ސިފައިންނާއި ފުލުހުން ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް، މީގެ ކުރިން އޮޕަރޭޝަނެއް ހިނގަނީ؛ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބޮޑެތި ބަދަލުތައް ގެނައި އިސްލާހު މިހާރު ވަނީ ތަސްދީގުކޮށްފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު
15 ޑިސެމްބަރ 2021 - 19:32
ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރާ މީހުން، ކޯޓު އަމުރެއް ނެތި 48 ގަޑިއިރަށް ބަންދުކުރުމުގެ ބާރު ފުލުހުންނަށް މިއަދު ދީފި އެވެ.
ޓެރަރިޒަމްގެ ތުހުމަތަށް ތަހުގީގު ކުރުމަށް ފަހު، ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި ދައުވާ ނުކުރެވުނަސް، އެ ތަހުގީގު އަލުން ކުރެވޭނެ ހާލަތްތަކެއް ހިމަނައި، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ބަދަލު ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހު 29 ގަ އެވެ. އެ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައި ވަނީ އަމަލުކުރަން ފަށައިފި އެވެ.
ގާނޫނު މިހާރު އޮންނަ ގޮތުން ޓެރަރިޒަމްގެ މައްސަލަތަކުގައި ކޯޓު އަމުރު ނެތި މީހުން ބަންދުކުރެވޭނީ 24 ގަޑިއިރަށެވެ.
މި އިސްލާހާ އެކު ޓެރަރިޒަމްގެ މައްސަލައެއް ތަހުގީގު ކުރަން އޮންނަ މުއްދަތުގެ ތެރޭގައި ތަހުގީގު ނުނިމެނީ ފުލުހުންގެ ބާރު ނުފޯރާ ކަމެއްގެ ސަބަބުން ކަމަށް ވެއްޖެ ނަމަ، އެ ތަހުގީގަށް އިތުރު މުއްދަތު ވެސް ލިބޭނެ އެވެ.
ގާނޫނަށް ގެނައި މި އިސްލާހުގައި ބުނާ ގޮތުން، ޓެރަރިޒަމްގެ މައްސަލަތަކުގައި މުއްދަތު ފަހަނަޅައި ދާއިރު ދައުވާ ކުރެވޭ ވަރަށް ތަހުގީގު ނުނިމިގެން ހުއްޓިފައިވާ މައްސަލައެއްގައި އާ ހެއްކެއް ލިބިއްޖެ ނަމަ، އަލުން ތަހުގީގުކޮށް، ދައުވާކުރުމުގެ ފުރުސަތު ވެސް ދެވޭނެ އެވެ.
ޓެރަރިޒަމް ގާނޫނުގެ 28-1ގެ (ކ) އިން ފެށިގެން (ފ) އާ ހަމަ އަށް އަކުރުތަކެއް ވަނީ އިތުރުކޮށްފަ އެވެ. އެ މާއްދާ އަށް އިތުރުކުރާ (ކ) ގައިވާ ގޮތުން ޓެރަރިޒަމްގެ މައްސަލަތައް ތަހުގީގު ކުރަން ގާނޫނުގައި މިހާރު އޮތް މުހުލަތު ހަމަވާއިރު، ތަހުގީގު ނިންމައި ދައުވާކުރަން ނުފޮނުވޭ ނަމަ އެ މުއްދަތު އިތުރުކުރަން ޕީޖީ އޮފީހަށް ހުށަހެޅޭނެ އެވެ. އެގޮތަށް ހުށަހެޅުމުން 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް އިތުރު ކޮށްދިނުމުގެ އިހުތިޔާރު ޕީޖީ އަށް އޮންނާނެ އެވެ.
ގާނޫނުގެ 1-28 އަށް އިތުރުކުރި (އ) ގައި ވާ ގޮތުން މުއްދަތު އިތުރުކޮށްދޭ ހާލަތުގައި ވެސް އެ މާއްދާގެ (ޅ) ގައިވާ އިޖުރާއަތުތައް ހިނގާނެ އެވެ. އެއީ 15 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި މުއްދަތު އިތުރުކުރި ސަބަބު ބަޔާންކުރާ ލިޔުމެއް، ދައުވާއާ އެކު ކޯޓަށް ހުށަހެޅުމެވެ.
