ އާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ހިފެހެއްޓުމުގެ ބޭނުމަކީ ކޮބައިތޯ ގާޒީ ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ ޕާސްޕޯޓްގެ މުއްދަތު ހަމަވެފައިވާ ކަން އެނގޭ ކަމަށާއި އެކަމަކު އެ ޕާސްޕޯޓް ހިިފަހައްޓަން އެދުނީ ޕާސްޕޯޓް އާކޮށްގެން ފުރާވަޑައިގަތުމުގެ ފުރުސަތު ނުދިނުމަށް ކަމަށެވެ. އަދި ޕާސްޕޯޓް ނުހިފަހައްޓާ ނަމަ، ކޮންމެ ވަގުތަކު ވެސް ޕާސްޕޯޓް އާ ކުރެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތަށް ނޭނގި، ޕާސްޕޯޓް އާ ކޮށްގެން މީހަކަށް ރާއްޖެއިން ބޭރަށް ދެވިދާނެތޯ އާއި މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުން ކޮށްގެން މީހަކަށް ފުރައިގެން ދެވިދާނެތޯ ވެސް ގާޒީ ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނިގޮތުގައި، މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ފުރައިގެން ނުދެވޭނެ އެވެ. އެކަމަކު، އެފަދަ ޕާސްޕޯޓެއް ހިފަހައްޓަން ކޯޓުން އަމުރު ނެރެފި ނަމަ، އެ ޕާސްޕޯޓް އާކުރަން ހުށަހެޅުމުން އެކަން ދައުލަތަށް އެނގޭނެ ކަމަށާއި އޭރުން އާ ޕާސްޕޯޓް ވެސް ހިފަހައްޓަން އެދެވޭނެ ކަމަށް ދައުލަތުން ބުންޏެވެ.
މަނީ ލޯންޑްރިންގެ މައްސަަލަތަކުގައި ދައުވާ ލިބޭ އެންމެންގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދިފައިވާނެތޯ ގާޒީ ސުވާލު ކުރެއްވުމުން ޖަވާބުގައި ދައުލަތުން ބުނީ އެންމެންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ޕާސްޕޯޓް ހިފަހައްޓަން އެދެނީ މައްސަލައިގެ ކުޑަބޮޑުމިނަށް ބަލައިގެން ކަމަށް ދައުލަތުން ބުންޏެވެ.
ދައުލަތުން ބުނީ ޔާމީނަކީ ކުރީގެ ރައީސަކަށް ވާތީ އެ މަނިކުފާނު ރާއްޖެ އިން ބޭރަށް ވަޑައިގެން ބޭރުގައި އުޅުއްވުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ. އަދި އެފަދަ ހާލަތުތަކުގައި ޕާސްޕޯޓް ހިފަހައްޓަން އަމުރު ކުރެވިދާނެ ކަމަށް ސުޕްރީމް ކޯޓުން ވެސް ކުރިން ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ.
