28 ޑިސެމްބަރ 2021 - 09:58
ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އާ އަހަރާ ދިމާކޮށް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.
އޭނާ އާއި އާއިލާ ޗުއްޓީ ހޭދަކުރާ ސޮނެވާފުށި ރިސޯޓްގައި ބައިސްކަލް ދުއްވާ ވީޑިއޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ. އަކްޝޭ އާއި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބައެކެވެ. ޓްވިންކަލްގެ އިންސްޓަގްރާމްގައި ވެސް ދަތުރުގެ ވީޑިއޯއެއް ޕޯސްޓްކޮށްފައިވެ އެވެ.
ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ އާ އަހަރާ ދިމާކޮށް ޗުއްޓީ އަށް ރާއްޖެ އައިސްފައި މި ވަނީ ފިލްމީ މަސައްކަތްތަކުގައި ބިޒީކޮށް އުޅެމުންނެވެ.
އެންމެ ފަހުން ރިލީޒްވި އޭނަގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "އަތުރަންގީ ރޭ" އެވެ. މި އަހަރު ރިލީޒްވި އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި "ބެލް ބޮޓަމް" އާއި "ސޫރިޔަވަންޝީ" ވެސް ހިމެނެ އެވެ.
އަންނަ މަހުގެ 21 ގައި އޭނަގެ "ޕްރިތުވީރާޖް" ވެސް ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އިރު، އަންނަ އަހަރަށް ހުރި އަކްޝޭ، 54، ގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ" އާއި "ރަކްޝާ ބަންދަން" އާއި "ރާމް ސެތޫ" އާއި "އޯ މައި ގޯޑް (އޯއެމްޖީ) 2" ގެ އިތުރުން "މިޝަން ސިންޑްރެއްލާ" ހިމެނެ އެވެ.
ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން މި ފަހުން ރާއްޖެ އަށް އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެހެންވެ 2022 އަށް މަރުހަބާ ޔުމާ ދިމާކޮށް ގިނަ އަދަދެއްގެ މަޝްހޫރު ތަރިންގެ ޗުއްޓީ މަންޒިލަކަށްވާނެކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
އާ އަހަރަށް މަރުހަބާ ކިޔަން ރާއްޖޭގައި އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު މިއުޒިކް ޝޯ ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔަކާ އެކީގަ އެވެ. އެއީ "އާޝިގީ 2" އާއި "އޭކް ވިލަން" އަދި "ބާގީ" ފަދަ ފިލްމުތަކަށް މިއުޒިކް ހަދައި ލަވަ ކިޔާފައިވާ އަންކިތު ތިވާރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޯހަޅި މާކެޓިން
28 December 2021
އިންޑިޔާ ތަރިން އައުމަކުން މަމެންގެ އިންޑަސްޓްރީއަށް ވާ ފައިދާއެއްނެތޭ! އެމީހުން އެގެންނަނީ ރިސޯޓުން ނުވަތަ ޓޫރިޒަމް މިނިސްޓްރީން އިން ބިލުދައްކާގޮތަށޭ ޕރޮމޯޝަނޭކިޔާފަ، ދެން ތިބުނާ ތަރިންގެ ފޮލޯވަރުންނަކީ ރާއްޖޭގެ ލަގްޒަރީ ހޮޓާ އެފޯޑުކުރެވޭ ބައެއްނޫނޭ.
ކޮރަލް
28 December 2021
މި ފައިސާ އިން ބޮޑު ބައެއް ސިޔާސީ މީހުންނަށް ލިބި އެމީހުން ދަނީ ކުރި އަރާފަ ހުންނަ ގައުމު ތަކަށެވެ. ދެން އެތަންތަނުން ފްލެޓް ގަނެ އެވެ.
ށަވިޔަނި
28 December 2021
މަރުހަބާ. ހުރިހާ ތަރިންނަށްވެސް. އިންޑިއާއިން ހޭދަކުރާ ބަޔަކަށް އަންނާނީ މަހުޖަނުން. އާދައިގެ މީހުން ތިބޭނީ އަހަރުމެންވެސް ސިންގަޕޫރުފަދަ ތަންތަނަށް ގޮސް އުޅޭގޮތަށް އެންމެ އަގުހެޔޮ ހޮޓަލުގަ.
އާދަމްބޭ
28 December 2021
ޝުކުރިއްޔާ އަކްޝޭ.
ނުހާދު
28 December 2021
ސޮނެވާފުއްޓެއް ނޫން. އެއީ ސޮނެެވާ ޖާނީ