މި ގާނޫނަށް އިތުރުކުރި (ކ) ގައިވާ ގޮތަށް ކުރާ ތަހުގީގު ހިންގައި، އެ މުއްދަތުގައި ދައުވާ ނުކުރެވިއްޖެ ނަމަ އަލުން ދައުވާ ކުރެވޭނީ (މ) ގައިވާ ގޮތަށް އާ ހެއްކެއް ލިބިއްޖެ ހާލަތެއްގައި އެކަންޏެވެ.
މިހާރު ގާނޫނު އޮތް ގޮތުން ޓެރަރިޒަމްގެ މައްސަލައެއްގައި ހައްޔަރުކުރާ މީހެއް ހައްޔަރުކުރާ ފުރަތަމަ ފަހަރު އޭނާގެ މައްޗަށް ދައުވާ ނުކުރެވިއްޖެ ނަމަ، އެމީހަކު ދޫކޮށްލަން ޖެހެ އެވެ. އަދި ދޫކޮށްލާ ފަހުން އާ ހެއްކެތް ލިބުނަސް، އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި މި އިސްލާހާ އެކު ޓެރަރިޒަމްގެ ކުށްތައް ތަހުގީގުކުރުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކުރިމަތިވާ ބައެއް ގޮންޖެހުންތަކަށް ހައްލު ލިބި، އެ ފަރާތްތަކަށް ލިބިދޭ ބައެއް ބާރުތަކުގެ ދާއިރާ އަލުން ކަނޑައެޅިފައި ވާނެ އެވެ.
މި އިސްހާލަށް އަމަލުކުރަން ފަށަތާ އެއް މަސް ދުވަހުގެ ތެރޭގައި ރީހެބިލިޓޭޝަން އެންޑް ރީ-އިންޓަގްރޭޝަން ކޮމިޓީއެއް ވެސް ހޯމް މިނިސްޓަރު އެކުލަވާލަން ޖެހެ އެވެ. އަދި ހަމަ އެ މުއްދަތުގެ ތެރޭގައި މި ގާނޫނުގެ ދަށުން ހަދަން ޖެހޭ ހުރިހާ ގަވާއިދެއް އެކުލަވާލައި، އަމަލުކުރަން ފަށަން ވެސް ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤަރީބް
16 December 2021
ޓެރަރިޒަމް އޭ އެއްގޮތަށް ޑްރަގް އަކީވެސް ރާއްޖޭގެ މުޅި ފިއުޗަރ އެއްކޮށް ހަލާކު ކޮށްލާ ކަމެއް، ޑްރަގް ޓްރެފިކާސް އަށްވެސް މިގޮތަށް ހަދަން ޖެހޭ
ފޫހި
16 December 2021
ޑްރަގް ވިއްކާ މީހުންވެސް މިގޮތަށް ބަންދުގައި ބައިތިއްބަބަލަ.
ޙަބަރޭ
16 December 2021
ގޭންގް ކުށްތައް އަދި މަސްތުވާތަކެތީގެ ވިޔަފާރި އަށް ވެސް މި އިސްލާޙްތައް ގެންނަށްޖެހޭ.
އިބްރ
16 December 2021
އެމްޑީޕީއަށް މިކަން ލައިގަންނަދުވަސް ގާތްވަނީ
އިބުރާ
16 December 2021
ތިކަހަލަ ގޮތެއް ނެތްތަ މަސްތުވާ ތަކެއްޗަށް. އެކަމަކާއި ހެދި މަގެއް މައްޗަށް ނުކުންނަން ކުރެވިގެން މިއުޅެނީ
ޒެންޑޯ ފައިވާން
16 December 2021
ޓަނުން ކިލޯއިން މަސްތުވާތަކެތި އެތެރެކޮށް ގައުމުގެ ޒުވާން ޖީލުތައް ހަމައިން ނައްޓާލަން މަސައްކަތްކުރާ މީހުންނަށް ވެސް ގާނޫނުގައި ތިފަދަ ހަރުކަށި އަދަބު ދެވެން ނޯންނަނީތޯ؟ނޫނީ އެމީހުން ނަށް ހައްގުތައް ދެނީތޯ
ފޭއްސި
15 December 2021
އާ ގޮތަކަށް ވާނުވާ ޖަހަން ނުފަށައިފިއްޔާމު ރަނގަޅު..
ހަސަނު
15 December 2021
48 ގަޑި އިރު މަދު... 50 ދުވަސް ވާން ޖެހޭނެ...