ޔާމީންގެ ވަކީލުން ވިދާޅުވިގޮތުގައި ޕާސްޕޯޓްގެ މުއްދަތު ހަމަވެފައި ވަނިކޮށް، އެފަދަ އަމުރެއް ނުނެރެވޭނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްސަލައިގައި ހައި ކޯޓުން ނިިންމާފައިވެ އެވެ. އަދި އަމުރެއް ނެރުނަސް، އެކަމުން ނުކުންނާނެ އެއްވެސް ނަތީޖާއެއް ނޯންނާނެ ކަމަށް ވަކީލުން ބުންޏެވެ. ކޯޓަށް އެއްބާރުލުން ދިނުމުގައި އެއްވެސް މައްސަލައެއް ކުރިމަތިވެފައި ނުވަނީސް، ކުއްލި ގޮތަށް އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުނީ ނުބައި ނިޔަތެއްގައި ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ އަޑުއެހުމުގައި ޔާމީން ވިދާޅުވީ، އެ މަނިކުފާނު ފުރާވަޑައިގަތުން މަނާކުރުމާ މެދު ގޮތެއް ނިންމުމުގައި ކުރިން އަމަލު ކުރެއްވި ގޮތްތަކަށް ބަލަން ޖެހޭނެ ކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު އެ މަނިކުފާނު ޖަލަށްލުމުގެ ކުރިން ވެސް ފުރާވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާފައި ނުވާނެ ކަމަށާއި އެހެންވީއިރު، ފުރާވަޑައިގަތުން މަނާކުރުމުގެ އަމުރެއް ނެރެންޖެހޭ ސަބަބެއް ނޯންނާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
ދެ ފަރާތުގެ ވާހަކަތަކަށް ފަހު، އެކަމާ މެދު ގޮތެއް ނިންމަވަމުން އިސް ގާޒީ ޝަކީލް ވިދާޅުވީ، ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި އޮތުމުން އެ މަނިކުފާނު ފުރާވަޑައިގަތުމުން މަނާކުރަން ޖެހޭ ކަމަށް ދައުލަތުން ބުންޏަސް، ޔާމީން ފުރާވަޑައިގަންނަވަން އުޅުއްވާ ކަމަށް ބެލެވޭ ހެއްކެއް ނެތް ކަމަށެވެ. އަދި ދައުލަތުން ހިފަހައްޓަން އެދޭ ދެ ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކަކަށް ވާއިރު، ވުޖޫދުގައި ނެތް ޕާސްޕޯޓްތަކެއް ހިފެހެއްޓޭނެ އަސާސެއް ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.
އިސް ގާޒީ ވިދާޅުވިގޮތުގައި، ޔާމީން ފުރާވަޑައިގަތުމަށް އުޅުއްވާ ކަމުގެ ހެއްކެއް ނެތްއިރު، އެ މަނިކުފާނަކީ ކޯޓަށް ގަވާއިދުން ހާޒިރުވާ ބޭފުޅެކެވެ. އެހެންވެ، އެ މަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެދެވެން ނެތް ކަމަށް ނިންމެވީ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
އެކަމަކު ޔާމީން ފުރާވަޑައިގަތުމަށް މަސައްކަތްޕުޅު ކުރައްވާ ނަމަ، ޕާސްޕޯޓް ހިފަހައްޓަން އަލުން އެދެވިދާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ޔާމީންގެ ޖަލު ހުކުމް ބާތިލް ކުރުމާ އެކު، އެ މަނިކުފާނުގެ ޕާސްޕޯޓް ހަތް ދުވަހަށް ހިފެހެއްޓުމުގެ އަމުރެއް ދައުލަތުން އެދިގެން ކްރިމިނަލް އޭރު ކޯޓުން ނެރުނެވެ. އެ އަމުރު މުއްދަތު މާދަމާ ހަމަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުޅިމަދު
06 December 2021
ނަސީބެއް ތިޔާ، ފަހުން ޗާޖުކުރާނެވަރެއްވެސް އެނގެނީކީނޫން ވިއްޔަ.
ހަސަނު
06 December 2021
ފުރަން ނޫޅޭމީހަކު ކީއްކުރަން ބުނަންވީ ޕާސްޕޯޓު ނުހިފަހައްޓާށޭ.. ހިފެހެއްޓިއަށް މަށަށް ވަރިހަމައޭ ބުނީމަ ނިމުނީނު..
ވަހީދު
07 December 2021
ބްރަދާ ތަންކޮޅެއް ފުނަށް ނަޒަރު ހިންގާލަ ބަަލަ.
ވާލުސޮރު އާބެ
07 December 2021
އެހެން ކޮންމެހެން ބުނަންޖެހޭތަ
ހަސާނާ
07 December 2021
ފުރަން ނުއުޅެނީސް ފިލައިގެން ދާން އުޅެނީއޭ ބުނީމަ ހަސަނުނަމަވެސް ރުޅިއަންނާނެ. އެއްވެސް އަސާސެއް ނެތް ބަދުނާމެއް އެޅުވުން މައްސަލައަކީ. ފުރަން ކިރިޔާ ހިތަށް އެރުވިއަސް އެމީހަކު ޕާސްޕޯޓް އާކުރަން އުޅޭނެކަން ކޮންމެ މީހަކަށްވެސް އެނގޭނެ. އެވަރު ނުދަންނަ މީހުން މޮޅެތި އަމުރު ނެރެން ހުށަހަޅާތީ މައްސަލައަކީ.
ދިއްދޫމީހާ
06 December 2021
މިކޮމެންޓް ނުޖަހާނެކަންވެސް އިންގޭ އެކަން އިންގިހުރެ މިލިޔަނީ، ދައުލަތުގެ ވަކީލުން ތިޔަ ޕާސްޕޯޓް އަމުރަށް އެދުމުން ދޭހަވީ ފޮތް ނުކިޔާކަން އަދި ފޮތްކިޔާތޯ ބަލަން ހުރި ބޭފުޅާވެސް ފޮތާ ދުރުގައުޅެނީ، ބަލައްވާ ވުޒޫދުގާ ނެތް ކަމަކަށް ކިހެނެއްތޯ އަމުރު ނެރޭނީ، އޯކޭ ޤާޒީ އަމުރު ނެރުނީ ޕާސްޕޯޓް ހިފައްޓަން ދެން ޔާމީން ޕާސްޕޯޓް އާކުރަން ނުގޮސްފިއްޔާ އެއީ ހާދަ ބޮޑު އިސްރާފެކޭ، ކޯޓު އަމުރު ނެރެން ބޭނުން ކުރި ކަރުދާސްތައް ވާނީ ބޭކާރު ޚަރަދަކަށް
ލައްޓި
06 December 2021
ދެން ބޭރަށް ގޮސްލާފަ، މަޑުކޮށްލާނީ ދެން ހުރި ދައުވާތައް ކުރިއަށް ނުގެންދެވޭނެ ދޯ އޭރަށް، ރިޔާސީ އިންތިހާބު އަންނަންވާއިރަށް. ދެން މުއްދަތު ކައިރިކޮށްލާފަ އައިސް، ސިޔާސީ ދައުވާއޭކިޔައި ރޮއި ހޭރިގަތީމާ އެންމެންވެސް ހަނދާން ބަލިވެގެން، ތެދެކޭ ތެދެކޭ ކިޔައި އަތް ޖަހާލާފާނެވެ.
ާއަލިމޯޑު
06 December 2021
ލައްޓިއެއް ރާގޮނޑިއެއް ކިޔާނެކަމެއް ނެތް މީގަ އެންމެ މޮޅުގޮތަކީ ހިތްވަރުކޮށްފަ ހަޖަމުކޮށްލުން.ޔާމީން ބޭރަށް ދާން ބޭނުންނަމަ ދެވޭނެދޯ ކުރިންވެސް.ސަރުކާރުން އަލީވަހީދު ވެސް ބޭރަށް ފޮނުވާލީ ސަރުކާރުން ދިން ޓްރެވަލް ޑޮކިޔުމެންޓެއްގަ. ސަރުކާރު އެހާ އިހްލާސްތެރި ނަމަ ކީއްވެ މިނިސްޓަރު މަހްލޫފުގެ ޕާސްޕޯޓް ނުހިފަހައްޓަނީ.ޔާމީން އަށް ވެސް މަހްލޫފަށް ވެސް ކުރަނީ އެމްއެމްޕީއާރުސީ އާ ގުޅޭ ދައުވާ.ސަރުކާރުގެ ސޯޓު ބޭލުނީ.
ކައްޓި
07 December 2021
ފުރަން ރާވާ މީހުން ޕާސްޕޯޓް އާނުކޮށް ތިބޭނެކަމަށް ގަބޫލުކުރާނީ މޮޔައިން.
އަހަރެން ގެ ވާހަކަ
06 December 2021
ދެން ފަހެ މިރާއްޖޭގައި މުޅިންވެސް ހިނގަނީ ދެއުޅި އެއްނުވާ ޒާތުގެ ކަންތަކެވެ. ޕާސްޕޯރޓް އާކޮށް ނުދޭން އަމުރެއް ނެރުނު ނަމަ ތަންކޮޅެއް ތާހިރުވީހެވެ.
ހުކުމް
06 December 2021
ބަލަ ވިޖޫދުގައި ނެރް މުއްދަރު ހަމަވެފަ އޮތް ޕާސްޕޯޓެއް 7 ދުވަހްށް ހިފެހެއްޓީ ދެން ކީއްކުރަން ކިހިނަކުން. ހުކުމް ކުރާމީހުނަކީވެސް ދެއުޅިއެއްނުވާ ބައެއް
ފަޒުލީނާ
06 December 2021
ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރޭ މި ކިޔަނީ ކީއްވެތަ؟ އަސްލު އެހެން ގައުމުތަކުގެ ގާނޫނުގައި އޮންނަނީ " ފުރުން މަނާކުރުމުގެ އަމުރު". އޭރުން، ބާ ޕާސްޕޯޓެއް ވިޔަސް، އާ އެއްޗެއް ވިޔަސް، ޓްރެވަލް ޑޮކިއުމެންޓެއްގައި ވެސް. އަދި އެއްޗެއް ނުލައިވެސް ރާއްޖޭގެ ގޭޓަކުން ފުރައިގެން ދާން ހުއްދައެއް ނޯންނާނެ. ކޮން ވައްތަރަކަށް ގާނޫނު ހަދާ ބަޔެއްތަ މިތާ މިއުޅެނީ.
ބަބު
06 December 2021
ނުކިޔަވާތިބި ކުދިންކޮޅެއް. އަތުގަ ލާރިކޮޅެއް ނުވަތަ ސިޔާސީ ޕާޓީއަކާއެއްކޮށް ދޮގުހަދާލީމަ އެމަގާމު ލިބޭ
ނެރެދެއްވާ
06 December 2021
ޔާމީނަށް ދަބަހެއް ޕެކްނުކުރެވޭނެކަމުގެ އަމުރަކަށް އެދެން ފެނޭ. އަދި މަތިންދާބޯޓަކަށް، ކަނޑުބޯޓަކަށް، ޓަގަކަށް، ހެލިކޮޕްޓަރަކަށް، ސަބްމެރީނަކަށް ނޭރޭނެފަދަ އަމުރަކަށް އެދެންވެސް ފެނޭ.
ހުރިގޮތް
06 December 2021
މި ގައުމުގަ ސަލާމަތްކަން އޮތީ ވަގުންނާއި ޑްރަގް ޑީލަރުންނަށް.
ގަމާރުބެ
06 December 2021
މިއީ މައުޟޫއީ ގޮތުން ބަލާއިރު ވަކި ކަމެއް ހުއްޓުވަން އެދޭ އެދުމެއް. މިއީ، ހަމަ ތިބެފަ ޑޮކިއުމެންޓެއް ހޯދުމެއް ނޫން. ޕާސްޕޯރޓަކީ ރައްވެހި ކަމުގެ އައިޑެންޓިޓީ އެއް. މުއްދަތު ހަމަވެފައިތޯ ނޫންތޯ ބެލުމަށްވުރެ, އޭގެ ބޭނުން ހިފައިގެން ތިމާގެ ބޮލުގައި އެޅިފައިވާ ތުހުމަތުގެ މައްސަލައެއް ކުރިޔަށް ނުގެންދެވޭފަދަ އަކުން އޭގެ އެޑްވާންޓޭޖެއް ނެގުން. މިއީ ނޫންތޯ ބަލަންޖެހޭ ކަމަކީ. އެއީ މުއްދަތު ހަމަވިޔަސް ހަމަ ޕާސްޕޯރޓް. އާކުރަންވެސް އެކްސްޕަޔަރވިއެތި އެބަހޯދާ